07 Jan 2024, 08:53
"މައާލް. ދަރިފުޅާ…" މައާލްއަށް ބަލައިލުމަށްފަހު މުނީރު ގޮވާލިއެވެ. އެގޮވާލުމުގައި ހުރި އަސަރަކުން މައާލްގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އޭނާ "ލައްބައޭ" ބުނެ ބޯ ޖަހާލިއެވެ.
މުނީރު ދައްކަން އެ އުޅޭ ވާހަކައެއް ނޭނގި މައާލްގެ ހިތް ތެޅެމުން ދިޔައެވެ. މުނީރަށް ވިސްނާލެވުނެވެ. މައާލްގެ ބައްޕަގެ ވާހަކަތައް އެ ވަގުތުގައި ކިޔައިދިނުމަކީ ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ހެއްޔެވެ؟ ޚާއްސަކޮށް އެންމެންގެ ވަސިއްޔަތަކީ މައާލްގެ އަސްލު ބައްޕަގެ ދުލުން އެ ހަޤީގަތް ހާމަކުރުން ކަމުގައިވާއިރު، އޭނަ އެ ހަޤީގަތް ބުނުމަކީ މުނީރު އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ބައެއްފަހަރު ޙާލަތަކީ އިންސާނާ ބޭނުންވާ ގޮތަށް ބަދަލުވާ އެއްޗެއް ނޫނެވެ. ތަޤުދީރަކީ އިންސާނާއަށް ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. ވަގުތާ ޙާލަތަށް ރިޢާޔަތްކޮށްފައި، އިންސާނާ ބޭނުން ނޫން ކިތަންމެ ގޮތަކަށް ކަންތައްތައް ނިންމަން ޖެހިދާނެއެވެ. މުނީރު ރާދިންއަށް ބަލާލުމާއެކު، އެ ބަލާލުމުން މުނީރު ބުނަން ބޭނުންވާ ވާހަކަ ރާދިންއަށް ވެސް ފަހުމްވިއެވެ.
"ބައްޕާ… ކިހިނެއްވީ؟ރާދިން؟" ހިމޭންކަމުގައި އިރުކޮޅެއް ދިޔަފަހުން މައާލް މުނީރަށް ބަލާލިއެވެ. އެއަށްފަހު އޭނާ އަވަސް ނަޒަރެއް ރާދިންއަށް ވެސް ދިނެވެ.
"ބައްޕާ…" މައާލް ދެވަނަ ފަހަރަށްވެސް މުނީރަށް ގޮވާލިއެވެ.
"މައާލް. ބައްޕައަށް އެނގޭ މި ހާމަކުރަން އުޅޭ ހަޤީގަތުން މައާލް ހައިރާންވާނެކަން. އަދި އެތަކެއް ސުވާލެއް އުފެދޭނެކަންވެސް. އެކަމަކުވެސް ބައްޕަގެ އުންމީދަކީ ކެތްތެރިކަމާއެކު މައާލް މި ވާހަކަތައް އަޑު އެހުން." މުނީރުގެ ވާހަކައިން މައާލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. އޭނާއަށް ރާދިންއަށް ވެސް ބަލާލެވުނެވެ. މުނީރެކޭ އެއްގޮތަށް ރާދިންވެސް ވަނީ ހާސްވެފައެވެ. ނުތަނަވަސްވެފައެވެ. އެހެންކަމުން އެ ދެމީހުންގެ ނުތަނަވަސްކަން މައާލްއަށް ގުޅުވައިލެވުނީ ރާދިންއާ އޭނާއާއެވެ. އަނެއްކާ މުނީރު ދައްކަން އެ އުޅެނީ ރާދިންއާ އޭނާގެ ވަރީގެ ވާހަކަ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު އޭނާގެ ހިތް ތެޅިގަތެވެ.
"މައާލްއަށް މައާލްގެ ބޮޑުބޭބެއާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟" ވާހަކަ ފެށުމުގެ ގޮތުން މުނީރު ސުވާލެއް ކޮށްލިއެވެ. އެ ސުވާލާއެކު މައާލްއަށް ހައިރާންކަން ލިބިގެން ދިޔައެވެ. މުނީރު އެފަދަ ސުވާލެއް ކުރަން ޖެހުނު ސަަބަބެއް ފަހަރެއްގައިވެސް އޭނާއަކަށް ނޭނގުނެވެ.
"ފުއާދުބޭ؟… މާ ބޮޑު އެއްޗެއް ނޭނގޭ. ބައްޕައާ ފުއާދުބޭއާ އެންމެ ކުރިން ފަށައިގެންވެސް މާ ބޮޑު ގުޅުމެއް ނެތްކަން އެނގެނީ. ހީވަނީ މާޒީގައި ކޮންމެވެސް ކަމެއް އެ ދެމެދުގައި ހިނގާފައިވާހެން. ބައްޕަވެސް ފުއާދުބޭގެ ވާހަކައެއް ނުދައްކާ. ލަންޑަނަށް އަންނަ ފަހަރުތަކުގައި ވެސް ކުރީގައި ގެއަކަށް ނާންނާނެ. ފަހުން ފަހުން އައިސް ގެއަށް އަންނަން ފެށީ. މާ ބޮޑު ގުޅުމެއް ނެތަސް ބައްޕަވެސް ވާހަކަ ދައްކަން ފެށި. ލޭގެ ގުޅުން އޮންނާތީ އަބަދު ރުޅި އައިސް ހުރުމަކީ ހައްލެއް ނޫންކަމަށް ބައްޕަ އެއް ދުވަހު މަންމައާ ވާހަކަ ދައްކަމުން ބުނި އަޑު އެހިން. އެފަހުން ފުއާދުބޭ ގެއަށް އާދޭ...... އެކަމަކު ބައްޕަ ކީއްވެ ކުއްލިއަކަށް ތި ސުވާލު ތިކުރީ؟" މައާލްގެ އަޑުން ހައިރާންކަން ފާޅުވެއެވެ.
"މައާލް… އެ އެކްސިޑެންޓަކީ ބައެއްގެ ރޭވުމެއް. މައާލްގެ މައިންބަފައިންގެ އިތުރުން މައާލްގެ މައިންބަފައިންގެ ވަކިވެ ދިޔުމުގެ ފަހަތުގައި ހުރީ ނުލަފާ މީހެއް." މުނީރުގެ ވާހަކައާއެކު މައާލްއަށް ރާދިންއަށް ވެސް ބަލާލެވުނެވެ. އެކަމާ ފުއާދާ ހުރީ ކޮން ގުޅުމެއްބާއޭ މައާލްގެ ހިތަށް އެރިއެވެ.
"ބައްޕާ…." އޭނާއަށް ގޮވާލެވުނެވެ.
"މައާލް… އެ ހުރިހާކަމެއްގެ ފަހަތުގައި ހުރި މީހަކީ ފުއާދު. އަދި އޭނަ އެކަން ކުރީ ފައިސާއާ މުދަލުގެ ދަހިވެތިކަމުގައި." ރާދިންއަށް ވެސް ބަލާލާފައި މުނީރު ހަޤީގަތް ހާމަކޮށްލުމާއެކު މައާލްއަށް ލިބުނީ ޝޮކެކެވެ.
"އެކަމަކު އޭނަ ކީއްވެ؟" މައާލްއަށް މޫނުގައި އަތް ކާތާލެވުނެވެ.
"ކީއްވެ؟" ދެވަނަ ސިކުންތުގައި އޭނާގެ ނޭވާވެސް އަވަސްވެގެން ދިޔައެވެ. އެ ހިނދު އެއްދުވަހެއްގެ ހަނދާނެއް އައިސް އޭނާގެ ސިކުނޑީގައި ޓަކި ޖަހާލިއެވެ. އެކަމަކު އެ ވާހަކަ ބުނުމުގެ ކުރިން އޭނަ މުނީރާ ސުވާލެއް ކޮށްލިއެވެ.
"ބައްޕަމެންނަށް ތި ހަޤީގަތް އެނގުނީ ކިހިނެއް؟" އޭނަ ސުވާލު ކޮށްލަމުން، ރާދިންއަށް ވެސް ބަލާލިއެވެ. ހީވާކަހަލައެވެ. އަވަސްޖަވާބެއް މައާލް ބޭނުންވެއެވެ.
"މައާލް… " ރާދިން މައާލްގެ ސަމާލުކަން ހޯދާލަމުން އޭނާ ހުރިހާ ވާހަކައެއް މައާލްއަށް ކިޔައިދިނެވެ. ހެންރީގެ ވާހަކައާއި، އެކަން ހެންރީ ކުރި ސަބަބުވެސް މެއެވެ. އަދި އޭނާ މައާލްއަށް ގެއްލުން ދޭން އުޅުނުކަމަށާއި އެ ހުރިހާކަމެއް އެމީހުންނަށް އެނގުނީ ހެންރީގެ ފަރާތުންކަން ކިޔައިދިނެވެ. ރާދިން ސިއްރުކުރީ މައާލްގެ ހަޤީގީ ބައްޕަގެ ވާހަކައެވެ.
"މުދަލަށް ދަހިވެތިވެގެން އިންސާނުން ކުރާ ފާފަތަކުގެ ވާހަކަ އަޑު އެހިނަމަވެސް، ހިޔެއް ނުކުރަން އާއިލާ މީހަކު އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަކަށް. ބައްޕާ! އަޅުގަނޑުވެސް ވާހަކައެއް ބުނަން ބޭނުން." އެހެން ބުނެފައި މައާލް އޭނާއަށް ފެނުނު މަންޒަރު ކިޔައިދޭން ފެށިއެވެ.
* * * * *
"ދަރިފުޅާ! ދޭބަލަ ބައްޕައަށް ކާން ގޮވާލަން." ކާކޮޓަރީގަރި ހުރި ފަހުމާ މައާލްއަށް ބަލާލާފައި ބުނެލިއެވެ.
"މަންމަ ދިޔައިމައެއްނު ބައްޕަ އުފާވާނީ…" މައާލް ސަމާސާކޮށްލިއެވެ.
"ދަރިފުޅު ދިޔަޔަސް ބައްޕަ އުފާވާނެ." ފަހުމާ ހިނިތުންވެލިއެވެ. ފަހުމާގެ ގައިގައި ބައްދާލާފައި އޭނާ ވަރަށް ލޯބިވާވާހަަލަ ބުނެފައި މައާލް ސްޓަޑީއާ ދިމާލަށް ދިޔައެވެ. އޭރު ސްޓަޑީގައި ޝާކިރާއެކު ފުއާދު އިންކަމެއް މައާލްއަކަށް ނޭނގެއެވެ.
"އޭނާ ސްޓަޑީއާ އަރާ ހަމަވިއިރު ދޮރު ހުރީ ކުޑަކޮށް ހުޅުވިފައިކަމުން އެ ދެމީހުން ވާހަކަ ދައްކަމުން ދިޔަކަން މައާލްއަށް އެނގެއެވެ.
"ފުއާދު. ތިކަން ތިގޮތަށް ކުރެވޭކަށް ނެތޭ އަހަރެން ބުނެފީމެއްނު." ޝާކިރުގެ އަޑު ތަންކޮޅެއް ބާރަށް މައާލްއަށް އަޑު އިވުނެވެ.
"އެކަަމަކު ތި ކުންފުންޏަކީ އަހަރެންގެ ވެސް އެއްޗެއްނު. ދެން ކީއްވެ އަހަންނަށް ތި ކުންފުނިން އެއްބައި ހިއްސާއަކަށް ނުދެވެންވީ؟" ފުއާދުގެ އަޑުވެސް އިވުނެވެ.
"ފުއާދު. ފުއާދު ތިހެން ބުނާއިރުވެސް އެނގޭނެ ބައްޕަ ކަންތައްކުރީ އެންމެ އިންސާފުވެރިކޮށްކަން. ނޫންތަ؟" ޝާކިރުގެ އަޑު އިވުނެވެ.
"ބަނގުރޫޓުވާން ކައިރިވެފައި އޮތް އެއްޗެހި އަހަންނަށް ނުދޭކަމަކަށް ނުވާނެ." ފުއާދު ބުނެލި އަޑު އިވުނެވެ.
"ފުއާދަށް ހަމަ ރަނގަޅަށް އެނގޭނެ ތިބުނާ ގޮތަކަށް ނޫންކަން ކަންތައް އޮތީ، އަދި ފުއާދަށް ވެސް ހަމަހަމައަށް ބައްޕަ މުދާ ދިންކަން. ވީއިރު އިންސާފުވެރި ނުވާންވީ އެއްގޮތެއްވެސް ނެތް." ޝާކިރު ބުންޏެވެ. ފުއާދާ ޝާކިރާ ދެމެދު ދެބަސްވުމެއް ހިނގަނީކަން މައާލްއަށް އެނގުމާއެކު އޭނާއަށް އިތުރަށް ޝާކިރަށް ގޮވާލާކަށް ނުކެރުނެވެ.
"ޝާކިރު ނެތް ދުނިޔެއެއްގައިވެސް މައާލްއަށް ވުރެ ބޮޑަށް ތި މުދާތައް ހައްޤުވާނީ އަހަންނަކަށް ނޫންތަ؟" ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން ފުއާދުގެ އަޑު މައާލްގެ ކަންފަތުގައި ޖެހުނެވެ.
"ފުއާދު. ތި ވާހަކަތައް އަހަރެން އަޑު އަހާކަށް ބޭނުމެއް ނޫން. މައާލްއަކީ އަހަރެންގެ ދަރިއެއް. އަހަރެންގެ މުދަލަކީ މައާލްގެ ހައްޤެއް. އޭގެން އެހެން މީހަކަށް ބައިއަޅަން ޖެހޭކަން އަހަރެން ނުދަނެ ހުރިން. ފުއާދުގެ ހިތުގައި މިހާ ދުވަސްވީއިރުވެސް އަހަންނާ މެދު އޮތް ހަސަދަވެރިކަމަށް އެއްވެސް ބަދަލެއް ނާދޭ ދޯ. އޭރުވެސް އަހަންނަށް އެނގުނު ފުއާދު އަހަރެން ދެކެ ހިތްހަމަ ނުޖެހޭކަން. އެކަމަކު އަހަރެމެންގެ މައިންބަފައިންގެ ދެމެދުގައި ހިނގިކަމެއްގައި އަހަރެމެން ދެމީހުން ކުރާނީވެސް ކީއް؟" ޝާކިރުގެ އަޑު އިވުނެވެ.
"ޔޫ ވިލް ރިގްރެޓް ދިސް ޝާކިރު…" އެންމެފަހުން ކުރި ޒުވާބު ނިމުނީ ފުއާދުގެ އެ ބަސްތަކުންނެވެ. ފުއާދު ސްޓަޑީން ނުކުތީވެސް މައާލް އެތަނުގައި ހުއްޓައެވެ. ދަބަަހަށް އަތުގައި އޮތް ފައިލްތައް ލަމުން ފުއާދު ނުކުމެގެން ދިޔުމާއެކު އެ ތަން ބަލަން ހުރެފައި މައާލް އެތެރެއަށް ވަނެވެ. އޭރު ޝާކިރު އިނީ ގޮނޑީގައި ލެނގިލައިގެންނެވެ.
"ބައްޕާ…" މައާލް ގޮވާލިއެވެ.
"ދަރިފުޅާ…" މައާލް ފެނުމާއެކު ޝާކިރުގެ މޫނުމަތިން ހުރިހާ އުދާސްކަމެއް ނެތި ދިޔަކަހަލައެވެ. އޭނާގެ މޫނު އުޖާލާވެގެން ދިޔައެވެ. ވަގުތުން ހުރިހާކަމެއް ހަނދާން ނެތުނު ފަދައަކުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެސް ވެރިވެގެން ދިޔައެވެ.
"މަންމަ އެ ހުންނެވީ ބައްޕަގެ އިންތިޒާރުގައި." މައާލް ބުނެލިއެވެ. އެއާއެކު ޝާކިރު އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.
"ރޭގަނޑުގެ ކެއުމުގެ ވަގުތު ދޯ…" އެހެން ބުނެލާފައި ޝާކިރު ގޮނޑިން ތެދުވެލިއެވެ. އަދި މައާލްއާއެކު ކާ ކޮޓަރިއަށް ދިޔައެވެ.
"ފަހޫ… ކޯންޗެއް ތައްޔާރުކޮށްލީ؟" ކާކޮޓަރިއަށް ވަދެފައި ޝާކިރު ސުވާލުކޮށްލިއެވެ.
"ބައްޕައަށް އެންމް މީރު ކުކުޅު ރިހަ." އެ ސުވާލަށް ފަހުމާގެ ކުރިން ޖަވާބު ދިނީ މައާލްއެވެ. ފަހުމާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ.
ރޭގަނޑުގެ ކެއުމަށް އެ މީހުން އިންސާފުކުރިއެވެ. ދެން ފުއާދާއި ޝާކިރާ ދެމީހުން ދިމާވީ އޭގެ ތިން ދުވަސް ފަހުންނެވެ. ގޭގެ ބޮޑު ކޮޓަރީގައި ތިން މީހުން ތިއްބާ ފުއާދު އައިސް ވަނެވެ. ފުއާދު ފެނުމުން ޝާކިރުގެ މޫނުމަތީގެ ކުލަވަރުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނޫނީ އެ އަސަރުތައް ފޮރުވާލަން ޝާކިރު މޮޅީއެވެ.
"އަހަރެން މިއައީ ކުރެވުނު ކަންތަކަށް މާފަށް އެދެން ވެގެން" ފުއާދު މާފަށް އެދުނު ނަމަވެސް، އެއީ ހޮޔޮހިތުން އޭނާ ބުނި ބަހެއް ނޫންކަން ޝާކިރަށް އެނގުނެވެ. އޭނާ އެއީ އެވަރުކަމެއް ނޫނޭ ބުނެ ވާހަކަ ކުރުކޮށްލިއެވެ.
"ފުއާދަށް ހެޔޮ ވިސްނުނީތީ އަހަރެން އުފާކުރަން." ޝާކިރު ބުނެލުމާއެކު ފުއާދު ހިނިތުންވެލީ ގަދަކަމުންނެވެ.
"އެއްޗެއް ކާލައިގެން ދޯ ދާންވާނީ؟" ފަހުމާ ބުނެލިއެވެ. ގެއަށް އަންނަ މެހެމާނުންނަށް ހެޔޮކޮށް ހިތުމަކީ ފަހުމާ އާއި ޝާކިރުގެ ރީތި ސިފަތަކުން ސިފައެކެވެ.
"ދެން އަހަރެން މިކޮޅަށް އަންނަ ފަހަރެއްގައި މިގޭގައި މަޑުކޮށްލެވޭނެތަ؟" ފުއާދު ސުވާލުކޮށްލިއެވެ.
ފުއާދަކީ އެއް އިރެއްގައިވެސް އެގޭގައި މަޑުކުރާ މީހެއް ނޫންކަން ކުޑަ ހައިރާންކަމެއް އެންމެނަށް ލިބުނެވެ. ގުޅުން ހީނަރުވެފައިވަނީ އެހާވެސް ބޮޑަށެވެ.
"ފަހަރެއްގައި މިގޭގައި މަޑުކޮށްލަން ދަތިވެދާނެ. މިކޮޅުގައި ފުއާދަށް ހުރެވޭނެ ގޮތެއް ނެތިއްޔާ ހޮޓެލެއް ހަމަޖެއްސިދާނެ." ހަޤީގަތުގައި ފުއާދާ އެހާ ބޮޑު ގުޅުމެއް ބާއްވަން ޝާކިރު ބޭނުންވާކަން އޭނާގެ ވާހަކަތަކުން ފުއާދަށް ޔަޤީންވެ ޝާކިރާ މެދު އޭނާގެ ހިތުގައި ޝަކުވާ އުފެދެމުން ދިޔައެވެ. އެ ޝަކުވާތަކުގެ ފަހަތުގައި އެ ހިތުގައި ރުޅިވެރިކަމާއި ހަސަދަޔާއި ނަފްރަތު ދިޔައީ ކުރި ފަޅާ ހެދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ފަހުންވެސް ފުއާދާ ޝާކިރާ ދެމެދު މައްސަލަަތައް ޖެހެއެވެ. މައާލް ފުއާދާ ގަޔާނުވާ ސަބަބަކީ އެއީއެވެ. އެގެއަށް ފުއާދު އަންނަނީ ކަންބަލަން ހެން އޭނާއަށް ހީވާތީއާ ވެސް އެކުގައެވެ. ފުއާދު ހީވަނީ ކަމެއް ބޭނުންވެގެން އުޅޭހެންނެވެ. ޝާކިރަށްވެސް އެކަން އިޙްސާސްވި ނަމަވެސް، އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ފުއާދުގެ ގޮތް އޭނާއަށް ރަނގަޅަށް އެނގޭތީއާވެސް އެކުގައެވެ.
*****
މައާލް އޭނާއަށް އެނގޭ މިންވަރަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭރު އޭނާގެ ލޯ ކޮންމެވެސްވަރަކަށް ފެންކަޅިވީ ޝާކިރާ ފަހުމާގެ މަތިން ހަނދާންވެފައެވެ.
"މައާލް! މާޒީގައި ޝާކިރާއި ފުއާދާ ދެމެދު ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގި. މައާލްއަށްވެސް އެނގޭނެ ފުއާދަކީ ޝާކިރުގެ އެއްބަފާ ކޮއްކޮކަން. ޝާކިރުގެ ބައްޕަ، އަދި މައާލްގެ ކާފަ ޖަވްހަރު އެންމެ ފުރަތަމަ ކައިވެނިކުރީ ބަހިއްޔާއާ. އެއަށްފަހު މައާލްގެ ކާފަ ދެ އަނތްބަށް ހައްވަ ކިޔާ އަންހެނަކާ ކައިވެނި ކުރި. އެއީ ފުއާދުގެ މަންމައަކީ. އެކަމަކު ފުއާދުގެ އުމުރުން ފަނަރަ ވަރަކަށް އަހަރުގައި އެ ދެމެދުގައި ދިމާވި މައްސަލައެއްގައި މައާލްގެ ކާފަ ހައްވަ ވަރިކުރީ. ދިމާވި މައްސަލަ މާ ބޮޑަށް ނޭނގުނު ނަމަވެސް، ބައްޕައަށް އެނގޭގޮތުން ހައްވަ ބޭނުންވީ ކާފަ ލައްވާ މާމަ ވަރިކުރުވަން. އެ މައްސަލައިގަ ހައްވަ ވަރިވީ. އެއަށްފަހު، ވެސް ފުއާދަށް ބަރާބަރަށް ހަރަދުކުރިކަމަށްވަނީ. އޭގެފަހުން، މައާލް ކާފަ ނިޔާވުމުގެ ކުރިން ފުއާދާ ޝާާކިރާ ބައްދަލުކުރި ވާހަކަ ޝާކިރު ބުނި. އަދި އޭރު ކާފަގެ ނަންމަތީގައި ހުރި ވިޔަފާރި އެ ދެމީހުންގެ ނަން މައްޗަށް ބަދަލުކުރަން ބޭނުންވާ ވާހަކަ ކާފަ ބުނީ. މައްސަލަ ޖެހުނީ އެހާ ހިސާބުން، ވިޔަފާރީގެ މައިގަނޑު ދެބައި ވަކިކޮށް، އެއް ވިޔަފާރި ހަވާލުކުރީ ޝާކިރާ އަދި އަނެއް ވިޔަފާރި ހަވާލުކުރީ ފުއާދާ. ކާފަ ނިޔާވުމަށްފަހު، ޝާކިރުގެ ވިޔަފާރު ކުރިއަރައިގެން ދިޔައިރު، ފުއާދުގެ ވިޔަފާރި ދިޔައީ އަޑި އަޅާލަމުން. އެންމެ ފަހުން ފުއާދަށް މަޖުބޫރުވީ ވިޔަފާރި ވިއްކާލަން. ވިއްކާލާފައި އޭނާ ބަދަލުވީ ލަންކާއަށް އޭނާގެ އަންހެނުންނާއެކު. އޭރު މައާލްގެ މަންމަ އިންނާނީ މައާލްއަށް ބަލިިވެ." އެ ހިސާބަށް ބުނެފައި މުނީރު މައާލްއަށް ބަލާލިއެވެ. އެއަށްފަހު އޭނާ ރާދިންއަށް ވެސް އަވަސް ނަޒަރެއް ދިނެވެ.
(ނުނިމޭ)