27 May 2012, 12:46
އަންނަ ރޯދަމަހު ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑު ވިޔަ ނުދިނުމަށް ދުރާލާ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެ ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށާއި މިފަހަރު އަގުތައް އުފުލިގެން ދިޔަ ނުދެއްވާނެ ކަމަށެވެ.
"މިފަހަރު ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކާބޯތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރަމުން މިއަންނަނީ. ހާއްސަކޮށް ފިޔާއާ އަލުވި އަދި ކުކުޅު ބިހަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން މިއަންނަނީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެހެން އަހަރުތަކުގެ ތަޖުރިބާއަށް ބަލައި ބާޒާރުގައި ތަކެތީގެ އަގުތަށް އުފުލުމުގެ ކުރިން ރާއްޖޭގެ ބާޒާރަށް ތަކެތި ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރޯދަމަސް ފެށުމުގެ 20 ދުވާއި 15 ދުވަސް ކުރިން ރޯދައަށް ބޭނުންވާ ކާބޯތަކެތި ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރެން މަސައްކަތް ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ކުރިއާލާ ތަކެތި އެތެރެ ކުރަން ނިންމީ އަތޮޅުތަކުގެ ތެރެއަށް ތަކެތި ފޯރުކޮށް ދެވޭނީ އެގޮތަށް ކަމަށްވާތީ، އަދި ތަކެތީގެ އަގު ބާޒާރުގައި ބޮޑުވިޔަ ނުދިނުމަށްޓަކައި،" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ބުނީ މިފަހަރު ރާއްޖެއަށް މުދާ އެތެރެ ކުރާނީ ވިޔަފާރިވެރި، އެހެން ފަރާތްތަކުން ރޯދައަށް މުދާ އެތެރެކުރާ މިންވަރު ވެސް ބަލައި ތަކެތީގެ ޑިމާންޑް ނުވެއްޓި އެއްވަރެއްގައި ދެމެހެއްޓޭނެ ގޮތަކަށް ކަމަށެވެ. ހާއްސަ ގޮތެއްގައި ރޯދަމަހު ބާޒާރުގައި އެންމެ ޑިމާންޑް ބޮޑުވާ ފިޔާ އަލުވި ބިހުގެ އަގުތަކަށް ބޮޑު ވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކޮންމެ ރޯދަ މަހެއްގައި ވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދެއެވެ. ކުކުޅު ބިހާއި އަލުއްވާއި ފިޔާއަކީ އެންމެ ބޮޑަށް އަގުތައް އުފުލޭ ބާވަތްތަކަށް އަބަދުވެސް އޮންނަނީ ވެފަ އެވެ. މިއަހަރުގެ ރޯދަ މަސް ފެށެނީ ޖުލައި 20 ވަނަ ދުވަހު އެވެ.