ފުރަތަމަ ޓާގެޓަކީ ގްރޫޕްގެ އެއް ވަނަ ހޯދުން ކަމަށާއި އެކަން ކުރެވިއްޖެ ނަމަ މުބާރާތާ މެދު އޮތް އިތުބާރު ޕޯޗުގަލްއަށް ބޮޑުވާނެ ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މިފަހަރުގެ މުބާރާތުގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް ބީ ފަޅިގަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމްތަކަކީ ނެދަރލޭންޑްސް އާއި ޑެންމާކް އަދި ޖަރުމަނެވެ.

ރޮނާލްޑޯ ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް މުހިންމު މެޗެއް ކަމަށާއި އެމެޗް ކާމިޔާބު ކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން މަސައްކަތް ކުރަން މަޖުބޫރު ކަމަށެވެ.

"ގްރޫޕްގައި އަހަރުމެންނާ ވާދަކުރާނީ ވަރަށް ވަރުގަދަ ޓީމްތަކެއް. ފުރަތަމަ މެޗް ކާމިޔާބު ކުރުން މުހިންމު. އެކަން ކުރުމަށް އަހަރެން މިހިރީ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ތައްޔާރަށް. ޖަރުމަނަކީ ވަރުގަދަ ޓީމެއް. އަހަރުމެން މެޗަށް ނިކުންނާނީ މޮޅެއް ހޯދުމުގެ އުންމީދުގައި" ރޮނާލްޑޯ ބުންޏެވެ.

ރޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިފަހަރުގެ މުބާރާތް ކާމިޔަބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރާ އެއްޓީމަކީ ޕޯޗުގަލް އެވެ.

ޖަރުމަނާ ދެކޮޅަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޕޯޗިގަލް ނިކުނައިރު، ޖަރުމަނުން ވަނީ މިމުބާރާތް ތިން އަހަރު ކާމިޔާބު ކޮށްފަ އެވެ. އެއީ 1972، 1980 އަދި 1996 ގަ އެވެ.