26 May 2012, 21:49
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރަން އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި ކޮމަންވެލްތުން އެ ކޮމިޝަން މިހާރު ގަބޫލުކުރާ ކަމަށް ކޮަމަންވެލްތުގެ ހާއްސަ މަންދޫބު ސާ ޑޮން މެކިނަން ވިދާޅުވި ކަމަށް "ޕީއާރް ނިއުސް ވަޔާ" އިން އިއްޔެ ފެތުރި ހަބަރަކީ މައުލޫމާތު އޮޅޭ ގޮތަށް ފަތުރާފައިވާ ހަބަރެއް ކަމަށް ކޮމަންވެލްުތުން ބުނެފި އެވެ.
ޕީއާރްނިއުސް ވަޔާ އަކީ ޕަބްލިކް ރިލޭޝަން ކުންފުނި ތަކަށް އުޖޫރައަށް ހަބަރާއި ނޫސް ބަޔާންތައް ފަތުރައިދޭ އެމެރިކާގެ އެޖެންސީއެކެވެ.
ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ނެޝަނަލް އިންކްއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ ކޮމިޝަނެއް ކަަމަށް ވިދާޅުވެ، އެ ކޮމިޝަނަށް ސާ ޑޮން މެކިނަން ރުހުން ދެއްވައިފި" ކަމަށް ބުނެ ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިއްޔެ ފަތުރާފައިވާ ހަބަރަކީ މައުލޫމާތު އޮޅޭ ގޮތަށް ފަތުރާފައިވާ ހަބަރެއް ކަމަށެވެ.
"ސާ ޑޮން މެކިނަން، މޭ 15 ވަނަ ދުވަހު ރާއްޖޭން ފުރާވަޑައިގެންނެވުމުގެ ކުރިން ވަނީ ސާފު ބަޔާނެއް ދެއްވާފަ އެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ތަހުގީގު ރަނގަޅު ކުރުމަށާއި ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ ފުޅާކޮށް، އެ ކޮމިޝަނުގެ އެކުލެވުން ބަދަލު ކުރުމަށާއި ބައިނަލްއަގުވާމީ ފަރާތަކުން އެ ކޮމިޝަން ކޯ ޗެއާ ކުރުމަށާއި ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ހިމެނުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމަކަށް ވަޑައިގެންނެވިފައިވާ ކަމަށެވެ،" ކޮމަންވެލްތުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އަދި ބުނަނީ ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ މިހާރު އޮތް ގޮތަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެެއްގެ ގޮތުގައި ކަމަށް ސާ މެކިނަން ވިދާޅުވެފައި ނުވާ ކަމަަަށެވެ.
"މިހާރު އޮތް ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ އަކީ ވަކިފަރާތަކަށް ނުޖެހޭ ފުޅާ ދާއިރާއެއްގައި ގަބޫލުކުރެވޭ އިތުބާރު ހުރި ކޮމިޝަނެއް ކަމަކަށް ސާ ޑޮނަލްޑް މެކިނަން ވިދާޅެއްނުވެ އެވެ. އޭނާ ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކުގައި ކުރެއްވި މަސައްކަތް އަމާޒުކުރައްވާފައި ވަނީ އެކަން [ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހޭ އިތުބާރު ހުރި ތަނަކަށް ހެދުން] އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ހާސިލް ކުރެއްވުމަށެވެ،" ބަޔާނުގައި ވެއެވެ.
ޕީއާރް ނިއުސް ވަޔާ އިން އިއްޔެ ފެތުރި ހަބަރުގައި ބުނެފައި ވަނީ ފެކްޓް ފައިންޑިން މިޝަނެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ފަހު ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ އަކީ ވަކިފަރާތަކަށް ނުޖޭ، ފުޅާ ދާއިރާއެއްގައި ގަބޫލުކުރެވޭ ތަނެއްގެ ގޮތުގައި ސާ ޑޮން މެކިނަން އެ ކޮމިޝަން އެންޑޯސް ކުރައްވާފައިވާ ކަމަށެވެ.