ޓޯކިޔޯ (މޭ 27) : ޗައިނާ އާއި ޖަޕާނާ ދެމެދުކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮަލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާ ބޭނުން ކުރާގޮތަށް ނިންމައި އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހުންފެށިގެން މިކަން ތަންފީޒުކުރާނެކަން އެދެ ގައުމުން ހާމަކޮށްފި އެވެ.

ޖަޕާން ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ޔޫމިޔޫރީ ޝީމްބޫން" ބުނިގޮތުގައި ޗައިނާ އާއި ޖަޕާނާ ދެމެދުކުރާ ވިޔަފާރި ތަކުގައި އެދެ ގައުމުގެ ފައިސާ ކަމަށްވާ ޔެން އާއި ޔުވާން ބޭނުން ކުރާ ގޮތަށް ނިންމުމާ އެކު އެ ގައުމުތަކުގެ މަރުކަޒީ ބޭންކްތަކާއި މާލީ އިދާރާތަކުން މިހާރުވަނީ އެ ދެ ކަރަންސީގެ މުއާމަލާތްތަކަށް ހާއްސަ މާލީ ދެބާޒާރު ޓޯކިޔޯގަ އާއި ޝެންހާއީގައި އުފެއްދުމަށް ނިންމާފަ އެވެ.

ޗައިނާ އާއި ޖަޕާނުންކުރާ ވިޔަފާރީގެ މުއާމަލާތްތައް އެދެގައުމުގެ ފައިސާ ބޭނުންކޮށްގެން ކުރަން ނިންމުމާ އެކު ޔެން އާއި ޔުވާންގެ އެކްސްޗޭންޖް ރޭޓް ދެން ކަނޑައަޅާނީ ޑޮަލަރުގެ ރޭޓަށް ބެލުމެއްނެތި އެދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުކުޑަމިނުގެ މައްޗަށް ބިނާކޮށްގެންނެވެ. ދުނިޔޭގެ މާލީ ބާޒާރުތަކުގައި ޑޮލަރުގެ ރޭޓަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ލިބޭ ގެއްލުންތައް މި ނިންމުމާއެކު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށްވެސް ޖަޕާނުގެ ނޫސްތަކުން ބުނެ އެވެ.

ޗައިނާގެ ރަސްމީ މީޑިޔާއިންވެސްވަނީ ޗައިނާއާއި ޖަޕާނާ ދެމެދުކުރާ ވިޔަފާރީގެ މުޢާމަލާތްތައް އެދެޤައުމުގެ ފައިސާ ކަމަށްވާ ޔެން އާއި ޔުވާން އިން ކުރާގޮތަށް ނިންމިކަން ހާމަކޮށްފަ އެވެ. މިއީ، ޑޮލަރުނޫން ފައިސާއެއް ބޭނުންކޮށްގެން ޤައުމަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ޗައިނާ އެއްބަސްވި ފުރަތަމަ ފަހަރުކަމަށް މުރާސިލުން ބުނެ އެވެ.

ޗައިނާއާއި ޖަޕާންގެ މިފިޔަވަޅުގެ ސަބަބުން ދުނިޔޭގައި އެމެރިކާ ޑޮލަރުގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށާއި މިނިޒާމް ކާމިޔާބުވެއްޖެނަމަ ދުނިޔޭގެ ޤައުމުތަކުން އެހެން ޤައުމުތަކާކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ޑޮަލަރުގެ ބަދަލުގައި އެޤައުމުތަކުގެ ފައިސާ ބޭނުންކުރުމުގެ ނިޒާމެއް އުފަންވުމަށް މަގުފަހިވެގެންދާނެކަމަށް އިޤްތިސާދީ ތަޖްރިބާކާރުން ދެކެ އެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިޤްތިސޯދު ކަމަށްވާއިރު ޖަޕާނަކީ ދުނިޔޭގެ ތިންވަނަ އިޤްތިސާދީ ބާރެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާންވެސްވަނީ އިންޑިޔާފަދަ ބައެއް ޤައުމުތަކާއެކު ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުން ހުއްޓާލައި އޭގެ ބަދަލުގައި ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ފައިސާ ބޭނުންކުރުމުގެ މުޢާމަލާތްތައް ފަށާފަ އެވެ. (ޔޫ.ޕީ.އައި)