މި ދުނިޔެއެކޭ އެއްފަދައިން، ސޯލާ ސިސްޓަމުގައިވާ އެހެން ޕްލެނެޓުތަކުގައި ދިރިއުޅެވިދާނެތޯ، މިއީ ސައިންސްވެރީން އަބަދު ވެސް ޖަވާބު ހޯދާން ބޭނުންވެފައިވާ ސުވާލެކެވެ. އެންމެ ފަހުން މާސްއާ ބެހޭ ގޮތުން ކުރި ދިރާސާތަކުން ލިބުނު މައުލޫމާތުގެ އަލީގައި ސައިންސްވެރީން ބުނަނީ މާސްގައި ދިރިއުޅެވިދާނެކަމުގެ ނިޝާންތަކެއް ފެނިއްޖެކަމަށެވެ. މި ގޮތުން ދިރުމުގެ އެންމެ އަސާސީ މާއްދާތައް މާސްގައި ހުރި ކަމަށް ސައިންސްވެރީން ބުނެއެވެ.

މި ގޮތުން ކާބަންގެ އަސަރު މާސް އިން ވަނީ ފެނިފައެވެ. އެހެން ނަމަވެސް މާސް އިން ފެނުނު ކާބަން އާއި ދުނިޔޭގައި ހުންނަ ކާބަންއާ ދެމެދު ތަފާތުތަކެއް ވާކަން ވަނީ ފާހަގަކުރެވިފައެވެ. މާސްގައި ހުރި ކާބަން އަކީ އެތަނުގައި އަލިފާން ފަރުބަދަތަކެއް ގޮވުމާ ގުޅުން ހުރި އެއްޗެއް ކަމަށް ސައިންސްވެރީން ދެކެއެވެ. މިއީ މާސްގެ ދިގު ތާރީހުގައި އޯގެނިކް ކެމިސްޓްރީގެ ހަރަކާތްތަކެއް އެތަނުގައި ހިނގަމުން އަންނަ ކަމުގެ ހެތްކެކެވެ.

"ކާބަން އާ ނުލައި ދިރުމުގެ އެންމެ އަސާސީ މާއްދާއަކަށް ވުޖޫދެއް ނުވެވޭނެ. ރެޑިޔުސްޑް ކާބަން އާއި ހައިޑްރޯޖަން، އޮކްސިޖަން އަދި ނައިޓްރޯޖަން އެކުވެގެން ދިރުމުގެ އޯގަނިކް މޮލެކިޔުލްތައް އުފެދެނީ." ޑރ. އެންޑްރޫ ސްޓީލް ވިދާޅުވިއެވެ.

ސޯލާ ސިސްޓަމުގައި ހިމެނޭ ޕްލެނެޓްތަކުގެ ތެރެއިން ދުނިޔެއާ އެންމެ ވައްތަރު ޕްލެނެޓަކީ މާސްއެވެ. އެހެންކަމުން މާސްގައި ދިރުމެއްވޭތޯ ނުވަތަ ދިރުމެއްވިތޯ އާއި ދިރުމެއް ގާއިމުކުރެވިދާނެތޯ ސައިންސްވެރީން ދިރާސާކުރަމުން ގެންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.