27 May 2012, 11:03
ބ. ތުޅާދޫގައި އިސްލާމިކް މިނިސްޓްރީން ބާއްވަން އުޅުނު ދީނީ ދަރުސަކަށް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލުގެ މެންބަރުން ހުރަސް އެޅި ކަމަށް ބުނެ ބަޔަކު މިއަދު ނުކުމެ، ކައުންސިލަރުން އޮފީހަށް ނުވައްދައި ހިފަހައްޓައިފި އެވެ.
ތުޅާދޫ ކައުންސިލް އިދާރާ އިން ބުނީ ކައުންސިލަރުން މިއަދު ހެނދުނު 8:30ގައި އޮފީހަށް ވަޑައިގަތުމުން ރަށުގެ ބަޔަކު ނުކުމެ، އެ ބޭފުޅުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނުން ފެށިގެން އަދިވެސް ކައުންސިލަރުން ތިބީ އޮފީހަށް ނުވަދެވި މަގުމަތީގައި ކަމަށާއި ކައުންސިލަރުންގެ މަސައްކަތަށް ހުރަސްއެޅުމުން މިހާރު ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވާ ކަމަށް ތުޅާދޫ ކައުންސިލް އިދާރާ އިން ބުންޏެވެ.
"ލާދީނީ ބައެއް ކަމަށް ބުނެ، ކައުންސިލަރުންނަށް ހުރަސްއަޅައިގެން ބަޔަކު އެތާ އެބަތިބި. ކައުންސިލް މެންބަރުން އަދިވެސް އޮފީހަށް ނުވަދެވިފައި އެތިއްބެވީ. އަޅުގަނޑުމެން ވާނީ މިހާރު އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައި،" ތުޅާދޫ ކައުންސިލްގެ މުވައްޒަފަކު ބުންޏެވެ.
ތުޅާދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ މިސްކިތުގަ އާއި ރަށު ސްކޫލްގައި މިދިޔަ ހުކުރު ދުވަހު ދީނީ ދަރުސް އޮންނާނެ ކަމަށް ބުނެ، ރަށުގެ ރައްޔިތުންނަށް ކައުންސިލުން އެންގުމަށް ފަހު، ދަރުސްދެއްވާ ބޭފުޅުން ރަށަށް ވަޑައިގެންނެވުމުން އެ ބޭފުޅުންނަށް ހުރަސް އެޅުއްވީ ކައުންސިލަރުން ކަމަށެވެ. އަދި ދީނަށް ހުރަސްއެޅި ބަޔަކަށް ކައުންސިލްގައި ނުތިބެވޭނެ ކަމަށާއި އެ ޖާގަ ނުދޭނެ ކަމަށް އޭނާ ބުންޏެވެ.
"ދީނީ ދަރުސް އޮންނާނެ ކަމަށް ބުނެ ކައުންސިލުން އިއުލާންކޮށްފައި އެންމެ ފަހު ދަނޑިވަޅުގައި ރަށުން ބަޔަކު ނެރެގެން އެ މީހުން [ދަރުސް ދެއްވަން ތުޅާދު އަށް ވަޑައިގެން ޝެއިހުން] ރަށުގެ ނެރެ ނިޒާމުން ގެއްލުވާލީ. ދަރުސްދޭން ވަޑައިގެންނެވީ ދީނީ ބޭފުޅުން، އެއީކީ ސިޔާސީ ބޭފުޅުންނެއް ނޫން. އެ ހުރިހާ ޖަރީމާއެއް ހިންގާފައި އެ މީހުން އަދިވެސް އެ ބޭނުން ވަނީ ކައުންސިލް އިދާރާގައި ތިބެން،" ތުޅާދޫ ކައުންސިލަރުން އޮފީހަށް ވެއްދުމަށް ދެކޮޅު ހެދި މީހުންނާ އެކު ހުރި މީހަކު ސަންއަށް ވާހަކަ ދައްކަމުން ބުންޏެވެ.
ފަހަކަށް އައިސް ދީނީ ދަރުސް ދެއްވުމަށް އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވާ ޝެއިހުންނަށް ހުރަސްއަޅައި ދީނީ ދަރުސް ދިނުމަށް ހުރަސްއެޅުން ވަނީ އާންމު ވެފަ އެވެ. އެކަން ކުރަމުން ދަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތައް އޮންނަ ތަންތަނުގަ އެވެ.