އިމާމުވެ، ހުކުުރު ކުރުމުގެ ހުއްދަ ހޯދަން 100 ޒުވާނުން ކުރިމަތިލާފައިވާކަމަށާއި އެ ކަމަށް އެދުނު ޒުވާނުންގެ އިންޓަވިއުތައް އަންނަ ހަފުތާގައި ފަށާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހަފުތާގައި ބައިވެރިންގެ އިންޓަވިއުތައް ނަގާނީ މިނިސްޓްރީއަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ކަމަށެވެ.

އެގޮތުން މާލޭގައި ހުރި ބައިވެރިއެއް ނަމަ އިންޓަވިއު ނަގާނީ މިނިސްޓްރީއަށް ހާޒިރުކޮށްގެން ކަމަށާއި ރަށުގައި ހުރި ބައިވެރިއެއްގެ އިންޓަވިއު ނަގާނީ އޮންލައިންކޮށްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އިންޓަވިއުތަކުގައި ބައިވެރިންގެ ޤުރުއާން ކިޔެވުން އަޑުއެހުން އޮންނާނެ ކަމަށެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ބައިވެރިން ބޭނުން ޚުތުބާއެއް އިޚްތިޔާރުކޮށް، ބައިވެރިންގެ ޚުތުބާ އަޑުއެހުން އޮންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ، ޚުތުބާ އަޑުއެހުމަށްފަހު ކުރިއަށްދާނީ އެ ކަމުން ހޮވޭ ބައިވެރިން އެކަނި ކަމަށެވެ.

"އެއަށްފަހު ހުއްދަދެވޭ ފަރާތްތަކަށް ޚާއްސަ ތަމްރީނެއް ދެވޭނެ" ޝަހީމް ވިދާޅުވިއެވެ.

ހޮވޭ ބައިވެރިންނަށް ދޭ ތަމްރީނުގެ ތެރޭގައި ޚުތުބާ ކިޔުމުގެ ފަންނާއި މޮސްކް މެނޭޖްމަންޓާއި ޖަނާޒާގެ ކަންކަމާއި އިމާމުގެ އަޚުލާޤާއި ނަމާދުގެ ފިޤުހުގެ އިތުރުން މިސްކިތުގެ ދައުރު ކިޔައިދެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިތުރު މައުލޫމާތު ހާމަކުރައްވަމުން މިނިސްޓަރު ހިއްސާކުރައްވައިވަނީ އެ ތަމްރީނުގައި އެއްވެސް އިމްތިޙާނެއް ނޯންނާނެ ކަމަށެވެ. އަދި ތަމްރީނުތައް އަތޮޅު ތެރޭގައާއި މާލޭގައި ކުރިއަށްދާނެކަމަށްވެއެވެ.

"މި ތަމްރީނުތައް ކުރިއަށް ދާނީ އަތޮޅުތަކުގައި އުޅޭ ކުދިންނަށް އަތޮޅުތަކުގައި. މާލެ ސަރަހައްދުނަމަ މާލޭގައި،" ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު މި ހުރިހާ ކަމެއް އަންނަ ރަމަޟާން މަހުގެ ކުރިން ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގުރޭޑު 10،11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވައި އަދި ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވަނީ މިދިޔަ މަހު ދިހައެއްގައެވެ.

ޝަހީމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބޭނެ ކަމެކެވެ.