ފަލަ ކޮންމެ މީހަކީ ވެސް ހިތުގެ ބަލި ޖެހުމުގެ ނުރައްކާ އޮތް މީހެއް ކަމަށް ކުރީން ގަބޫލުކުރެވިފައި ވީ ނަމަވެސް، އެކަން އޮތީ މުޅީން އެ ގޮތަށް ނޫންކަމަށް އިނގިރޭސިވިލާތުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

"ހަގީގަތުގައި ނުރައްކާތެރި ހާލަތެއްގައި ވަނީ، ފަލަވުމުގެ އިތުރުން އެހެން މެޓަބޮލިކް ހެލްތު ރިސްކް ފެކްޓަރ ހުންނަ މީހުން." ދިރާސާގައި ހަރަކާތްތެރިވި ފަރާތެއް ކަމުގައިވާ އަދި ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރިންސިޕަލް ރިސަރޗް އެސޯސިއޭޓެއް ކަމުގައިވާ މަރކް ހޭމަރ ވިދާޅުވިއެވެ.

މި ދިރާސާގައި ވަނީ ފަލަބަލީގެ މިންގަނޑޭ ބުނެވޭ ވަރަށް ފަލަކޮށް ތިބި ވަރަށް ގިނަ ބައެއްގެ ލޭގެ ޕްރެޝަރާއި، ކޮލެސްޓްރޯލް ފަދަ ކަންތައް ޓެސްޓްކޮށްފައެވެ.

"މެޓަބޮލިކް ހެލްތު ކޮންޑިޝަން ރަނގަޅުކަމަށް ވާ ނަމަ، އަދި ފަލަކޮށް ތިއްބަސް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކަލެއް ނެތް." ހޭމަރ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ހިކިކޮށް ތިބި ކަމުގައި ވިޔަސް މެޓަބޮލިކް ހެލްތު ކޮންޑިޝަން ދަށް މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވެއެވެ.

ހިކިކޮށް ހުރި ނަމަވެސް ކޮލެސްޓްރޯލް މަތީގައި ހުރުން ފަދަ ކަންތައް ކުރިމަތިވެދާނެ ކަމަށާއި، މިއީ ފަލަވުމަށް ވުރެ ނުރައްކާތެރި ކަމެއް ކަމަށް މަރކް ހޭމަރ ވިދާޅުވެއެވެ.