05 Jan 2024, 16:36
އެހެން ގައުމެއްގެ ބަހަށް ޝައުގުވެރިވެ، އެ ބަސް ކުރިއަރުވަން މަސައްކަތް ކުރާތަން މިއީ ވަރަށް މަދުން ނޫނި ނުފެންނަ މަންޒަރެކެވެ. އަދި ޚާއްސަކޮށް ދިވެހި ބަހަށް ޝައުގުވެރިވެ، އެ ބަހަށް ލޯބި ޖެހި އެހެން ގައުމެއްގެ މީހަކު އަމިއްލަ ގައުމުގައި ވެސް ދިވެހި ބަސް ކުރިއަރުވަން އުޅޭތަން މިއީ އަމުދުން ނުފެންނަ މަންޒަރެކެވެ.
ޗައިނާގެ ޒުވާނެއް ކަމަށްވާ ޝޫ ފަންގް ފަންގް، މިއާ މުޅިން ތަފާތެވެ. އޭނާ އަކީ ދިވެހި ރާއްޖެއަށާއި، ދިވެހި ބަހަށް ވެސް ލޯބި ޖެހިފައި ހުރި މީހެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ވެސް ހާމަ ވެގެންދަނީ ދިވެހި ބަހަށާއި ދިވެހި ސަގާފަތަށް އޭނާގެ ހިތުގައި އުފެދިފައި އޮތް ޚާއްސަ ލޯތްބެވެ.
ދިވެހި ބަސް ކުރިއަރުވައި، އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ޗައިނާގެ ރައްޔިތުންނަށް، އަދި ޚާއްސަކޮށް ޗައިނާގެ ޒުވާން ޖީލަށް ދިވެހި ބަސް ދަސްކޮށްދިނުމަށް މި ފަހަރު އޭނާ އެޅީ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ނެރުނީ ދިވެހި ބަސް ދަސްކޮށްދޭން "ދިވެހި ބަސް" ކިޔާ ފޮތެކެވެ.
އެނާގެ އެ ފޮތުގައި ދިވެހިރާއްޖޭގެ ސަގާފަތުގެ އިތުރުން ފަތުރުވެރިކަމަށް ވެސް ވަނީ އަލިއަޅުވައިލައިފައެވެ. އެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަތުރުވެރިކަން ފެށިގެން އައި ގޮތުގެ މައުލޫމަތު ވެސް އެ ފޮތުގައި ހިމަނައިފައިވެއެވެ.
މި ފޮތް ޕަބްލިޝް ކުރުމަށް ފަހު އޭނާ ވަނީ އެކްސްގައި އެ ފޮތާ ގުޅޭ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނީ އޭނާގެ ފޮތުގެ އަލީގައި ރީތި ދިވެހި ބަސް ޗައިނާގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ދަސްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަދި، އެ ފޮތް ލިޔުމުގައި އޭނާއަށް އެހީވި ދިވެހި ރަހުމަތްތެރިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ފުރަތަމަ 2018 ވަނަ އަހަރު ދިވެހި ބަސް ދަސްކުރަން ފެށި ފަންގްއަކީ ޗައިނާގެ ފުރަތަމަ ދިވެހި މުދައްރިސް ވެސް މެއެވެ.
މިހާރު އޭނާ އަންނަނީ ޗައިނާގެ ބަސްތައް އުނގަންނައިދޭ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ ބެއިޖިންގެ ފޮރިން ސްޓަޑީސް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަސް އުނގަންނައިދެމުންނެވެ.
މީގެ ކުރިން، އޭނާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން އޭނާއަށް އެންމެ ފުރަތަމަ ދިވެހި ބަސް އުނގަންނައިދިނީ ޑރ. ޝައިސްތާ އަލީއެވެ. މިކަމާ ގުޅޭގޮތުން އޭނާ ކޮށްފައިވާ ޕޯސްޓުގައި ބުނީ ދިވެހި ބަސް ދަސްކުރުމުގެ މަރުހަލާގައި، އަކުރުގެ ރާގާއި މަޚުރަޖުން ފެށިގެން ގޮސް އަކުރު ލިޔާނެ ގޮތް ވެސް އުނގަންނައިދިނީ ޑރ. ޝައިސްތާ ކަމަށެވެ.
ފަންގްއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން ދިވެހި ބަހުގެ ކޯހެއް ވެސް ފުރިހަމަކޮށްފައި ހުރި ޒުވާނެކެވެ.
ބޭރުގެ ބައިނަލްއަގުވާމީ ޔުނިވާސިތީއެއްގައި އެންމެ ފުރަތަމަ ފަހަރަށް ދިވެހި ކޯހެއް ފެށީ ވެސް ޗައިނާގެ ބީއެފްއެސްޔޫގައެވެ. އެއީ، މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރުއެވެ.