07 Jan 2024, 06:42
ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެނިގެންދާ ލޯބީގެ ފިލްމު "މިއީ އިޝްގު" ޕްރިމިއާކޮށްފިއެވެ.
ރޭގައި އޮލިމްޕަހުގައި ފިލްމުގެ ފުރަތަމަ ޝޯ ދައްކާފައިވަނީ ތަރީންނާ އެކު ކުރިއަށް ގެންދިޔަ ޕްރިމިއާ އިންނެވެ. ފިލްމުގެ ލީޑު ކާސްޓުންގެ އިތުރުން ފިލްމުގެ ކްރޫ މެންބަރުން ވެސް ވަނީ ފިލްމުގެ ޕްރިމިއާގައި ބައިވެރިވެފައެވެ.
މިއީ މިއަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ފިލްމެވެ.
އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ މި ލޯބީގެ ފިލްމު އިއުލާނުކޮށް ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
މި ފިލްމަކީ އާޝާއާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި ޖޯޑެއްގެ ގޮތުގައި ދެ މީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.
މިއީ އަޒްހާން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.
އަޒްހާން ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ލީޑުން ފެންނަ ދެ މީހުންގެ މެދުގައި ވަރުގަދަ ލޯތްބެއް ދައްކައިދޭނެ ފިލްމެކެވެ. އަދި، މި ފިލްމުން ލޯތްބާއި މަޖާ އަދި ހިތާމަވެރި އިހުސާސްތައް ވެސް ކުރުވާނެ ކަމަށް އަޒްހާން ފާހަގަކޮށްފައެވެ.
އަޒްހާން އިތުރަށް ބުނެފައިވަނީ މި ފިލްމަކީ އާއިލާ އެކު ގޮސް އެންމެންނަށް ވެސް ބަލައިލެވޭނެ ފިލްމެއް ކަމަށެވެ. އަދި ދިވެހި އޯޑިއެންސްއާ ގުޅޭ ތީމުތައް މި ފިލްމުން ފެންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.
ފިލްމުގެ އިތުރު ޝޯތަކުގެ ޓިކެޓުތައް މިހާރު ވެސް އަންނަނީ ދޫކުރަމުންނެވެ. އެގޮތުން އޮލިމްޕަސް ކައުންޓަރުން ޓިކެޓު ވިއްކަމުންދާއިރު ޓިކެޓު ބުކް ކުރުމަށްޓަކައި ގުޅާނީ 9633326 އަށެވެ.