27 May 2012, 12:28
އަންނަ މަހު ޔޫކްރޭން އަދި ޕޮލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ޖަރުމަނާއި ނެދަލެންޑްސް ރޭ ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ މެޗްތަކުން ބަލިވެއްޖެ އެވެ.
މިފަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ޖަރުމަން ރޭ ކުޅުނު މެޗުން ބަލިވީ ސްވިޒަލެންޑާ ދެކޮޅަށް ކުޅެ 5-3 ލަނޑުން ނެވެ. ނެދަލެންޑްސް ބަލިވީ ބަލްގޭރިއާ އަތުން 2-1 ލަނޑުންނެވެ. އަދި ރޭގެ މެޗުގައި ނެދަލެންޑްސް އިން ބަލްގޭރިއާ ކޮޅަށް ޖެހި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ރޮބެން ވެންޕާސީ ކާމިޔާބުކޮށްދިންއިރު، ބަލްގޭރިއާ އިން ނެދަލެންޑްސް ކޮޅަށް ޖެހި ދެ ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ދެ ލަނޑު ބަލްގޭރިއާ އަށް ކާމިޔާބު ކޮށްދިނީ ލިލިއަން ޕޮވްއާއި ލިއަން މިކާންސިކީ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ތިން އަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނާ ދެކޮޅަށް ސްވިޒަލޭންޑް ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ސްވިޒަލޭންޑުންނެވެ. އެ ލަނޑު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެރެން ޑާޑިޔޮކް އެވެ. އަދި މެޗުގެ ލީޑް ފުޅާކޮށްދިން ލަނޑު އޭގެ ދެ މިނެޓް ފަހުން ސްވިޒަލެންޑަށް ކާމިޔާބު ކޮށްދިނީ ވެސް ޑާޑިޔޮކް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ދެ ލަނޑުގެ ލީޑެއް ސްވިޒަލެންޑުން ނަގާފައި ވަނިކޮށް، ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ޖަރުމަންގެ މަޓްސް ހުމެލްސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތަނާ ހެން ސްވިޒަލެންޑުގެ ފޯވާޑް ޑާޑިޔޮކް ވަނީ އޭނާގެ ހެޓްރިކާއެކު މެޗުގެ ލީޑް އަނެއްކާ ވެސް ސްވިޒަލެންޑަށް ހޯދައިދީފަ އެވެ.
އެހެން ނަމަވެސް ޖަރުމަންގެ އަންދްރޭ ޝޫލާ މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ނަތީޖާ އަލުން 3-2 ލަނޑަށް ބަދަލުވެގެން ދިޔަ ނަމަވެސް، އޭގެ ތިން މިނެޓް ފަހުން ސްވިޒަލެންޑުގެ ލީންޗެސްޓެއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ފަހުން ޖަރުމަންގެ މާކޯ ރޭސް ލަނޑެއް ޖަހައި ސްވިޒަލެންޑާ ދެމެދު އޮތް ނަތީޖާގެ ފަރަގު ކުޑަ ކުރި އިރު، ސްވިޒަލެންޑުން ޖަރުމަން ކޮޅަށް ޖެހި އެ ޓީމުގެ ފަސް ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 77 ވަނަ މިނެޓުގައި ފޯވާޑް މެހްމެޑީ ގެފަރާތުން ނެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ނެދަލެންޑުވެސް ހިމެނެނީ ގުރޫޕް ބީ ފަޅީގަ އެވެ. އަދި މިދެ ޓީމާ އެކު ދެން ހިމެނޭ އަނެއް ދެ ޓީމަކީ ޑެންމާކް އަދި ޕޯޗުގަލް އެވެ.
ރަހުމަތް ތެރިކަމުގައި ރޭ ކުޅުނު އެހެން މެޗުތައް:
އިންގްލެންޑް 1- 0 ނޯވޭ
ސްޕެއިން 2- 0 ސާބިއާ
އަޔަލެންޑް 1 - 0 ބޮސްނިއާ
ޗެކް ރިޕަބްލިކް 2 - 1 އިޒްރޭލް
ޕޮލެންޑް 1 - 0 ސްލޮވާކިއާ
ގްރީސް 1 - 1 ސްލޮވީނިއާ