01 Jan 2024, 14:41
އޮސްޓްރޭލިއާ ގައުމީ ކްރިކެޓް ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޑޭވިޑް ވޯނާ އެއްދުވަހުގެ ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކޮށްފިއެވެ.
އޭނާ މި ކަން ހާމަކޮށްފައިވަނީ ޓެސްޓް ކްރިކެޓްގެ ފަހު މެޗަށް ނިކުންނަށް ތައްޔާރުވެފައި ވަނިކޮށެެވެ. ވޯނާވަނީ އޭނާ ޓެސްޓް ކްރިކެޓުން ޕާކިސްތާނާއެކު މިހާރު ކުޅެމުންދާ ޓެސްޓް ކްރިކެޓް ސީރީޒަށްފަހު ރިޓަޔާކުރާކަން ކުރިން ހާމަކޮށްފައެވެ.
ވޯނާ ހާމަކުރި ގޮތުގައި އޭނާ އެއް ދުވަހުގެ ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާ ކުރަނީ ވަރަށް ހިތްހަމަޖެހިހުރެ ކަމަށެވެ. ވޯނާ ވަނީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އެއް ދުވަހުގެ ކްރިކެޓް ވޯލްޑް ކަޕް އޮސްޓްރޭލިއާއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އޭނާ ހާމަކުރި ގޮތުގައި އެ ފަދަ ފުރިހަމަ ކާމިޔާބީއަކަށްފަހު ރިޓަޔާކުރަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް އޭނާއަށް ގަބޫލުކުރެވުނު ކަމަށެވެ. އަދި މިއީ އޭނާ ކަހަލަ ކުޅުންތެރިން ރިޓަޔާ ކުރުމަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއް ކަމަށާއި ހަމައެއާއެކު އޭނާއަށް ފްރެންޗައިޒް ކްރިކެޓް އެހެން ގައުމުތަކުގައި ކުޅުމަށް އޮންނަ މިނިވަންކަން އިތުރު ވެގެންދާނެކަމަށް އޭނާ ބުންޏެވެ.
ވޯނާ ވަނީ ވޭތުވެދިޔަ 14 ސީޒަންގައި އިންޑިއަން ޕްރިމިއާ ލީގުގައި ވާދަކޮށްފައެވެ. މިއާއެކު ވެސް 2025ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރާ އޮސްޓްރޭލިއާ ޓީމުން ޖާގަ ދީފިނަމަ އޭނާ އެ ފުރުސަތު ގަބޫލްކުރާނެކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.
ވޯނާ ކުރޭ އެންމެ ފަހު ޓެސްޓް މެޗު ކަމަށްވާ 112ވަނަ މެޗު އަންނަ ބުދަ ދުވަހު އޭނާގެ އުފަން ރަށް ސިޑްނީގައި ޕާކިސްތާނާއި ދެކޮޅަށް ކުޅޭނެއެވެ.
ވޯނާވަނީ އޭނާގެ ކެރިއަރުގައި އެއްދުވަހުގެ 161 މެޗް ކުޅެ 6،932 ލަނޑު ހަދައިފައެވެ. އެއާއެކު އޭނާ ވެފައިވަނީ އޮސްޓްރޭލިއާގެ ތާރީހުގައި އެއް ދުވަހުގެ މެޗުގައި ހަވަނައަށް އެންމެ ގިނަ ލަނޑު ހަދައިފައިވާ ކުޅުންތެރިޔާ އަށެވެ.