27 May 2012, 13:52
ތަހުގީގެއް ފުރިހަމަ ކުރަން އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރުން "ރަހީނު"ކުރި އިމިގްރޭޝަން މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ސަރުކާރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ގޮވާލައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އޭސީސީގެ އިންވެސްޓިގޭޓަރުން އިމިގްރޭޝަނަށް ވަނުމުން އެއްބާރުލުން ނުދީ، އޮފީހުގައި ބަންދުކުރި އިމިގްރޭޝަނުގެ މުވައްޒަފުންގެ މައްސަލަ ސީއެސްސީން ބަލައިފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ތަހުގީގުތަކަށް ހުރަސް އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ވެސް އިމިގްރޭޝާނުގެ މުވައްޒަފުންގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. ސަރުކާރުން ގަބޫލު ކުރާ ހަމައަކީ ވެސް އެއީ ކަމަށެވެ.
"ސަރުކާރުން ގަބޫލު ކުރަނީ އޭސީސީގެ މުވައްޒަފުނަށް ހުރަސް އަޅާ އިމިގްރޭޝަން ޑިޕާޓްމަންޓް ތެރޭގައި އޭސީސީގެ މުވައްޒަފުން ރަހީނުކުރި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް. އެކަން ސިވިލް ސާވީސް ކޮމިޝަނުން ބެލުމަށް ފަހު، އޭރު އިމިގްރޭޝަން އޮފީސް ބަންދުކޮށްފައި ނިކުމެގެން ދިޔަ މުވައްޒަފުންނަށް ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ގޮވާލަން،" އައްބާސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އޭސީސީގެ އޮފިޝަލުން އިމިގްރޭޝަނުގައި ބަންދުކޮށް ކަރަންޓް ކަނޑާލާގައި ނުކުމެގެން ދިއުމަކީ "ވަރަށް ދަށު ދަރަޖައިގެ އަމަލެއް" ކަމަށެވެ.
"އެއްވެސް ހާލަތެއްގައި މިނިވަން މުއައްސާއަކަށް ހުރަސް އެޅިގެން ނުވާނެ. އެއީ ސަރުކާރު ގަބޫލު ކުރާނެ ކަންތައް ތަކެއްނޫން،" އައްބާސް ވިދާޅުވި އެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ އިމިގްރޭޝަން ޑިޕާޓްމަންޓް ތެރޭގައި އޭސީސީގެ މުވައްޒަފުން ރަހީނު ކުރި މައްސަލައެއް އެއްވެސް ފަރާތުން އަދި ހުށަހަޅާފައިނުވާ ކަމަށާއި އެ މައްސަލަ ހުށަހަޅައިފި ނަމަ އެ މައްސަލަ ބައްލަވާނެ ކަމަށެވެ.
އޭސީސީން ވަނީ އިންވެސްޓިގޭޓަރުން އިމިގްރޭޝަނުގައި ބަންދު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި ބުނެފައި ވަނީ އިންވެސްޓިގޭޓަރުންނާ މެދު އެގޮތަށް އަމަލުކުރި ފަރާތްތަކާ މެދު ކޮމިޝަނުގެ ގާނޫނުން ލިބިދޭ ފުރިހަމަ ބާރުގެ ބޭނުންކޮށް ފިޔަވަޅު އަޅާނެ ކަމަށާއި އެކަމުގައި މަޑުން ނުތިބޭނެ ކަމަށެވެ.
"ހަގީގަތުގައި ދައުލަތުގެ މުއައްސަސާއަކުން ކަންތައް ކޮށްގެން ނުވާނެ ގޮތަކަށް އަޅުގަނޑުމެނާ ދޭތެރޭ ކަންތައް ކުރީ. އަޅުގަނޑުމެންގެ މުވައްޒަފުންތަކެއް އެ އިދާރާ [އިމިގްރޭޝަން]ގައި ތިއްބާ ކަރަންޓް ކަނޑާލައި އޭސީ އާއި ފަންކާތަކާއި ބޮކި ނިއްވާ ބޭރުން ތަޅުލައި ބަންދުކުރުމުން އެތެރޭގައި ތާށިވި،" މުއައްވިޒު ވިދާޅުވި އެވެ. "އެ ތާށިވުން އެއީ އަޅުގަނޑުމެނަށް ގަބޫލު ކުރާނެ، ބަލައިގަންނާނެ ކަމެއް ނޫން. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން އަދި އެއާ ދޭތެރޭ ކޮމިޝަނުނުގެ ގާނޫނުން ފިޔަވަޅު އެޅުމުގައި ކޮމިޝަން ފަހެއް ނުޖެހޭނެ. ކޮމިޝަނުގެ ބާރު ކަނޑުވާލުމުން ނުވަތަ އެގޮތަށް މަސައްކަތް ކުރުމުން އަޅުގަނޑުމެން [މަޑަކުން] ނުތިބޭނަން،"