ކ. ހިންމަފުށީގައި ގާއިމުކޮށްގައިވާ އައްސޭރި ޖަލު، ނޭޝަނަލް ޑްރަގް އެޖެންސީއާ ހަވާލުކުރަން ނިންމައި އެކަމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ފަށައިފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ފަޔާޒް (އެފްއޭ) މިއަދު ވިދާޅުވީ ޑްރަގް އެޖެންސީއާ އައްސޭރި ޖަލު ހަވާލުކުރަނީ މަސްތުވާތަކެތި މަނާ ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ރިހިބިލިޓޭޝަން ސެންޓަރެއް އެތަނުގައި ގާއިމް ކުރުމަށް ކަމަށެވެ.

އައްސޭރި ޖަލަކީ 200 މީހުންގެ ޖާގައިގެ ތަނެކެވެ. އެފްއޭ ވިދާޅުވީ އައްސޭރި ޖަލު ޑްރަގް އެޖެންސީއާ ހަވާލުކުރާނީ މަސްތުވާތަކެތީގެ މައްސަލައިގައި ޖަލަށް ހުކުމް ކުރާ މީހުންގެ ތެރެއިން ފަރުވާއަށް ބޭނުންވާ 100 މީހުނަށް އެ ސެންޓަރުން ފަރުވާ ދިނުމަށް ޝަރުތު ކުރުމަށްފަހު ކަމަށެވެ.

"މަސްތުވާތަކެއެއްޗާ ބެހޭ ގާނޫނޫގެ ދަށުން ހަދަންޖެހޭ ރިހިބިލި ޓޭޝަން ސެންޓަރެއް، ޑްރަގް ކައުންސިލަށް އެ މަސައްކަތް ކުރެވެން އަންނަނީ ތަނެއްވެސް ލިބިގެން، އެހެންވެ ތަނެއް ނެތީމައާ އެއްކޮށް އެބޭފުޅުންނާ އެތަން ހަވާލު ކުރަން ނިންމީ، މިހާރު އެގްރިމަންޓްގެ ޕްރޮސެސް ކުރިއަށް މިދަނީ،" އެފްއޭ ވިދާޅުވި އެވެ.

އައްސޭރި ޖަލުގައި މި ވަގުތު 90 ގައިދީއަކު ތިބީއިރު އެ އެންމެންވެސް މާލޭ ޖަލަށް ނޫނީ މާފުށީ ޖަލަށް ވަރަށް އަވަހަށް ބަދަލުކޮށް އައްސޭރި ޖަލު ހުސްކުރާނެ ކަމަށް އެފްއޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޖަލުތަކުގެ ޖާގައިގެން ދަތިކަން އެހާ ބޮޑު އިރުވެސް އަޅުގަނޑުމެން އެތަން ރިހިބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ހަދަން ހަވާލު މިކުރީ ޑްރަގްގެ މައްސަލައަކީ ރާއްޖެއަށް އެންމެ ބޮޑު މައްސަލަކަށްވެފައި އަޅުގަނޑުމެން އެކަމަށް އިސްކަމެއް ދޭތީ އެކަން މި ހަވާލުކުރީ،" އެފްއޭ ވިދާޅުވި އެވެ.

އެފްއޭ ވިދާޅުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ބޮޑުވެފައިވާތީ ސަރުކާރުގެ މައި ޖަލު، މާފުށީގެ ޖަލުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި ހދ. ނޭކުރެންދޫގައި ޖަލު އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން ޖަލުތކަށް އިތުރު 800 މީހުންގެ ޖާގަ އިތުރުވާނެ ކަމަށެވެ.