ސަރުކާރުން ވިޔަފާރި ކުރުމަކީ ކުރިންސުރެވެސް ރާއްޖޭގައި ކުރާ ކަމެކެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި އެކި ދުވަސްވަރު ކުންފުނިތައް ހަދައި އޭގެ ތެރެއިން ބައެއް ކުންފުނިތައް ވަނީ ދަރަނިވެރިވެ ބަނގުރޫޓުވެފަ އެވެ. ސަރުކާރަށް އަދިވެސް އެ އުޅެނީ އެއާ މޯލްޑިވްސް ކަހަލަ ކުންފުނިތަކުން ސަލާމަތް ނުވެވިގެންނެވެ.

މިދިޔަ ތިން އަހަރެއްހާ ދުވަހުގެތެރޭ ސަރުކާރު ކުންފުނިތަކުގެ އަދަދު 67 ކުންފުންޏަކަށް އެރިއިރު އެއިން ދައުލަތަށްވީ ފައިދާއެއް ވެސް ރައްޔިތުންނަށްވީ ފައިދާއެއް ވެސް ނެތޭ ބުނެވިދާނެ އެވެ. އެނގޭ ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަނގަޅު ފައިދާއެއް ނުހޯދޭ ކަމެވެ. ސަރުކާރުގެ ކުންފުނިތަކުން ކުރާ ގިނަ ވިޔަފާރިތައް މޮނޮޕޮލައިޒްކޮށް ހިންގާއިރު ވެސް އެ ކުންފުނިތައް އަހަރު ނިންމާލަން ޖެހެނީ ގާތްގަނޑަކަށް "ހުސްއަތާ" އެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގައި އާންމު ރައްޔިތުންގެ ހިއްސާ އޮންނައިރު ހިއްސާދާރުންނަށް ބަހާނެ އެއްޗެއް ނޯވެ އެވެ. މާލީ ކޮންމެ އަހަރެއް ނިމުމުން ބާއްވާ އަހަރީ ޖަލްސާގައި ހިއްސާދާރުން ފެންމަތިކުރަނީ ސުވާލުތަކެކެވެ؛ ކުންފުންޏަށް ފައިދާ ނުވަނީ ކީއްވެހެއްޔޭ އެވެ؟ އަހަރުމެންގެ ހިއްސާ ކޮބައި ހެއްޔެވެ؟

ސަރުކާރުގެ ކުންފުނިތަކަށް ދިމާވާ މައްސަލަތައް ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒާ ޓުދަ މިނިސްޓާ އަލީ ޝަރީފް ވިދާޅުވެދެއްވަ އެވެ:

"އޭގައި ވަރަށް ގިނަ ސަބަބުތައް އެބަ ހުރި، އެގޮތުން އަބަދުވެސް ކުންފުންޏެއްގައި ދިމާވާނީ މެނޭޖްމަންޓްގެ މައްސަލަ، މެނޭޖްމަންޓަށް ޕާފޯމް ނުކުރެވުން ނޫނީ މެނޭޖްމަންޓެއްގައި މިކްސްކޮށް، މިދެންނެވީ ފަންނީ އެކި ބޭފުޅުން ނެތުމުގެ މައްސަލަ، ހާއްސަ ކޮށް ޑިރެކްޓަރުންގެ ބޯޑުގައި، އަޅުގަނޑަށް ހީވަނީ މިދިޔަ ދުވަސްތަކުގައި ނުކުތީ އެ މައްސަލަހެން، އަދި މީގެ އިތުރުން ބޯޑުގައި ތިއްބަވާ ބޭފުޅުން އެކައުންޓެބްލް ނުކުރެވުން [ޒިންމާދާރު ނުކުރެވުން]، މިއީ އަސްލު ވަރަށް ބޮޑަތި މައްސަލަތައް ސަރުކާރުގެ ކުންފުނިތަކަށް އަބަދުވެސް ކުރިމަތިވާ، އަދި ފަހަކަށް އައިސް އެބަހުރި އެއް ކުންފުންޏެއްގެ މަސައްކަތާ އެއްގޮތް މަސައްކަތް ކުރާ އެހެން ކުންފުނިތައް އުފައްދާފައި، އެހެންވީމަ އޭގެ ސަބަބުން އެއް ކުންފުންޏަކަށް ލިބެންޖެހޭ ފައިދާ ދާނީ ދަށަށް، އަދި ބައެއް ފަހަރަށް ކޮރަޕްޝަންގެ ކޭސްތައް ވެސް އެބަހުރި މިދިޔަ ދުވަސްތަކުގައި ކުންފުނިތަކުގައި ހިނގާފައި،"

ޝަރީފްގެ ވާހަކައިން އެނގޭ ގޮތުގައި ކުންފުނިތަކަށް ސަރުކާރުގެ އެތެރޭން ވެސް އަދި ބޭރުން ވެސް އޮތީ ގޮންޖެހުންތަކެކެވެ. ކުންފުނިތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިސް މެނޭޖްމަންޓްގެ މައްސަލަ އެވެ. ހާއްސަކޮށް ކުންފުނިތަކުގެ ބޯޑުތަކަށް އެ މައްސަލަ ކުރިމަތިވަނީ ފަންނީ ބޭފުޅުން އިސް ނުކުރެވުމުގެ ސަބަބުންނެވެ.

ސަރުކާރުގެ ކުންފުންޏެއްގެ ބޯޑް ޑިރެކްޓަރަކު ވިދާޅުވި ގޮތުގައި ކުންފުނިތައް "ޕޮލިޓިސައިޒް" ނުވަތަ ސިޔާސީވުމުގެ މައްސަލަ ވަރަށް ބޮޑެވެ. ކުންފުނިތައް ޕްރޮފެޝަނަލް އުސޫލުތަކާއި އިމުން ބޭރުވެ ސިޔާސީ ހަތިޔާރަކަށްވުމަކީ ސަރުކާރުގެ ކުންފުނިތަކަށް އަބަދުވެސް އޮންނަ މައްސަލަ އެވެ.

"އާންމުކޮށް މި ދެއްކެނީ ފައިދާ ނުވާ ވާހަކަ، އޭގެ ހަގީގަތަށް ބަލައިލާއިރު ކުންފުނިތަކުގެ ބޯޑުތައް މި ހުންނަނީ ޕޮލިޓިސައިޒްކުރެވިފައި، ވަކި ސިޔާސީ ބަޔަކަށް މަގާމުތައް ބަހާލެވިފައި މި ހުންނަނީ، ވަރަށް މަދު ކުންފުންޏަށް ޕްރޮފެޝަނަލް ގޮތްތައް އެޕްލައި ކުރެވެނީ، މިސާލަކަށް ބީއެމްއެލް ކަހަލަ ތަންތަނަށް އިއުލާންކޮށް ހަމަ ބޭބޭފުޅުން ބޯޑުގެ މަގާމުތަކަށް ހަމަ މި ޖައްސަނީ، އެގޮތުން ކުންފުނީގެ ގާނޫނުގެ ދަށުން އެކަމަށް ހުރަހެއް ނާޅާ އެހެން ކުންފުނިތަކުން ވެސް ޕްރޮފެޝަނަލް އުސޫލު ފޮލޯ ކުރާކަށް،" އެބޭފުޅާ ވިދާޅުވި އެވެ. އޭނާ ނޫހަށް ވާހަކަ ދެއްކެވީ ނަން ނުޖެހުމުގެ ޝަރުތާއެކު އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނިމި އެ މުއްދަތުގެ މާލީ ހިސާބުތައް އާންމު ކުރަން ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާއިރު ސަރުކާރުގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ ހިސާބުތައް އަދި ހުރީ އާންމު ނުވެ އެވެ. އެމްޓީޑީސީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އަދިވެސް އާންމު ނުކުރެވޭއިރު މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ހިސާބު އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. ބީއެމްއެލްއިން ވެސް މިދިޔަ އަހަރުގެ މާލީ ހިސާބުތައް އަދިވެސް އާންމެއް ނުކުރެ އެވެ.

"މި ހުރިހާ މައްސަލައެއް ނުކުންނަނީ ބޯޑުގައި ފަންނީ ބޭފުޅުން ނެތުމުން، އެކައުންޓެންސީ މިހެން ގޮސް ބިޒްނަސް އާއި އިގްތިސޯދީ ދާއިރާގެ ބޭފުޅުން ނެތުން، އެހެން ނޫނީ މިކަހަލަ މައްސަލަތަކެއް ނުނިކުންނާނެ، އަނެއްކަމަކީ ސަރުކާރަކާ އެކު ބޯޑެއް ބަދަލުވުން، މިއީ ވިޔަފާރީގެ އުސޫލެއް ނޫން،" ކުރިންވެސް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ސަރުކާރުގެ ބޮޑެތި ބައެއް ވިޔަފާރި ކުންފުނިތަކުން މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކުން ފެންނަނީ ތަންކޮޅެއް ބަނަ މަންޒަރެކެވެ. އެމްޓީސީސީއަށް މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ފައިދާ ވަނީ މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހާއި އަޅާ ބަލާއިރު 2.3 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.

މީގެ އިތުރުން ނުދައްކާ ހުރި ލޯނުތަކަށް ކެނޑުމުން ދިވެހި ބޭންކަށް ވެސް ސާފު ފައިދާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު އެއްވެސް އެއްޗެއް ނުލިބުނެވެ.

ދުނިޔޭގެ އިގްތިސޯދަށް އައިސްފައިވާ ތަދުކަމާ ހުރެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ވެސް ހީނަރުކަން ދައްކާފާނެ އެވެ. ނަމަވެސް މައްސަލައަކަށް ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ބަޖެޓުން ސީދާ ގޮތުގަ އާއި ނުސީދާ ގޮތުން ސަބްސިޑައިޒް ކޮށްގެން ހިންގޭ ކުންފުނިތަކަކަށް ވުމެވެ. އެހެންވުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެއްލުމާ ކުރިމަތިވާނަމަ އޭގެ ބުރަ ބަޖެޓަށް ބޮޑުވާނެ އެވެ.

"ބައެއް ކުންފުނިތައް މި ހުންނަނީ ސެލްފް ޑިޕެންޑެންޓް ދެން އަނެއްބައި ތަންތަން ކޮންމެވެސް ވަރަކަށް ޑިޕެންޑެންޓްވާ ތަންތަން، އެހެން ހުންނަ އިރު ގެއްލުން ވަންޏާ އޭގެ ބުރަ އަންނާނީ ހަމަ ބަޖެޓަށް، އެކަމުގެ ނުރައްކާ އޮންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ބޯޑެއްގައި އިންނަވާ އެހެން މެންބަރަކު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ވިޔަފާރި ކުރުމުގެ މިނިވަންކަން ދޭންޖެހޭ ކަމަށާއި ކުންފުނިތަކަކީ ޕްރޮފެޝަނަލްކޮށް ވިޔަފާރި ހިންގާ ބަޔަކަށް ހަނދަން ކުންފުނިތަކަށް މިނިވަންކަން ބޭނުންވާ ކަމަށެވެ.

"ސަބްސިޑައިޒްކޮށްގެން ކުންފުންޏެއް ހިންގުން އެއީ ދެމެހެއްޓޭނެ ކަމެއް ނޫން، އެހެންވީމަ ބޭނުންވަނީ އިންޑިޕެންޑެންޓްކޮށް ވިޔަފާރީގެ ޑެޝިޝަންތައް ނަގަން އެ ފުރުސަތު ހުޅުވާލެވިފައި އޮތުން. ސިންގަޕޫރު އަދި ދުބާއީ ފަދަ ތަންތަނުގައި ވެސް ހުންނަނީ އެގޮތައް އެކަންތައްތައް ފްރީކޮށް ދޫކޮށްލާފައި، ދެން އެ ކުންފުނިތަކުން ވިޔަފާރި ކުރާނީ، ވަކި ސަރުކާރުގެ އެޖެންޑާއެއް ސެޓްކުރުން ނޫނީ އެކަހަލަ ކަމެއް ނުކުރާނެ، އެ ކުންފުނިތަކުގެ މޯޓިވްއަކަށް އޮންނާނީ ވިޔަފާރިކޮށްގެން ފައިދާ ހޯދުން،" އެބޭފުޅާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިމާވެފައިވާ "ސިޔާސީ ގޮންޖެހުންތަކުން" އެ ކުންފުނިތައް ސަލާމަތްކޮށް މިނިވަން ކުރަންޖެހެ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ މިސްރާބު ޕްރޮފެޝަނަލް ވިޔަފާރިއަށް ފޯކަސް ކުރަންޖެހެ އެވެ. އެކަމަށް ވަކި ގަވާއިދު ތަކަކާއި އުސޫލުތަކެއް ހަމަޖެހި ރާޅު އަރައި ފައިބައި އުސޫލުން ކުންފުނިތަކުގެ ބޯޑާއި އެމްޑީން ބަދަލުވާ ގޮތަށް އޮންނަ އޮތުން ބަދަލުވާން ޖެހެ އެވެ.

"ބޯޑުތަކުގެ މެންބަރުން އެކައުންޓެބްލް ކުރެވޭނެ ގޮތްތަކެއް ހުންނަންޖެހޭ، އަވަސް އަވަހަށް ބޯޑުތައް ބަދަލުނުވާނެ ގޮތަކަށް ގަވާއިދުތަކާއި ގާނޫނުތައް ފަރުމާކުރެވެން ޖެހޭ، އެކަން ހުންނަން ޖެހެނީ ވަކި އުސޫލެއްގެ ތެރޭގައި، ބޯޑުތައް ވެސް ވާންޖެހޭނީ ހުރިހާ ދާއިރާއެއްގެ ބޭފުޅުން ހިމެނޭ ބޯޑުތަކަކަށް،" ޝަރީފް ވިދާޅުވި އެވެ.