މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވެއްޖެ ނަމަ ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށާއި، އަންނަނީ ސަރުކާރާ "ކޯޅެން" ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ސަރުކާރާ ގުޅިގެން މާލެ ސިޓީ ތަރައްގީ ކުރަން ބޭނުންވާނަމަ ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ހޮއްވަވައިދެއްވުމަށް އެދި އިލްތިމާސްކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އާޒިމް ވަނީ ރައީސް މުއިއްޒު، ސަރުކާރުން ނުކުންނަވާ މޭޔަރު ކެންޑިޑޭޓް ހޮއްވެވުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެއްވާފައެވެ.

ދައުލަތުގެ މީޑިއާއިން ރޭ ބޭއްވި މާލޭ މޭޔަރު ބަހުސްގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ރައީސް އެގޮތަށް ވިދާޅުވުން އެއީ "ތްރެޓެއް" ކަމަށް ވިދާޅުވެފައެވެ.

އެފަދައިން އިންޒާރުދޭ ވެރިއަކަށްވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި، މޭޔަރު ކަމަށް އިންތިޚާބުވެއްޖެނަމަ އެ މަގާމުގައި ހުންނަވައިގެން ސަރުކާރާ އެކު މަސައްކަތްކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންނަނީ ސަރުކާރާ ކޯޅޭކަށް ނޫން. އަޅުގަނޑުމެން މި އަންނަނީ ސަރުކާރާ އެއްކޮށް މަސައްކަތް ކުރަން،" އާޒިމް ވިދާޅުވިއެވެ.

ޕީއެސްއެމުން ބޭއްވި މާލޭ މޭޔަރު ބަހުސްގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް

އާޒިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާއަކާ ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ގާނޫނުއަސާސީ ބުނީ ކޯޅޭށެކޭ ނޫން. ގާނޫނުއަސާސީގައި ބުނަނީ މޭޔަރު ވެސް އަދި ރައީސުލްޖުމްޙޫރިއްޔާ ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާށޭ،" އާޒިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފައިވާ އާޒިމް ވަނީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަކީ މިވަގުތަށް އިސްރާފެއް ކަމަށެވެ.

"ފަސް ބިލިއަނަށް އެމްޓީސީސީއަށް ކުރެވޭނެ މަސައްކަތެއް 10 ބިލިއަނަށްކޮށް، ފަސް ބިލިއަން އެ އިސްރާފު ކޮށްލަނީ،" އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ބުނަނީ އިސްރާފު ނުކުރާށޭ. ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރާށޭ،"

ވެރިކަމާ ހަވާލުވާން ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މާލޭ މޭޔަރުކަމުގެ ގޮނޑިއަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.