27 May 2012, 09:20
ރާއްޖެއަކީ އިސްލާމްދީނަށް ލޯބި ކުރާ ދީން ކުރިއެރުވުމަށް މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން އައި ގައުމެކެވެ. ދިވެހިންނަކީ އިސްލާމްދީނުގެ އުސޫލުތައް އުނގަންނައި ދޭން ތިބި ދަންނަބޭކަލުންނަށް އިޚުތިރާމް ކުރަމުން އައި ބަޔެކެވެ. ނަމަވެސް މިއަދު އެ މަންޒަރު ވަނީ ބަދަލުވެފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ މުޖުތަމައުން ފެންނަ ކަންތައްތަކަށް ބަލާއިރު ދީނީ ނަސޭހަތާއި ދަރާއި ވައުޒުތައް ދިނުމަށް މާލޭގައި ވެސް އަދި ރަށްރަށަށް ވަޑައިގަންނަވާ ދީނީ އިލްމުވެރީންނަށް ވެސް އެރަށްރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ހުރަސްއަޅައި އެކަންކަން ހުއްޓުވާ ތަން ދަނީ ފެންނަމުން ދެއެވެ. ހަމައެޔާއެކު ރާއްޖޭގެ އާ ނިޒާމުގެ ތެރެއިން ރަށްތަށް ހިންގަން އެރަށްރަށުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ބައެއް ކައުންސިލްތަކުން ވެސް ގެންދަނީ ދީނީ ޝިއާރު ފާޅު ކުރުމަށް ހުރަސްތަކާ ކުރިމަތި ކުރުވަމުންނެވެ.
ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގެ މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ ހުއްދައަށް މިމަހުގެ ކުރީކޮޅު އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅުމުން މިސްކިތުގެ ހުރުމަތް ކެނޑިދާނެކަމަށް ބުނެ ވަނީ ދީނީ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމަކަށް ހުއްދަ ނުދީފަ އެވެ. އަދި ހދ. ވައިކަރަދޫ ރައްޔިތުންނަށް ދީނީ ދަރުސް ދިނުމުގެ ހުއްދައަކަށް ދީނީ އިލްމުވެރިޔަކު ހުށަހެޅުމުން އެރަށު ކައުންސިލުން ބުނީ އެފަދަ ހުއްދައަކަށް އެދިފައިވާތީ ރަށުގެ ގިނަބަޔަކު ޝަކުވާކުރަމުންދާތީ އެ ހުއްދަ ދެވެން ނެތްކަމަށެވެ. މާލޭގައި ވަނީ ދަރުސެއް ދެމުން ދަނިކޮށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފަ އެވެ.
މިހާރު މުޅިން ވެސް ފެންނަނީ ކޮންމެވެސް އުޒުރެއް ދެއްކުމަށް ފަހު ދީނީ ދަރުސް ދިނުމަށް ބައެއް ކައުންސިލްތަކުން ވެސް އަދި ބައެއް އާންމުން ވެސް ހުރަސް އަޅާ މަންޒަރެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ކައުންސިލްތަކުން އެފަދައިން އެ ނިންމަނީ އެކައުންސިލްތައް ނިސްބަތްވާ ސިޔާސީ ޕާޓީން ނުރުހޭ އެހެން ދަންނަބޭކަލުން ދަރުސް ދެއްވަން އުޅުއްވާތީ އެވެ.
ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް ކޮންމެ ސިޔާސީ ފިކުރަކަށް ތާއީދު ކުރި ނަމަވެސް ދީނީ ނަސޭހަތްދޭ ފަރާތްތަކަށް ހުރަސް އެޅުމަކީ އެއީ އާންމުވަމުންދާ ވަރަށް ނުބައި ސަގާފަތެކެވެ.
"ހޯމް މިނިސްޓްރީ އާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ ގާނޫނު ތަންފީޒު ކުރުމަށް ނުކުޅެދުނީމާ ދިމާވާ ކަންތައްމިއީ. އެފަދަ ކައުންސިލްތައް އުވާލުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީން ކޯޓަށް ދާން ޖެހޭނެ. ހޯމް މިނިސްޓަރު ވެސް ވަނީ މިކަންކަން ހައްލުކުރުމަށް ނުކުޅެދިފައި،" ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ތަމްސީލު ކުރައްވާ އިބްރާހިމް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ދީނީ ނަސޭހަތް ދިނުމަށް ދަންނަ ބޭކަލުންނަށް ހުރަސްއަޅާ ކައުންސިލްތަކާ މެދު ލޯކަލް ގަވާމެންޓް އޮތޯރިޓީން ފިޔަވަޅު އަޅަންޖެހެ އެވެ. އަދި ސީދާ ހޯމް މިނިސްޓަރު ވެސް މިކަން ހައްލުކުރުމަށްޓަކައި މަސައްކަތް ތަކެއް ކުރަންޖެހެ އެވެ. އެހެން ނޫނީ ދީނީ އިލްމުވެރީންނަށް ހުރަސް އެޅުމަށްޓަކައި ކައުންސިލްތަކުން ކުރާ މަސައްކަތްތައް ނުހުއްޓުވޭނެ އެވެ.
އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ދީނީ ދަރުސްދޭން އުޅުއްވާ ދަންނަބޭކަލުންނަށް ހުރަސްއެޅުމަށް ކައުންސިލްތަކުން މަސައްކަތް ކުރަނީ ދީނުގެ އަޑު އިއްވިޔަ ނުދިނުމަށެވެ. އެހެންކަމުން އިސްލާމްދީނުގެ މަގަށް ހުރަސްއަޅައި ދީނުގެ އަޑުއިއްވިޔަ ނުދޭން މަސައްކަތްކުރާ ކައުންސިލްތަކަކީ އުވާލަން ޖެހިފައިވާ ތަންތަން ކަމުގައި މިނިސްޓަރު ޝަހީމް ދެކެވަޑައިގަންނަވަ އެވެ. އަދި އެފަދަ ކައުންސިލްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވާމެންޓް އޮތޯރިޓީ އަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
"ދީނީ ދަރުސްތަކަށް ހުރަސްއަޅާ ކައުންސިލްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީއަށް ހުށަހަޅާނަން. އެފަދަ ކައުންސިލްތަކުން އެކުރަނީ ގާނޫނީ ކުށެއް. އެއީ ދީނުގެ އަޑު އިއްވިޔަ ނުދޭން ކުރާކަމެއް،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް، ރައްޔިތުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމުގެ މަގުސަދުގައި އިސްލާމިކު މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިސްލާމިކު މިނިސްޓްރީގެ ފަރާތުން ދީނީ ދަންނަބޭކަލުންގެ ޓީމެއް ވަނީ އަތޮޅުތަކުގެ ރަށްތަކަށް ދީނީ ދަރުސް ދިނުމަށް ދަތުރުތަކެއް ފަށައިފަ އެވެ.
މިގޮތުން މިދިޔަ ހުކުރު ދުވަހު ބ. ތުޅާދޫގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދީނީ ދަރުސް ބޭއްވުމަށް ކުރި މަސައްކަތަށް އެ ރަށުގެ ބަޔަކު ހުރަސް އެޅުމުން ދަރުސް ނުބާއްވާ މިނިސްޓްރީގެ ޓީމް ވަނީ އެ ރަށުން އެނބުރި ގޮސްފަ އެވެ. އަދި ސްކޫލް ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރު ކުރުމަށްޓަކައި އެއަތޮޅު ހިތާދޫ ސްކޫލްގެ ދަރިވަރުންނަށް ދީނީ ދަރުސް ދިނުމަށް އިސްލާމިކު މިނިސްޓްރީގެ ދަންނަބޭކަލުން އެ ރަށަށް ދިޔުމުން އެ ރަށުގެ ބަޔަކު ނުކުމެ ދަރުސްއަށް ހުރަސް އެޅުމުން އެންމެ ފަހުން ދަރުސް ކެންސަލް ކުރުމަށް ފަހު މިނިސްޓްރީގެ ޓީމް ޖެހުނީ އެރަށުންވެސް އެނބުރި ދާށެވެ.
ދީނީ ނަސޭހަތް ދިނުމަށް ރަށްރަށް ވަޑައިގަންނަވާ ދަންނަ ބޭކަލުންނަށް ފާޅުގައި ހުރަސްއަޅާއިރު އެކަން ހައްލުކުރެވޭނެ ގޮތްތަކެއް ވެސް އޮންނަންޖެހެވެ. އެފަދަ މީހުންނާއި ދޭތެރޭ ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް ނެތީ ތޯއެވެ؟ މިއީ ވެސް އުފެދޭ ސުވާލެކެވެ.
މުއްތަލިބު ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ފާސްވާ އިރު އެ ގާނޫނުން މިކަމަށް ހައްލެއް ގެނެސް ދެވޭނެ އެވެ. މިހާރު މަޖިލީހުގެ ކޮމެޓީގައި އޮތް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ބިލް އަންނަ ޖޫން މަސް ނިމުމުގެ ކުރިން މަޖިލީހުގެ ތަޅުމަށް ގެނެވޭވަރުވާނެ އެވެ. އަދި މަޖިލީހުގެ ތަޅުމަށް ބިލް އަންނައިރު ދީނީ ދަރުސްދޭ ފަރާތްތަކަށް ހުރަސް އަޅާ މީހުން އެކުރަނީ ކުށެއްކަމާއި އެފަދަ މީހުންނަށް ދޭން ޖެހޭ އަދަބު ގާނޫނުގައި ކަނޑައަޅާފައި ބޭއްވޭތޯ މަސައްކަތް ކުރައްވާނެ އެވެ. އެއިރުން އެފަދަ އަމަލުތައް ހުއްޓުވުމަށް ފަސޭހަ ވެގެންދާނެ އެވެ.
"ދީނީ ދަރުސް ދިނުމާއި ދީނީ ދަރުސްދޭ ފަރާތްތަކާއި ދެކޮޅަށް ހުރަސްއަޅާ ފަރާތްތަކުން އެކުރަނީ ކުށެއްކަމާއި އެ ކުށުގެ އަދަބު ގާނޫނުގައި ކަނޑައަޅަން އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެ ނޫން ގޮތެއް މިކަމުގައި ނޯންނާނެ،" މުއްތަލިބް ވިދާޅުވި އެވެ.
ހިތާދޫ ކައުންސިލްގެ ރައީސް ޔޫސުފް ގާސިމް ވިދާޅުވި ގޮތުގައި ދީނީ ދަރުސްތަކަށް ހުރަސް އަޅަން ފެށި މައްސަލައަކީ ފުންކޮށް ވިސްނަން ޖެހޭނެ ކަމެކެވެ. ދީނީ ދަރުސަށް ހުރަސް އަޅައި ރަށުގެ އެއްބައިވަންތަކަމަށް ހުރަސް އަޅުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
"މިކަހަލަ ކަންތައް ވަމުން ދަންޏާ ރަށުގައި އޮންނަ އެކުވެރިކަމާ އެއްބައިވަންތަކަން ގެއްލި މަސްލަހަތުތައް ގެއްލިދާނެ. ކީއްވެގެންތޯ މިހެންވެގެން މިއުޅެނީ މި ސުވާލުގެ ޖަވާބު އަޅުގަނޑުމެން އެބަޖެހޭ ހޯދަން. ދަރުސްތަކަށް ހުރަސް އެޅުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫނޭ. ރަށަށް އަންނަ މީހުނަށް އުނދަގޫވާ ގޮތަށް ގޯނާ ވާގޮތަށް ކަންތައް ކުރުމަކީ އަޅުގަނޑުމެން އެއްވެސްގޮތަކަށް ކޮށްގެންވާނެ ކަންތަކެއް ނޫން. ކީއްވެގެންބާ ކުއްލިއަކަށް މިކަން މިވަނީ. ފުންކޮށް ވިސްނަންޖެހޭ މިކަމުގެ ސަބަބެއް ހޯދަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގައި މިސްކިތްތައް ހުރުމަތްތެރިކޮށް އަދި އިމާމުންނާއި ދީނީ އިލްމުވެރިން ހިމާޔަތްކޮށްފައި އެބައޮތެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރެވޭނެ އެވެ.
"އިސްލާމީ ޝަރީއާގަ އެބައޮތް ނޫންތޯ މިސްކިތަތްކަށް ހުރުމަތްތެރިކޮށް ހިތުމަށާއި މިސްކިތްތަކާއި ނުކުޅުމަށް. އިސްލާމީ ޝަރީއާގަ އެބައޮތްތާ އިމާމުންނާ އިލްމުވެރީންނަށް ހިމާޔަތްދީފަ. އެހެންވީމަ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރެވޭނެ،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ ބައްޔެއް ފެތުރޭހެން ރާއްޖޭގައި ފެތުރެމުންދާ ކަމެކެވެ. އެހެންކަމުން ރާއްޖެއިން މިއާދަތައް ނައްތާލުމަށްޓަކައި ސަރުކާރުން އިސްނަގައިގެން މަޖިލީހަށް ހުށަހަޅައިގެން މިކަމަށް ޚާއްސަ ގާނޫނުތަކެއް ވެސް ހަދަންޖެހެއެވެ. އަދި މިހާރު މިފަދަ ކަންތައް ހިނގާނަމަ އެކަންތައް ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނީ ވާޖިބެއްކަމަށް ވެސް ޝާހު ވިދާޅުވެ އެވެ.
"ބާރުގަދަ މީހުންގެ ބާރު ގަދަވާނެ. ޖަންގަލީގެ ގާނޫނު ފެތުރޭނެ. އެބަޔަކު ހިތްހަމަ ނުޖެހޭ މީހެއްގެ ދަރުސެއް ވެސް އަޑެއް ނޭހޭނެ. އެކަހަލަކަމެއް ފެތުރުމަކީ ބައްޔެއް ފެތުރުން ކަހަލަ ކަމެއް. ދީނާ ކުޅެގެން ނުވާނެ. ޕްރޮސެކިއުޓާ ޖެނެރަލް ޖެހޭނެ މިކަންކަން ތަހުގީގު ކުރަން ފުލުހުންނަށް އަންގަން،" ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ދީނީ ދަރުސް ދިނުމަށް ހުރަސްއެޅުން އިތުރުވެފައިވާތީ މިކަން ހުއްޓުވުމަށް މަސައްކަތް ކުރުން ނޫން އެހެންކަމެއް މިވަގުތު މަޖިލީހުގެ 77 މެންބަރުން ކޮށްގެން ނުވާނެ އެވެ.
އޭނާ ވިދާޅުވާގޮތުގައި ދީނީ ދަރުސް ދިނުމަށް ހުރަސްއަޅާއިރު ދަންނަބޭކަލުންނާއި މަގުމަތިން ދިމާކުރުން ވެސް ވަނީ މިހާރު އާދައަކަށް ވެފައެވެ. އަދި މިސްކިތުގައި ތިމާ ހިތްހަމަ ނުޖެހޭ މީހަކު ޚުތުބާ ކިޔާނަމަ މިސްކިތުން ނުކުމެގެން ދިޔުންވެސް މިވަނީ އާދައަކަށް ވެފައެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްތަކުގައި ބައެއް ދަންނަބޭކަލުން ދޭ ދަރުސްތަކުގެ އަޑު ނޭހުމަށް ގޮވަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިކަންކަން ހައްލުކުރުމަށްޓައި މަޖިލީހުގެ 77 މެންބަރުން މުހިންމު މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅު ވެއެވެ.
"އިމާމުން މިސްކިތްތަކުގައި ފަތުވާ ދެއްވަން ތިއްބާ އެތަނަށް ގޮސް ގާއުކަނީ. މަގުމަތިން އެމީހުންނާ ދިމާކުރަނީ. ހުކުރު ޚުތުބާ ކިޔަންފެށީމަ މިސްކިތުން ފައިބައިގެން ދަނީ. މިއީ ރާއްޖެ ދުވަހަކު ވެސް ނުދެކޭ ކަމެއް. ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްތަކުގައި ބައެއް އިލްމުވެރުިންގެ ވާހަކަތައް އަޑު ނޭހުމަށް އެބަބުނޭ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެކެނީ ގާނޫނު އަސާސީގެ މައިގަނޑު ތަރަހައިގައި ދިވެހީންގެ ދީނަކީ އިސްލާމް ދީނޭ ލިޔެވިފައި އޮތުން ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރުން. 77 މެންބަރުން މިނޫނީ މިވަގުތު ކުރާނެ ކަމެއް ނެތް،" ނިހާން ވިދާޅުވި އެވެ.