މޫނު ނިވާކޮށްގެން ތިބެ، ޑީއެޗްއެލްގެ މުދާތަކެއް ފޭރުނު މައްސަލައިގައި ދެ މީހަކު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވަނީ، 18 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސްވަނީ ޖަހައިފައެވެ.

އެ މައްސަލައިގައި ހެކީގެ ގޮތުގައި ޑީއެޗްއެލްގެ ވޭން ދުއްވަން ހުރި މީހާގެ ބަހާއި، ޑީއެޗްއެލްގެ ސިޓީއަކާއި، މަގުތަކުގައި ހުރި ކެމެރާތަކުގެ ފުޓޭޖުގެ ފޮޓޯ ފުލުހުން ހުށަަހަޅައިފައިވެއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، މި ފޭރުމަކީ ޖަމާއަތް ހަަދައިގެން ކުރިއަށް ގެންދިޔަ ފޭރުމެކެވެ.

އެގޮތުން މޫނު ނިވާކޮށްގެން ތިބެ، ދެ ފަހަރެއްގެ މަތިން ޑީއެޗްއެލްގެ ވޭނަށް އަރައި، ދެ ޕެކޭޖެއް ފޭރިގަނެފައިވާކަމަށް ކޯޓު އަމުރުގައިވެއެވެ.

އެއީ އާންމުންގެ މުދަލަށްވާއިރު، ފޭރިގަތް އެއް ފޮށިގަނޑުވަނީ މިހާރު ހޯދައިފައެވެ. ނަމަވެސް އޭގައި ހުރި މުދާ ފެނިފައެއް ނުވެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ މުޅި އަހަރު ވެސް އެންމެ ގިނައިން ފުލުހަށް ހުށަހަޅައިފައިވާ ބާވަތުގެ މައްސަލައެވެ.

އެގޮތުން މި ނިމުނު 2023ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައިވައްކަމާއި ފޭރުމުގެ 2441 މައްސަލަ ރިޕޯޓުކުރިއިރު، 1121 މައްސަލައެއް ލޮޖުކޮށް ތަހުގީގުކޮށްފައިވެއެވެ.

އޭގެ ތެރެއިން 760 މައްސަލަ ބަލައި ނިންމައި ފައިލްކޮށްފައިވާއިރު ދައުވާކުރަން ފޮނުވައިފައިވަނީ އެންމެ 26 މައްސަލައެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުމްލަ 276 މީހަކު ބަންދުކޮށްފައިވެއެވެ.