މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ދެ ވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން މުއްދަތު ހަމަވިއިރު 31 ފަރާތަކުން ކުރިމަތިލައްވައިފި އެވެ.

މީޑިއާ ކައުންސިލް އެކުލަވާލުމަށް ޓަކައި ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ކޮމިޓީގެ މެންބަރު އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހަށް ހަމަވި އިރު އެކައުންސިލަށް އިންތިހާބުކުރާ އާއްމު މެންބަރު ކަމަށް އަލަށް ނުވަ މެންބަރަކު ކުރިމަތިލައްވާފައިވާ އިރު އެ ކައުންސިލްގައި މީޑިއާތައް ތަމްސީލްކުރައްވާ މެންބަރު ކަމަށް އަލަށް ހަތަރު ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެމިނިސްޓްރީން 16 އެޕްރީލް 2012ގައި ހުޅުވާލި ފުރުސަތުގައި އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރު ކަމަށް 19 މެންބަރަކު އަދި މީޑިއާތަކުން 12 މެންބަރަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެހެން ކަމުން ޖުމްލަ 41 ބޭފުޅަކު ކުރިމަތިލައްވާފައިވާ އިރު އާންމުން މެންބަރުންގެ ގޮތުގައި ކުރިމަތިލައްވާފައި ވަނީ 28 ބޭފުޅުންނެވެ. މީޑިޔާތަކުން 16 ބޭފުޅުންނެވެ.

ޝިޔާމް ވިދާޅުވީ ފުރަތަމަ ހުޅުވާލި ފުރުސަތުގައި ނަންތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ދެވަނަ ފަހަރަށް އެ މިނިސްޓްރީން ކުރި އިޢުލާނާ ގުޅިގެން ވެސް ފޯމް ހުށަހެޅި ކަމަށެވެ. ނަމަވެސް މައުލޫމާތު ފުރިހަމަ ވެފައިވާ ނަމަ ފުރުތަމަ ހުށަހެޅި ފޯމްތައް ބާތިލްނުވާނެ ކަން ކުރިން ވެސް އެމިނިސްޓްރީން އަންގާފައިވާނެ ކަމަށާއި އެހެންވެ ދެވަނަ ފަހަރަށް ތަކުރާރުކޮށް ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމް ބަލައިގެންފައި ނުވާނެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް އެދި ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ކުރި އިޢުލާނާ ގުޅިގެން އަމިއްލަ މެންބަރުންގެ ގޮތުގައި ހުށަހަޅާފައިވާ 19 މެންބަރުންގެ މައުލޫމާތު ސާފުކޮށް ނިމިފައިވާ ކަމަށާއި ދެވަނަ ބުރުގައި ކުރިމަތިލެއްވެވި މެންބަރުންގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެނަންތައް ޝޯޓްލިސްޓް ކުރުމަށް ފަހު މީޑިއާ ކައުންސިލްގެ އިންތިހާބު ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާ ކައުންސިލަށް ދެވަނަ ބުރުގައި ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ސާފުކުރަން ކަމާ ބެހޭ ފަރާތްތަކަށް ވާނީ ފޮނުވާފައި. ޝަރުތު ފުރިހަމާ އަމިއްލަ މެންބަރުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ކަނޑައެޅުމަށް ފަހު އަޅުގަނޑުމެން ހުޅުވާލާނަން ވޯޓްގައި ބައިވެރިވުމުގެ ފުރުސަތު، އަމިއްލަ މެންބަރު ކަމަށް ކުރި މަތިލި ފަރާތްތައް 14 މެންބަރުންނަށް ޝޯޓްލިޓް ކުރުމަށް ފަހު ވޯޓަށް ހުޅުވާލާނީ،" ޝިޔާމް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ބުރުގައި ހުޅުވާލުމަށް ފަހު، ދެވަނަ ފަހަރަށް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކުރިން ކޮށްފައިވާ އިޢުލާންގައި ބައެއް ކަހަލަ ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އެވެ. ނަމަވެސް އޭރު ވަނީ ފުރުތަމަ ފަހަރަށް ހުށަހެޅި ފަރާތްތައް ސޯޓްލިސްޓްކުރުމަށް ފަހު އިންތިހާބް ބޭއްވުމަށް ތާރީހު ވެސް ކަނޑައާޅަފަ އެވެ.