04 Jan 2024, 20:49
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އެދިގެން ކޯޓުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ހުކުމަކީ، އެ ބޭންކަށް އެކަމުގެ މައުލޫމާތު ދެމުން އަންނަނިކޮށް ކުރި ހުކުމެއް ކަމަށާއި އެ ހުކުމް ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާތީ، އިސްތިއުނާފުކުރަން ނިންމައިފައިވާކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ އާޒިމާ މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، އޭނާގެ މައްޗަށް އޮތް މައްސަލައިގައި ކަން ހިނގަމުން އައި ގޮތްވަނީ ހިއްސާކުރައްވައިފައެވެ.
އާޒިމާ ވިދާޅުވީ ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް ރަހުނުކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގައިފައިވާ ހަތަރު މިލިއަން ރުފިޔާގެ ލޯނަށް ގަވައިދުން ފައިސާ ނުދެއްކުނީ މިދިޔަ ސަރުކާރުން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެން ކަމަށެވެ.
އެގޮތުން އެ ދައުވާއާއެކު އޭނާއަށް އާމްދަނީ ހޯދުމަށް ހުރި މަގުތައް ބަންދުވެ، އޭނާ އަދައިކުރައްވަމުން އައި ބޭރުގެ ވަޒީފާ ގެއްލުނީކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ޕޭމަންޓް ޝެޑިއުލް އެއް ހަދަން ބޭންކުގައި އެދުނު ކަމަށެވެ. އަދި އޭނާއާއި އޭނާގެ ގާނޫނީ ވަކީލުންގެ ފަރާތުން އެ ލޯނަށް ފައިސާ ދެއްކޭނެ ގޮތުގެ ޕޭމެންޓް ޝެޑިއުލެއް ވެސް ބޭންކަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަަމަވެސް ކޯޓުން ހުކުމް ކުރީ، ބޭންކާ އެކު އެ ހުރިހާ މަޝްވަރާތަކެއް ކުރެވެމުން ދިޔަ ދަނޑިވަޅެއްގައި، ބޭންކުން އެދިގެން ކަމަށެވެ.
"ބޭންކާ އަޅުގަނޑުމެން ވާހަކަ ދެއްކީ އަޅުގަނޑުމެން ޕޭ ކުރަން ފަށަން ވެގެން އެކަމަކު މިއަދު ބޭންކުގެ ހެޔޮ ނިޔަތެއް ނެތީމަ އަޅުގަނޑުމްނ ދެން މިހާރު މި ގަސްތު ކުރީ މި މައްސަލަ އިސްތިއުނާފު ކުރަން" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އޭނާ އަކީ މިހާތަނަށް ވެސް ދައުލަތުގެ އެއްވެސް ފަައިސާއެއްގައި ޖެހި ޚިޔާނާތްތެރިވެފައިިވާ މީހެއް ނޫންކަމަށެވެ. އަދި އަބަދުވެސް ދެމި ހުންނަވާނީ ރައްޔިތުންގެ ޚިދުމަތުުގައި ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މާލޭ މޭޔަރު ހޮވުމަށް ކުރިއަށް އޮތް ވާދަވެރި އިންތިޚާބާ ދިމާކޮށް ސިޔާސީ ގޮތުން އަންނަ އެއްވެސް ހަމަލައަކާ ފަސްޖެހިވަޑައިނުގަންނަވައި ކެރިގެން ކުރިމަތިލައްވާނެކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ނަގައި، އެ ގަވައިދުން ދައްކަމުން ނުދާތީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް އެ ލޯނު ދައްކަން ހުޅުމާލެ ކޯޓުން ހުކުމް ކުރީ މީގެ ދެ ދުވަސް ކުރިންނެވެ.