ޕީޕީއެމްގެ ވެރިކަމެއްގައި ހާސިލު ކުރާނެ ލަނޑުދަނޑިތަކުގެ މެނިފެސްޓޯއެއް ތައްޔާރު ކުރުމަށްޓަކައި ސަރުކާރުގައި މިހާރު ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި މައުލޫމާތު އެއްކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އަދި މިހާރު ސަރުކާރުގައި ވެސް ވައުދުތައް ފުއްދުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި ޕީޕީއެމުން ވަނީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާ ބައްދަލުކޮށް މައުލޫމާތު އެއްކުރަން ނިންމާފަ އެވެ.

އެގޮތުން އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި އާސަންދަ ކުންފުންޏާ ބައްދަލު ކުރަން ވަނީ ނިންމާފަ އެވެ. ތައުލީމީ ވެއްޓެއް ގާއިމް ކުރުމަށްޓަކައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި ބައްދަލު ކުރުމަށް ނިންމާއިވާއިރު، ސިނާއީ ތަރައްގީ ހޯދުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ގިރާ ކުރުމަށްޓަކައި ހައުސިން މިނިސްޓްރީއާ ބައްދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

މި މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށް ޕީޕީއެމް ކައުންސިލުން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފަ އެވެ. ކޮމެޓީގެ ޗެއާއަކަށް އިންނަވަނީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ. ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ރައީސް މައުމޫންގެ ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އާއި އެ ޕާޓީގެ ކައުންސިލްގައި ހިމެނޭ އަހުމަދު ނިމާލާއި އަހުމަދު ސިއްދީގެވެ.

ވައުދުތައް ފުއްދުމުގައި މިހާރުގެ ސަރުކާރުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ޕީޕީއެމްއިން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން އެ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު ނިމާލު ވިދާޅުވީ އެ މައްސަކަތް ކުރިއަށް ގެންދަނީ ދެ ފޭސް އަކަށް ބަހައިލައިގެން ކަމަށެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ދެމުންދާ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރިތަކާ ބައްދަލު ކުރުން ކަމަށެވެ. އަދި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނޭނީ ޕީޕީއެމްގެ މިނިސްޓަރުން ނުހިމެނޭ ވުޒާރާތައް ކަމަށް ނިމާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ސަރުކާރަކީ ވެސް ޕީޕީއެމް ހިއްސާވާ ސަރުކާރެއް ކަމުން، ސަރުކާރުގައި ހުރި މައްސަލަތައް ދެނެގަނެ އަޅާނެ ފިޔަވަޅުތައް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެކަމުގެ ދެ ބޭނުމެއް އެބައޮތް އެއީ މެނިފެސްޓޯއެއް އެކުލަވާލުން. ދެވަނަ ކަމަކީ އަޅުގަނޑުމެން ހިއްސާވާ ސަރުކާރެއް ކަމުގައިވާތީވެ، މިހާރުން މިހާރަށް ރައްޔިތުންގެ ކަނބޮޑުވުންތައް ހުރި ދިމަދިމާ ފާހަގަކޮށް، ސަރުކާރުގެ ތެރެއިން މިކަންތައްތައް ތަރައްގީކޮށް، މިހިނދުން މިހިނދަށް ފިޔަވަޅު އަޅައި، ހިދުމަތްތައް ފޯރުކޮށްފިނުން،" ނިމާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ކަމާ ބެހޭ ވުޒާރާތަކާ ބައްދަލު ކުރާނީ އެ ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންނާ ބައްދަލު ކުރުމަށްފަހުގައި ކަމަށެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް ޑިސްކަޝަން ފޯރަމަކަށް ގޮސްފައި ތަފާތު ހިޔާލުތައް ވުޒާރާތަކާއެކު ބަދަލު ކުރެވޭނެ ކަމަށް ނިމާލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މައުލޫމާތުތައް އެއްކުރިއަސް މެނިފެސްޓޯ އެކުލަވާލުމަށް ވަކިން ހާއްސަ ޓީމެއް ކައުންސިލުން ނަގާނެ. އެއީ ރާއްޖޭގެ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް ބޭފުޅުންނާއެކު އެ މަސައްކަތް ކުރެވޭނީ،"

ޕީޕީއެމުން މި މަސައްކަތް ފަށާފައިވާއިރު މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިގެންދާ މައްސަލާގައި މައުލޫމާތު އެއްކުރުމަށް މާދަމާ ސްޓެލްކޯއާއެކު ބައްދަލުވުމެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.