27 May 2012, 12:22
އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގެދޮރު އިމާރާތް ކުރަން މުދާ ދޫކުރާ ސްކީމެއް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އިސްލާމިކް ވިންގުން ތައާރަފު ކޮށްފި އެވެ.
"އާމްނާ" ގެ ނަމުގައި މި ސްކީމް ތައާރަފްކުރީ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ސްކީމް ތައާރަފުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެޗްޑީއެފްސީގެ އިސްލާމިކް ފައިނޭސް ކޮންސަލްޓެންޓް އައިޝަތު މުނީޒާ ރޭ ވިދާޅުވީ ސްކީމްގެ ހިދުމަތް ރައްޖޭގެ ހުރިހާ ހިސާބަކަށް އަންނަ މަހުން ފެށިގެން ދޭނެ ކަމަށާއި ސްކީމްގެ ދަށުން ގެދޮރު އަޅަން ދޫކުރާ ފައިނޭންޝަލް ފެސިލިޓީ ދޫކުރާނީ ގަނެ ވިއްކޭ ހަރުމުދަލެއްގެ ޒަރިއްޔާއިން ކަމަށެވެ.
"އިސްލާމިކް ވިންގުން ދޫކުރާނީ ގަނެ ވިއްކުމުގެ މުއާމަލާތުގެ މައްޗަށް ދެމިއޮންނަ މުދަލެއް، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ޖޫން މަހުން ފެށިގެން ފައިނޭންޝަން ޕުރޮޑަކްޓް ދޫކުރާނެ" އޭނާ ވިދާޅުވި އެވެ.
އަމްނާ މެދުވެރިކޮށް ގެދޮރޮ އަޅަން ބޭނުންވާ ފަރާތްތަކަށް ސްކީމުން ގަނެދޭނީ ކިހާ ފައިސާއެއްގެ މުދާ ކަމެއް ހާމައެއް ނުކުރެ އެވެ. މުނީޒާ ވިދާޅުވީ މި ސްކީމަކީ ވަރަށް ތަފާތު ނިޒާމެއް ކަމަށާއި މި ނިޒާމްގެ ތެރެއިން ރިބާ ފަދަ އެއްވެސް މުއާމަލާތަކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި ފައިސާ ދޫކޮށްގެން މަންފާ ހޯދުމެއް ވެސް ނޯންނާނެ ކަމަށެވެ.
"އެހެން ފަރާތްތަކުން ދޫކުރާ ލޯނުތަކާއި އަޅުގަނޑުމެން ދޫކުރާ ފައިނޭންޝަލް ފެސިލިޓިއާ ވަރަށް ތަފާތު، އެގޮތުން އަޅުގަނޑުމެން ފައިސާ ކުއްޔަށް ދިނުމުގެ ބަދަލުގައި ހަރު މުދަލެއް ވިއްކައިގެން އެ މުދަލެއްގެ މައްޗަށް ވިޔަފާރި ކުރާނީ އެއްވެސް ކަހަލަ ރިބާގެ މުއާމަލާތެއް މީގެ ތެރޭގައި ނުހިގާނެ" މުނީޒާ ވިދާޅުވި އެވެ.
އެޗްޑީއެފްސީގެ އިސްލާމިކް ވިންގްގައި ޝަރީޔާއާ އެއްގޮތައް ވިޔަފާރީގެ މުއާމަލާތް ހިންގާތޯ ބަލައި ޔަގީން ކުރުމަށް ޝަރިއްޔާ ކޮމެޓިއެއް ވެސް އެކުލަވާލާފައި އޮވެ އެވެ. އެ ކޮމެޓީގެ ޗެއާމަން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ޝަރިއްޔާ ކޮމެޓިގެ މަސްއޫލިއްޔަތަކީ އިސްމާމް ދީނާ ހިލާފު އެއްވެސް ވިޔަފާރިއެއް މި ސުކީމްގެ ތެރޭގައި ހިމެނިގެން ނުދިއުމަށް މަސައްކަތް ކުރުން ކަމަށާއި ދީނާއި ހިލާފު އެފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދެއްވާނެ ކަމަށެވެ.
"އެބޭފުޅުން އާ ޕްރޮޑަކްޓެއް ނުވަތަ އާ ވިޔަފާރީގެ މުއާމަލާތެއް ކުރުމުގެ ކުރިން އެކަމުގައި އަޅުގަނޑުމެނާ މަޝްވަރާކުރާނެ. އެކަމަކީ އަޅުގަނޑުމެން ބަލައި ބެލުމުން ދީނާ ހިލާފުކަމެއް ކަމުގައި ވާނަމަ އެފަރާތުން އެކަމެއް ނުކުރާނެ،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ރޭ ވިދާޅުވީ އިސްލާމީ އިގްތިސޯދުގެ ނިޒާމެއް ރާއްޖޭގައި ތައާރަފް ކުރުމަށް ދިވެހިން ވަރަށް ބޭނުންވެފައިވާ ކަމަށާއި އިސްލާމީ އިގްތިސާދަކީ ދުނިޔޭގެ ހުރިހާ ހިސާބެގައި ވެސް ވަރަށް ހަލުވި ކަމާއެކު ފުޅާވެ ކުރިއަރަމުން އަންނަ އިގްތިސާދީ ނިޒާމެއް ކަމަށެވެ.