މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި މައްސަލަ އެއް ކޯޓުގައި އޮއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކެޓްރީ ކަމުގެ މަގާމަށް ހ. ވަޅުފެހި، ހިންނާ ހާލިދު (ހިންނަ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ހިންނަ (ފޮޓޯ) ހާލިދު މިހާތަނަށް ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާދުރު ވެރިޔާގެ މަގާމުގަ އެވެ. ނަމަވެސް އޭނާ ވަނީ އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ހިންނައަށް މިއަދު މަގާމު ދެއްވެވިއިރު މާލޭ ސިޓީކައުންސިލްގެ (ކުރީގެ މާލޭ މުނިސިޕަލްޓީގެ) ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އިތުރު ގަޑީގެ ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވާފައިވާ މައްސަލައެއް އޭސީސީން ޕީޖީއަށް ހުށަހެޅުމުން އެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.

އެއީ ހިންނަ 2010 ވަނަ އަހަރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު އިތުރު ގަޑީގެ ހާޒިރީ ފޮތް ހޮސްޕިޓަލަށް ގެނުވައިގެން 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ގެ ޖުލައި މަހު އޭނާ އެންމެ ފަހުން އޮފީހަށް ވަޑައިގަތް ދުވަހާ ހަމައަށް އެއްފަހަރާ އިތުރުގަޑި ލިޔުއްވައި ސޮއިކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އޭސީސީން އޭރު ބުނެފައި ވަނީ ހިންނަ އޮފީހަށް ވަޑައިގެންނެވި ދުވަހު އެއް ފަހަރާ ސޮއިކުރައްވައި ފައިސާ ނަންގަވާފައިވާ ކަން ހެކިންގެ ހެކި ބަހުންނާއި ލިޔެކިއުންތަކުން އެނގޭ ކަމަށެވެ.