27 May 2012, 13:26
ނޭޝަނަލް ލައިބްރަރީ ކުރިން ހުޅުވާފައި ހުންނަނީ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަކަށެވެ. ނަމަވެސް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ލައިބްރަރީ ހުޅުވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށެވެ.
ޑިރެކްޓަރު އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ މިގޮތަށް ހަމަޖެއްސީ ގައުމީ ކުތުބުހާނާގެ މަސައްކަތްތަކާ ބެހޭ ގޮތުން އެ ކުތުބާހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށެވެ.
ހިދުމަތް ހޯދާ ފަރާތްތަކުން ލައިބްރަރީގެ ހިދުމަތް ހޯދަން ބޭނުންވަނީ ކޮން ވަގުތެއްގައިތޯ ބެލުމަށް މައުލޫމާތު ހޯދާ ސީޓެއް ތައްޔާރު ކުރުމަށްފަހު، ކުތުބުހާނާއިން ހިދުމަތް ހޯދާ ފަރާތްތަކުން 10 ދުވަސް ވަންދެއް މައުލޫމާތު ނަގާފައިވާ ކަމަށާއި މައުލޫމާތު ހޯދި ފަރާތްތަކުގެ 90 ޕަސެންޓް މީހުން ބޭނުންވީ ހެނދުނު 10:00 އިން އިރު އޮއްސި 6:00 ގެ ނިޔަލަށް ކުތުބުހާނާ ހުޅުވާފައި ބަހައްޓަން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ ގޮތަށް ލައިބްރަރީ ހުޅުވާފައި ހުންނަ ގަޑި މިވަނީ ބަދަލުކޮށްފައި، ކުތުބު ހާނާ ހުޅުވިފައި ހުންނާނެ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް. ނަމަވެސް ލައިބްރަރީގެ ހިދުމަތް ދޭނީ ހެނދުނު 10:00 އިން 6:00 އަށް،" ޝިޔާމް ވިދާޅުވި އެވެ.
ލައިބްރަރީއަށް ދުވާލެއްގެ މައްޗަށް އާންމުކޮށް 300 އަށް ވުރެ ގުނަ މީހުން ޒިޔާރާތްކޮށް ހިދުމަތް ހޯދާއިރު އާއްމު ގޮތެއްގައި ހިމެނެނީ ކިޔަވާ ކުދިންނެވެ.