27 May 2012, 10:03
ޗައިނާގެ އީ-ކޮމަރސް ފާމެއް ކަމުގައިވާ އަލީބާބާ (ޑޮޓް) ކޮމް ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް އެފަރާތުން ފަށައިފިއެވެ. އަލީބާބާގެ މައިނޯރިޓީ ޝެއަރހޯލްޑަރުންގެ 95 ޕަސެންޓް ވަނީ ޕްރައިވެޓައިޒޭޝަން ބިޑަށް ތާއީދުކޮށް ވޯޓު ދީފައެވެ. މިއީ ކުންފުނީގެ ސީއީއޯ ޖެކް މާ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.
އަލީބާބާގެ އަމިއްލަ ހިއްސާތައް އަލުން ގަނެ، ޕްރައިވެޓް ކުންފުންޏަކަށް ވުމަށް މަސައްކަތްކުރަމުންދާ ފަދައިން، އަލީބާބާއިން ދަނީ ބައެއް އެހެން ކުންފުނިތަކުގެ ހިއްސާގަނެ، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ.
އަލީބާބާއިން އެ ކުންފުނީގެ ހިއްސާގެ ތެރެއިން މިހާރު ޕަބްލިކް ޝެއަރގެ ގޮތުގައި އޮތް 27 ޕަސެންޓް ހިއްސާ ގަންނާނީ ހިއްސާއަކަށް 13.5 ހޮންކޮންގް ޑޮލަރު މަގުންނެވެ. މިއީ 2007 ވަނަ އަހަރު ޕަބްލިކް ކުންފުންޏަކަށް ވުމަށް ޓަކައި، އެ ކުންފުނިން ހިއްސާ ވިއްކި އަގެވެ. ހިއްސާތައް އަނބުރައި ގަތުމަށް އަލީބާބާއިން 2.5 ބިލިޔަން ޑޮލަރު ހަރަދުކުރަން ޖެހޭނެއެވެ.
އަލީބާބާ ކުންފުނިން ބުނާ ގޮތުގައި ޕްރައިވެޓް ކުންފުންޏަކަށް ވުމުން، އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުން ފަސޭހަވެގެންދާނެއެވެ. އަދި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން މިހާރު ކުރިމަތިވަމުންދާ ފަދަ ފިއްތުންތަކެއް ކުރިމައްޗެއް ނުވާނެއެވެ.
އަލީބާބާއަކީ އީބޭއާ އެއް ގޮތަށް ޗައިނާގައި ހަރަކާތްތެރިވާ ވެބްސައިޓެއް ކަމުގައިވާ ތާޕާއޯ ޑޮޓް ކޮމް ވެސް ހިންގާ ފަރާތެވެ. މީގެ އިތުރުން ވެސް އަލީބާބާއިން ދަނީ ވިޔަފާރިއާ ގުޅޭ މުއާމަލާތްތައް ސާޗުކުރާނެ ސާޗު އިންޖީނެއް ވެސް އޮޕަރޭޓް ކުރަމުންނެވެ.