01 Jan 2024, 20:25
ޖަޕާނަށް މިއަދު ދޮޅުގަޑިއިރު ތެރޭގައި 21 ބިންހެލުން އައި ކަމަށް އެގައުމުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ)އިން ބުނެފިއެވެ.
ޖަޕާނަށް މިއަދު 7.6 މެގްނިޓިއުޑުގެ ބިންހެލުމަށް އައުމާ ގުޅިގެން އެގައުމަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ޖޭއެމްއޭއިން ދިނެވެ. އެ ބިންހެލުން އައީ އެގައުމުގެ ގަޑިން 16:10ގައެވެ.
ޖޭއެމްއޭއިން ބުނީ އޭގެ އިތުރުން ވެސް ހަތަރު މެގްނިޓިއުޑާއި އެއަށްވުރެ ބާރުގަދަ ބިންހެލުންތައް ވެސް މިއަދު ޖަޕާނަށް އައި ކަމަށެވެ.
އެ ބިންހެލުމުގެ ސަބަބުން، އެގައުމުގެ އައްސޭރިފަށުގައި އޮންނަ ސަރަހައްދުތަކަށް ފަސް މީޓަރުގެ ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ޖޭއެމްއޭއިން ދިނެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، އޭގެ ފަހުން ބައެއް ސަރަހައްދުތަކަށް 1.2 މީޓަރު ނުވަތަ އެއަށް ވުރެ ވެސް ކުޑަ ރާޅުތައް އަރާފައިވެއެވެ.

ޖަޕާނަށް އައި ބިންހެލުމުގައި ބައެއް ސަރަހައްދުގެ މަގުތައް ހަލާކުވެ، ދަތުރުފަތުރަށް ބުރޫ އަރާފައިވޭ -- ފޮޓޯ/ ރޮއިޓާސް
ޖޭއެމްއޭއިން މިހާރު ވަނީ އެގައުމުގެ އިޝިކާވާ ޕްރިފެކްޗާގައި އޮންނަ ނޮޓޯ ސިޓީ ނޫން އެހެން ހުރިހާ ސަރަހައްދުތަކަށް ދިން ސުނާމީ އިންޒާރު ނަގައިފައެވެ. އެ ސިޓީއަށް ނެރުނު އިންޒާރުގެ ލެވެލް ވެސް ފަހުން ވަނީ ދަށްކޮށްފައެވެ.
ޖަޕާނުގެ އިދާރާތަކުން ވަނީ ބިންހެލުމުން ލިބުނު ގެއްލުންތައް އަންދާޒާ ކުރަމުންދާ ކަމަށާއި ބައެއް ގެތައް ވެއްޓި، މަގުތައް ހަލާކުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ބުނެފައެވެ. އެގައުމަށް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ހޮކުރިކޯ އިލެކްޓްރިކް ޕަވާއިން ވަނީ ބިންހެލުމާ ހެދި 36،000އަށް ވުރެ ގިނަ ގެޔަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެފައެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 8،500އަށް ވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ބުނެފައެވެ.
ޖަޕާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ 2011 ވަނަ އަހަރުގެ ފަހުން، އެހާ މަތީ ލެވެލްއެއްގެ ސުނާމީ އިންޒާރެއް އެގައުމުގައި ނެރުނު ފުރަތަމަ ފަހަރެވެ. އެ އަހަރު އެގައުމަށް އައި މެގްނިޓިއުޑް ނުވައެއްގެ ބިންހެލުމަށް ފަހު 40 މީޓަރު އުސް ސުނާމީ އެރިއެވެ. އޭގެ ސަބަބުން 18،000އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް މީހުން މަގުމަތިވިއެވެ.