ވެރިރަށް މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި، ކަމަށާއި، ރައްޔިތުންނަށް ތަފާތު ދައްކަވާނެކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާ ކުރައްވާ ކޮންމެ ކަމެއް ވެސް ކުރައްވަނީ ވަރަށް ސާބިތުކަމާއެކީ ކަމަށެވެ.

އަދި މަސައްކަތްކުރައްވަނީ ނަތީޖާ ނެރެދިނުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަޅުގަނޑު ކުރާ މަސައްކަތެއްގައި އަޅުގަނޑު ހަމަ ފުރިހަމަ ސާބިތުކަމާއެކީގައި މަސައްކަތްކުރާ މީހެއް. އަޅުގަނޑުމެން މިއަދު ރައީސް އަރިހުގައި ތިއްބެވި ޓީމާ އެކީގައި ދިވެހި ރައްޔިތުންނަށް ވާ ވައުދަކީ، އަޅުގަޑުމެންނަށް މި ފުރުސަަތު ދެއްވާށޭ، އަޅުގަނޑުމެން ތި ރައްޔިތުންނަށް ތަފާތު ދައްކާނަމޭ،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އޭނާ މޭޔަރުކަމަށް ހޮވައިގެން ރައްޔިތުން ކުރަންޖެހޭނެ ހިތާމައެއް ނޯންނާނެކަމަށެވެ. ސަބަބަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރާއެކު، އޭނާއަށް އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބޭތީކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހާ ކޮންފިޑެންޓްކޮށް މި ހުރީ އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑަށް މަގުދައްކަވަން ހުންނެވީ މާލޭގެ މޭޔަރުކަމުގައި އެތައް ކާމީޔާބީއެއް ހޯއްދަވައިފައި އަދި އެ ކާމީޔާބީތައް، ފަހުން ހުށަހެޅި މެނިފެސްޓޯ ދިވެހި ރައްޔިތުން ފުރިހަމަ އަޣުލަބިއްޔަތުން ބަލައިގަނެ، އަޅުގަނޑުގެ ކުރިމަތީ މަގުދައްކަވަން ހުންނެވީމާ،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، މޭޔަރުކަމުގެ އިންތިޚާބަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑީޑޭޓަކީ އޭނާ ކަމަށެވެ. މިއީ އަންހެނަކަށް ފަސޭހަ ކަމަކަށް ނުވާނެކަމަށާއި ނަމަވެސް މިއީ ސާބިތުކަން ނުދެއްކެންވީ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ސަރުކާރުގައި މަސައްކަތް ފެއްޓެވި އަންހެނެއްކަމަށާއި، އެއާއެކު މިއަދު މޭޔަރުކަން ކާމިޔާބުކުރެވިއްޖެނަމަ އަންހެނުންނަށް ވެސް ސާބިތުކޮށްދެވެނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އުހަށް ދިއުމަށް ފުރުސަތު އޮތްކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އާޒިމާގެ މެނިފެސްޓޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި މަހު 13ގައި މޭޔަރު އިންތިޚާބު އޮންނައިރު، މިހާރު ވެސް ހުރިހާ ކެންޑިޑޭޓުން ގެންދަވަނީ މާލޭގައި ކެމްޕޭން ކުރައްވަމުންނެވެ.