05 Jan 2024, 00:52
ހއ. އުތީމުގައި ހުންނަ އެ ރަށު ސިއްހީ މަރުކަޒަށް މެދުނުކެނޑި 44 އަހަރު ޚިދުމަތް ކޮށްދެއްވި ޞާބިރާ އާދަމް މިދިޔަ ބުދަ ދުވަހު ވަޒީފާއިން ރިޓަޔާކުރިއިރު އޭނާއަށް ކުރެވުނީ ހިތާމައާއި އުފަލުގެ އިހުސާސެވެ.
ހިތްދަތިވީ، އެހައި ގިނަ ދުވަހު، އެހައި ގިނަ ތަޖުރިބާތަކެއް ކުރުމަށްފަހު ވަޒީފާއާ ދުރުވާން ޖެހުނީމައެވެ. ހިތްހަމަޖެހުމުގެ އިހުސާސެއް ކުރެވުނީ ކުރިމަތިވި ކޮންމެ ހާލަތެއްގައި، ހީވާގިކަމާއި މިންނަތާއެކު އަގުހުރި ޚިދުމަތްތަކެއް ކުރެވުނު ކަމުގެ އިހުސާސް ކުރެވޭތީއެވެ.
ސިއްހީ ދާއިރާގެ ޚިދުމަތުގައި ޞާބިރާ ހޭދަކުރެއްވި 44 އަހަރާއި ހަތް މަސްދުވަހުގެ ދިގު ވާހަކަ ޞާބިރާ "ސަން"އަށް ވަނީ ހިއްސާކޮށްފައެވެ.
ޞާބިރާ ކިޔައިދިން ގޮތުގައި މީގެ 44 އަހަރު ކުރިން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ، އުތީމުގެ ރަށު އޮފީހުގެ ސިއްހީ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އެއިރު މި ދާއިރާގެ ކަންކަން ރާއްޖޭގައި އޮތީ ވަރަށް އާދައިގެ ގޮތަކަށެވެ. ހޭލުންތެރި މީހަކު އެހައި މަދެވެ.
އެހެންވެ އެއްވެސް ވަސީލަތެއްނެތި އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ބޮޑެތި މަސައްކަތްތައް ކުރަން ޖެހުނު ކަމަށް ޞާބިރާ ކިޔައިދިނެވެ.
"އޭރު ޖެހޭ މީހުން ހޭލުންތެރިކުރުވަން މަސައްކަތް ކުރަން. އެއްވެސް ހޭލުންތެރިކަމެއް ނުހުންނާނެ. އަޅުގަނޑުމެންނަށް ޖެހޭނީ އެ މީހުންގެ ނުރަނގަޅު އާދަތައް ރަނގަޅު އާދަތަކަށް ބަދަލުކުރަން މަސައްކަތް ކުރަން،" ޞާބިރާ ކިޔައިދިނެވެ.
ހަމައެއާއެކު އޭރު ދިމާވި ދަތިތައް ސިފަކޮށްދެމުން ޞާބިރާ ބުނީ، ޑޮކްޓަރުންނާއި ނަރުހުން ނުތިބޭތީ ވަރަށް ދަތި ހާލުގައި މަސައްކަތް ކުރަން ޖެހުނު ދުވަސްތައް ވެސް ދިމާވި ކަމަށެވެ.

ސިއްހީ މަރުކަޒުގެ ފަރާތުން ޞާބިރާ އަށް ޚާއްސަކޮށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: އުތީމު ސިއްޙީ މަރުކަޒު/ ފޭސްބުކް
އެގޮތުން މާބަނޑު އަންހެނުން ވިއްސުމާއި، އެ ނޫން ފަރުވާތައް ދިނުމުގައި ދަތިތަކާ ކުރިމަތިވިކަމަށް ކިޔައިދިނެވެ.
"އެއްފަހަރާ ދެމީހުން ބަނޑުގަ ރިއްސާ ވަގުތުތަކުގައި މަސައްކަތް ކުރަން ޖެހުނީމަ ވަރަށް ބޮޑު ރިސްކަކަށް ވާނެ. ކުރީގައި ތިބޭނީ ފޫޅޫމައިން. އެއްފަހަރެއްގަ ދިމާވި ދެ ގެ ދޭތެރޭގައި އެގޮތަށް މަސަައްކަތް ކުރަންޖެހުނު ހާލަތެއް ވެސް،" ޞާބިރާ ކިޔައިދިނެވެ.
ހަމައެއާއެކު ރަށުން ލިބޭ ވަސީލަތް މަދުކަމުން ކަނޑު ހުރަސްކޮށް، އަތޮޅުގެ އެކި ރަށްތަކަށް ބަލި މީހުންނާއެކު ގޮސް، ފަރުވާ ދޭންޖެހުނު ދުވަސްތައް ދިޔަކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަދި ބޮޑެތި ބަލިތަކުގެ މީހުންނަށް އެ މީހުންގެ މަރު ދުވަހާ ޖެހެންދެން ޚިދުމަތްކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
"އެއްފަހަރު ދިމާވި ކެންސަރު ޕޭޝަންޓެއް. އޭނާގެ ގުނަވަންތައް ވަކިވެގެން އަޅުގަނޑު އޭނަ ގޮވައިގެން ކުޅުދުއްފުޓަށް ދިޔައިމަ ރަށަށް ފޮނުވައިލީމަ ދެން އޭނަގެ މަރުދުވަހާ ޖެހެންދެން އަޅުގަނޑު ބަލަހައްޓަން ޖެހުނީ،" ޞާބިރާ ކިޔައިދިނެވެ.
މިހައި ދުވަހު ޞާބިރާ މި ދާއިރާގައި ޚިދުމަތްކުރިއިރު ދާއިރާގެ ތަފާތު ރޮނގު ރޮނގުން ޞާބިރާވަނީ ތައުލީމު ހާސިލްކޮށްފައެވެ. އެގޮތުން ފުރަތަމަ ޓްރެއިނިން ހާސިލްކޮށްފައިވަނީ މާލޭ، އޭޑީކޭ ހޮސްޕިޓަލް ކައިރިހުރި ސެންޓަރަކުންނެވެ.
ދެވަނަ ފަހަރަށް އަޕްގްރޭޑިން ޓްރެއިނިން ހާސިލްކޮށް އަތޮޅުތެރޭގައި ބޭއްވުނު ދާއިރާއާ ގުޅުންހުރި އެކި ވޯކްޝޮޕްތަކުގައި ބައިވެރިިވިކަމަށް ޞާބިރާ ކިޔައިދިނެވެ.
ސަރުކާރުން އުތީމުގައި ހެލްތު ޕޯސްޓެއް އަޅައިދިނީ 2004 ވަނަ އަހަރުއެވެ. އެއަށް ފަހު 2007 ވަނަ އަހަރު ވަނީ އެ ތަން ސިއްޙީ މަރުކަޒަކަށް ބަދަލު ކޮށްފައެވެ. އޭރު ޞާބިރާ ހުރީ އެ މަރުކަޒުގެ ހެލްތު އޮފިސަރެއްގެ މަގާމުގައެވެ.
ގިނަ އަހަރުތަކެއްގެ ޚިދުމަތަށްފަހު ޝަރަފުވެރިކަމާއެކު އޭނާ މިދިޔަ ބުދަ ދުވަހު މަގާމުން ރިޓަޔަކުރިއިރު، އޭނާގެ އާއިލާއާއެކު އެ ކަމަށް ޚާއްސަ ހަފްލާއެއް ވަނީ ބާއްވައިފައެވެ. މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
"ވަރަށް އުފާވެރި ރެއަކަށްވެގެން ދިޔައީ. އަޅުގަނޑުގެ ފެމިލީ ވެސް ބައިވެރިކޮށްގެން އެކަން ނިންމާލީމައި އަޅުގަނޑު ވަރަށް އުފާވި. ހުރިހާ މުވައްޒަފުންނާއި ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް އޮންނަނީ،" ޞާބިރާ ބުންޏެވެ.

ސިއްހީ މަރުކަޒުގެ ފަރާތުން ޞާބިރާ އަށް ޚާއްސަކޮށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: އުތީމު ސިއްޙީ މަރުކަޒު/ ފޭސްބުކް
ޞާބިރާއަކީ މުޅި ރަށުގެ ގަދަރާއި އިހްތިރާމް ލިބިފައިވާ މީހެކެވެ.
އެއާއެކު ރަށުގެ އަންހެނުން ކޮމިޓީގެ ރައީސްކަމުން ފެށިގެން އެންމެ ދަށް މަގާމުވެސް އޭނާ ފުރާފައިވެއެވެ. އަދި ރަށުގެ މުހިންމު ނިންމުންތައް ނިންމާއިރު، އެ ކަމުގައި ޞާބިރާގެ ބަސް ވެސް ހިމަނައެވެ.
"ރަށުގެ ބޮޑެތި ކަންކަމުގައި އެންމެ އިސްކޮށް އަބަދުވެސް ހަރަކާތްތެރިވަން. ބޮޑެތި ކަންކަމުގައި މަޝްވަރާކުރާނެ އަޅުގަނޑާ،" ޞާބިރާ ކިޔައިދިނެވެ.
ޞާބިރާގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ޓަކައި، ސަރުކާރަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑް ޞާބިރާއަށް މީގެ ކުރިން ލިބިފައިވެއެވެ.
ހަމައެއާއެކު 'ތިލައުތުރު އެވޯޑު' ލިބިފައިވާއިރު ރަށު ކައުންސިލާއި ސިއްޙީ މަރުކަޒުގެ ފަރާތުން ވެސް އެވޯޑްތައް ވަނީ ދީފައެވެ.

ސިއްހީ މަރުކަޒުގެ ފަރާތުން ޞާބިރާ އަށް ޚާއްސަކޮށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: އުތީމު ސިއްޙީ މަރުކަޒު/ ފޭސްބުކް
އެހެންނަމަވެސް، ވަޒީފާގައި އެހާ ގިނަދުވަހު ޚިދުމަތްކޮށް ވަކިވާން ޖެހުމަކީ ޞާބިރާއަށް ލިބޭނެ ބޮޑު ހުސްކަމެކެވެ. އޭނާ ކިޔައިދިން ގޮތުގައި ހުރިހާ މުވައްޒަފުންނަކީ ވެސް އޭނާގެ އާއިލާގެ އެއް ބައެވެ. އެއީ ގުޅިގެން މަސައްކަތްކުރި އެކުވެރި ބައެއްކަމަށް އޭނާ ބުންޏެވެ.
ސިއްޙީ ދާއިރާއާއި ދުރަށް ދާން ޖެހުނަސް އަދިވެސް މި ދާއިރާއަށް އޭނާގެ ހިތުގައި އޮތް ލޯބި ފަނޑެއް ނުވެއެވެ.
އެތައް ވަގުތެއް ޤުރުބާންކޮށް، ފަޚުރުވެރި ދިގު ޚިދުމަތުގެ މާޒީއާއް ހޯދި، ޞާބިރާއަކީ މިއަދު އެންމެންގެ ލޯބި ހޯދައިފައިވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.