ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ސައުތު ސިނަމާގެ ބަތަލާ ސަމަންތާ އާ ޢަޒުމަކާ އެކު މި އަހަރު ފިލްމީ މަސައްކަތަށް އެނބުރި ނުކުންނަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އާއްމުގޮތެއްގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ 'މަޔޯސައިޓިސް' ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ސަމަންތާ އާއްމުންނާ ހިއްސާ ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައެވެ.

އާ އަހަރަށް ހާއްސަކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ސަމަންތާ ބުނެފައިވަނީ 2024ވަނަ އަހަރު އެނބުރި މަސައްކަތަށް ނިކުންނާނީ އަމިއްލަ ސިއްޙަތާއި ކެރިއަރަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދީގެން ކަމަށެވެ. ހަމައެއާ އެކު އެކީގައި ރަޙުމަތްތެރިންގެ ގޮތުގައި ގެންގުޅެން ބޭނުން ވަނީ ސަމަންތާއަށް ހެޔޮއެދޭ ސަމަންތާގެ ކުރިއެރުމަށް ހިތްވަރުދޭ ފަރާތްތައް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ސަމަންތާ-- ފޮޓޯ- ފޭސްބުކް ފޭން ޕޭޖް

މިދިޔަ އަހަރު ސަމަންތާ ކުޅުނު ދެ ފިލްމު ކަމަށްވާ "ޔަޝޯދާ" އަދި "ހުޝީ"އަކީ ވަރަށް ތަފާތު ދެ ހާދިސާއެއް ކިޔައިދިން ދެ ފިލްމަށް ވީނަމަވެސް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް މި ދެ ފިލްމަށް ނުލިބެއެވެ. ނަމަވެސް ފިލްމުގައި ސަމަންތާގެ ރޯލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނުކަން ފާހަގަކޮށް ބަތަލާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ވެބް ސީރީސް "ދަ ފެމިލީ މޭން"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާއަށް 'މަޔޯ ސައިޓިސް' ޖެހުނުއިރު ދިޔައީ އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "ސިޓަޑެލް އިންޑިއާ"ގެ މަސައްކަތް ކުރަމުންނެވެ. މި ސީރީސްގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާއިރު ބެލުންތެރިންނާ ހަމައަށް ސީރީސް ގެނެސްދޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. ސަމަންތާއާ އެކު "ސިޓަޑެލް އިންޑިއާ"ގެ ލީޑް ރޯލުން ފެންނާނީ ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންއެވެ.