06 Jan 2024, 18:13
އިދިކޮޅުން ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަނީ ޑިމޮކްރަސީއާއި ގާނޫނުތަކާ ވެސް ޚިލާފަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ ޕާޓީ، ޕީއެންސީން މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރައީސް ވިދާޅުވީ އެ ކެންޑިޑޭޓާ ވާދަކުރާ ޕާޓީތަކުން އަމަލު ކުރަނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫން ކަމަށެވެ.
"ހުރިހާ އެންމެން މި ތިބީ އެއް ޕާޓީއަކުންނެއް ނޫން. އަޅުގަނޑުމެންގެ ޕާޓީން އެއް ކެންޑިޑޭޓު މޭޔަރެއްގެ ގޮތުން. ދެން އެހެން ޕާޓީތަކުން އެހެން ކެންޑިޑޭޓުން. އެ ބޭފުޅުންގެ އަމަލާއި ބަސް މިހާރު ހުރީ ކިހިނެއްކަން އެބަ އެނގޭ ނޫންތޯ. މަޖިިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރަސީއާ ޚިލާފަށް. ގާނޫނާ ވެސް ޚިލާފަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ޕާޓީތަކުން އަންނަ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ކަންކަން ނިންމުމުގެ ފުރުސަތު ދިނުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.

ހުޅުމާލޭގެ ފޭސް 2ގައި މިއަދު ބޭއްވި ޕީއެންސީ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒު ރައްޔިތުންނާއި ސަލާމްކުރައްވަނީ --- ފޮޓޯ: މޫސާ ނަދީމް/ ސަން
އެ ފުރުސަތު ދީފިނަމަ އެ ޕާޓީތަކުން ސަރުކާރުގެ ނިންމުންތަކަށް ހުރަސްއަޅައި، ތަރައްގީއަށް މަޑުޖެހުމެއް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމެއްގައި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެނީ ކައުންސިލަރުންނާއި މޭޔަރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރުން ބޭނުންވާ ކަންކަމަކީ ރައްޔިތުން ބޭނުންވާ ކަމެއްތޯ ޔަގީންކުރެވޭނީ ވެސް، ކައުންސިލަރުންނާއި މޭޔަރުންގެ އެހީތެރިކަމާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ވަރަށް ސާފު ނިންމުމެއް ނިންމަން މި ޖެހެނީ އަޅުގަނޑުމެންގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްބަރު ތިނެއް ހޮވައިފިއްޔާ އެ ހިފެހެއްޓުންތަކެއް ނާންނާނެ. ރައްޔިތުންނާ ހަމައަށް އަޅުގަނޑު ބޭނުންވާ ގޮތް ދާނެ. ރައްޔިތުން ބޭނުންވާ ގޮތް ސީދާ އަޅުގަނޑާ ހަމައަށް އަންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވަނީ ވިލިމާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވެސް، އާޒިމާގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މީގެ ކުރިން މާލޭގެ މޭޔަރު ކަމުގައި ހުންނެވި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ހުސްވި މަގާމަށް މީހަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގައެވެ.
އެ އިންތިޚާބުގައި އާޒިމާއާ ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ފުލުސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ޝުއައިބު އަލީ(ފުރަހަނި ޝުއައިބު) އެވެ.