ބައެއް ފަނޑިޔާރުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓްތައް އެބޭފުޅުންނަށް މިލްކު ކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޖުޑިޝަލް ސާވިސް ކޮމިޝަނަށާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އަލުން މުރާޖާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު ބުނީ އެކަން އެގޮތަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 102 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާއާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 100 ވަނަ މާއްދާގެ (ހ)ގެ 11 ވަނަ ނަމްބަރާ ވެސް ހިލާފަށް ކަމަށާއި އެހެންވެ އެކަން އަލުން މުރާޖައާ ކުރުމަށް މާލިއްޔަތު ކޮމިޓީ އަށް އަންގާފައިވާނެ ކަމަށެވެ.

އޭސީސީން އަދި ބުނީ ކުރީގެ މިިނިސްޓްރީ އޮފް ޖަސްޓިސް އަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް މިލްކުވާ ގޮތަށް ކުއްޔަށް ހިފާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަނޑިޔާރުންގެ ތެރެއިން އެ ފްލެޓްތަކަށް މިހާތަނަށް ފައިސާ ދައްކަމުން ގޮސްފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ އަގު އަދާކޮށް ނިމުުމުން އެފަރާތްތަކަށް އެ ފުލެޓެއް މިލްކުވާ ގޮތަށް ނިންމާފައިވާ ރަޖިސްޓްރީކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ފަނޑިޔާރުންގެ ގާނޫނާ ކަނޑައެޅިގެން ހިލާފަށް އެފަނޑިޔާރުން މަސައްކަތްކުރާ ކޯޓްތަކުގެ ކޯޓްތަކުގެ އެހެން ފަނޑިޔާރުންނަށް ލިބި ނުދެވޭ ފަސޭހައެއް ނުވަތަ އިތުރު އިނާޔަތްތަކެއް ލިބިގެން ދާ ކަމަށެވެ.

ފަނޑިޔާރުންނަށް ފުލެޓް މިލްކުކޮށް ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި މައްސަލަ އަލުން މުރާޖައާ ކުރުމަށް އެންގީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް އޭސީސީން ބުންޏެވެ.