ހއ. ވަށަފަރު ކައުންސިލް އިދާރާ ފަޅާލައި ލައްކަށް އަށް ވުރެ ގިނަ ރުފިޔާ އާއި ލެޕްޓޮޕެއް ވަގަށް ނަގައިފި އެވެ.

ވަށަފަރު ކައުންސިލްގެ ރައީސް އަބުދުﷲ ޒާހިރު ވިދާޅުވީ ސެކިއުރިޓީން ނުތިބޭ ކައުންސިލް އިދާރާ އަށް ވަދެ ވައްކަން ކޮށްފައި ހުރިކަން އެނގުނީ މިއަދު އޮފީސް ހުޅުވުމުން ކަމަށެވެ.

"ބުރާސްފަތި ދުވަހު އޮފީސް ބަންދުކޮށްފައި ދިޔައީ. މުހިންމު ކަމެއް ނެތިއްޔާ ބަންދު ދުވަސް ދުވަހަކު ނުހުޅުވަން އޮފީހެއް. މިއަދު ހުޅުވީމާ އެނގުނީ ވައްކަން ކުރި ކަން،" ކައުންސިލްގެ ރައީސް ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންކްރީޓު ފާރެއްގެ ތެރޭގައި ހުރި ތިޖޫރީގެ ތަޅު ހަލާކުކޮށްލައި 128،750 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާގައި ބަހައްޓާފައި ހުރި އޭނާގެ އަމިއްލަ ލެޕްޓޮޕް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ޒާހިރު ވިދާޅުވީ ކައުންސިލް އިދާރާ އަށް ވަދެފައި ވަނީ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ޒިންމާދާރު ވެރިޔާ ތިއްބަވާ ކޮޓަރީގެ ކުޑަދޮރެއް ތަޅާލައިގެން ކަމަށެވެ. އަދި ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރި ހުންނާނީ ތަޅުނުލައި ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަން ޓީމެއް ވަށަފަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.