ފުރަތަމަ ޓާމު ބަންދަށް ފަހު، ޤައުމީ ސަލާމުން ހުރިހާ ސުކޫލުތަކެއް ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ކަނޑައަޅުއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އަދި، ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ވެސް ގައުމީ ސަލާމުން ފައްޓަން އަންގާފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރު ދިވެހި ސްކޫލުތަކުގައި 84،200 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ރައީސް ގައުމިއްޔަތު ދިރުވައި އާލާ ކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި ގައުމީ ސަލާމުން ކިޔެވުން ފަށަން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދިވެހި ދަރިވަރުން ހެދުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ވެސް އެސެމްބްލީ އޮންނަ ދުވަސްތަކުގައި ގައުމީ ސަލާމުން އެސެމްބްލީ ނިންމައެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ގުރުއާން ކިޔެވުމަށް ފަހު ގައުމީ ސަލާމް ކިޔާނެއެވެ.