27 May 2012, 11:18
އިސްލާމިކް މިނިސްޓްރީގެ ދެ ޝެއިހަކު ދީނީ ދަރުސު ދެއްވުމަށް ބ. ކަމަދޫއަށް ވަޑައިގައިގަތުމުން ވެސް ހުރަސް އަޅައި އެ ރަށަށް އަރާވަޑައިގަތަ ނުދީ ފޮނުވާލައިފި އެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ވިދާޅުވީ މިއަދު ހެނދުނު އެ ރަށަށް ވަޑައިގެންނެވި ޝެއިހު ނަސްރުﷲ އަލީ އާއި އިތުރު ޝޭހަކު ކަމަދުއަށް އަރާވަޑައިގަތަ ނުދިނީ އެ ދެބޭފުޅުންނަކީ ދަރުސް ދެއްވުމަށް އެ ރަށަށް ސަރުކާރުން ފޮނުވި ދެ ބޭފުޅުންނަށް ވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރަށުގެ ގިނަ ރައްޔިތުންތަކެއް ނުކުމެ ހުރަސް އެޅީ ދަރުސަށް ނޫން ކަމަށާއި މިނިސްޓްރީން ފޮނުވި ޝެއިޚުންނަށް ކަމަށެވެ.
"އެއްވި މީހުން އަޅުގަނޑަށް އެނގި [ޝެއިހުން ރަށަށް] އަރުވަން ހުއްދަ ނުދޭނެ ކަމަށް. އާންމު މަސްލަހަތައް ބަލާފައި އަޅުގަނޑު އެބޭފުޅުންނަށް ދެންނެވި ރަށުގެ ރައްޔިތުން ބޭނުމެއް ނުވެއޭ އެބޭފުޅުން ރަށަށް އަރާކަށް،" ސަމީރު ވިދާޅުވި އެވެ.
ކަމަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ އަތޮޅު ކިހާދޫގައި ދަރުސް ދެއްވުމަށްފަހު ދެ ޝެއިހުން މިއަދު ހެންދުނު 10:00 ޖަހާކަންހާއިރު ކަމަދޫއަށް ވަޑައިގަތުމުން ހުތުރު ބަހުން ޝެއިޚުންނާ މުޚާތަބުކޮށް އެމީހުން ދަންޖައްސާ މަރަން ގޮވާފައިވާ ކަމަށެވެ. އަދި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ގަބޫލު ނުކުރާ ކަމަށާއި ސަރުކާރުން ފޮނުވާ ޝެއިޚުން ދައްކާ ވާހަކަ އަޑު ނާހާނެ ކަމަށް ވެސް ގޮވި ކަމަށެވެ.
ދީނީ ދަންނަ ބޭކަލުންނަށް އާޑަ ފުރައްސާރައާއި މަލާމާތް ކުރުމާއި ބަހުގެ ހަމަލާތައް ދިނުން ރާއްޖޭގައި އާންމުވަމުންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އޭގެ ފަހުން ދީނީ ދަރުސްތަކަށް ހުރަސް އަޅަން ފެށީ މިދި ދެ ހަފުތާއެއްހާ ދުވަހުން ފެށިގެންނެވެ. ފުރަތަމަ އައްޑު އަތޮޅުގައި ދީނީ ތަހުގީރެއް ބާއްވަން ހުއްދަ ނުދިން އިރު މާލޭގެ މިސްކިތެއްގައި އިލްމުވެރިޔަކު ދީނީ ދަރުސް ދެއްވަމުން ދަނިކޮށް ހުރަސް އަޅާ ހަމަނުޖެހުން ހިންގާފަ އެވެ. އޭގެ ފަހުން ހދ. ވައިކަރަދޫ ގައާއި ބ. ތުޅާދޫ އާއި ހިތާދޫގައި ވެސް ވަނީ ދަރުސަށް ހުރަސް އަޅާފަ އެވެ.
ސަރުކާރުން މިހާތަނަށް ބުނެފައި ވަނީ ދީނީ ދަރުސަށް ހުރަސްއަޅާ ކައުންސިލްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގެ މަގަށް ހުރަސް އަޅާ ދީނުގެ އަޑު އިއްވިޔަ ނުދޭން މަސައްކަތްކުރާ ކައުންސިލްތައް އުވާލަން ޖެހޭނެ ކަމަށާއި އިސްލާމް ދީނުގެ ކަންކަމަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް ކަމަށެވެ.