މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް ފައިސާގެ ބޮޑަތި އެހީތަކެއް ވެދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ބުނެފި އެވެ.

އިންޑިއާޔަކީ ޒަމާނުއްސުރެ ވެސް ރާއްޖެ އަށް އެންމެ ގިނައިން އެހީވަމުން އަންނަ އެއްގައުމެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން 2009 ވަނަ އަހަރުން ފެށިގެން އިންޑިއާ އިން ރާއްޖޭގެ އެކި ޕްރޮޖެކްޓްތަކަށް ދީފައިވާ އެހީގެ އަދަދު 53.45 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ 825 މިލިއަނެއްހާ ރުފިޔާ އެވެ. އެގޮތުން އިންޑިއާ ސަރުކާރުން ވަނީ އައިޖީއެމްއެޗަށް 4.5 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އަދި ޕޮލިސް އެކަޑަމީއަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ އިރު ޕޮލިސް ވެހިކަލް ގަތުމަށް ނުވަ މިލިއަނެއްހާ ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ އިން ވަނީ މާލީ އެކި ކަންކަމަށް ވެސް ރާއްޖެ އަށް އެހީވެފަ އެވެ. އެގޮތުން 268 މިލިއަން ޑޮލަރު، ފައިސާގެ ގޮތުން ނަމަ 4.5 ބިލިއަން ރުފިޔާ ވަނީ އިންޑިއާ އިން ރާއްޖެ އަށް ދީފަ އެވެ. އެގޮތުން ސާކް ސަމިޓުގެ އެކި ކަންކަމަށް ވަނީ 28 މިލިއަން ޑޮލަރު، އަދި 500 ހައުސިން ޔުނިޓް އެޅުމަށް 40 މިލިއަނެއްހާ ޑޮލަރު އިންޑިއާ އިން ދީފައިވާ އިރު، ސްޓޭންޑްބައި ކްރިޑިޓް ފެސިލިޓީގެ ގޮތުގައި 100 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.

ޕްރައިވެޓް އިންވެސްޓްމަންޓްތަކަށް އިންޑިއާ 977 މިލިއަން ޑޮލަރުގެ ކޮންޓްރިބިއުޝަނެއް ރާއްޖޭގެ އެކޮނަމީއަށް ދީފައިވާ ކަމަށް ދައްކަ އެވެ. އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އަށް އިންވެސްޓްކޮށްފައިވާއިރު އިންޑިއާ އިން ރާއްޖޭގައި ބައެއް ހިންގުމަށް ރާވާފައިވާ ޕްރޮޖެކްޓްތައްވެސް އެބަހުއްޓެވެ. އެއީ 100 މިލިއަން ޑޮލަރުގެ ބޭންކިން ކޮމްޕެނީ އަކާއި މިހާރު ހަދަމުންދާ 450 ހައުސިން ޔުނިޓަށް ހަރަދުވާ 50 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކުގެ ބޭރުން އިންޑިޔާ ސަރުކާރުން ސީދާ ރާއްޖެއަށް ދީފައިވާ އެހީގެ އަދަދު ގާތްގަނޑަކަށް ފަސް ބިލިއަނެއްހާ ރުފިޔާ އަށް އަރަ އެވެ. ޕްރައިވެޓް އިންވެސްޓްމަންޓްތައް އެއްކޮށް ލުމުން އެ އަދަދު ޑަބަލްވާނެ އެވެ.

މީގެ އިތުރުން ވެސް އިންޑިއާ އިން ވަނީ ރާއްޖޭގައި މީހުން ބިނާ ކުރުމާއި ތައުލީމީ އަދި އިޖުތިމާއީ އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީވެފަ އެވެ.

އިންޑިއާޔަކީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ ބޮޑުބާރެވެ.