މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ، އިނގިރޭސިވިލާތުން މިއަދު ފަތިހު ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އޭޕޯޓުގައި އޭނާއަށް ހޫނު މަރުޙަބާ ކިޔައިފިއެވެ.

މިއަދު ޒިޔާރަތްކުރި ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެންޖަމިން ޑަންކަން މޯއެވެ. ބެންޖަމިން ރާއްޖެ ޒިޔާރަތްކުރީ އޭނާގެ ރައްޓެހިންތަކަކާ ބައްދަލުކޮށްލުމަށެވެ.

މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގާއި އިމިގްރޭޝަނާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މިއަދު ފަތިހު ބޭއްވި ހަފްލާގައި ބެންޖަމިންއާއި ދާއިރާގެ އިސް ބޭފުޅުން ---- ފޮޓޯ/ އިމިގްރޭޝަން

މި ހަފްލާގައި ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީ، އެމްއޭސީއެލް، އިމިގްރޭޝަނުން ބެންޖަމިންއަށް ޚާއްސަ ހަދިޔާތަކެއް ދީފައިވެއެވެ. އަދި ކްރޮސްރޯޑްސްގައި އިތުރު މީހަކާއެކު މި އަހަރު ތެރޭ ހިލޭ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ވެސް އޭނާއަށް ވަނީ ދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިދިޔަ އަހަރު ފުރަތަމަ ކަނޑައެޅި 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވަނީ ވާސިލްވެފައެވެ.

މި ނިމުނު އަހަރު ރާއްޖެއަށް 1،834،759 ޓޫރިސްޓުން ވަނީ އައިސްފައެވެ. މިއީ ކުރީ އަހަރުތަކާ ބަލާއިރު ރެކޯޑު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި އަންނަ އަހަރު 2.01 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

މި ކަން ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މާކެޓިން ރަނގަޅުކޮށް އޮކިއުޕެންސީ ވަރުގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ފައިސަލްވަނީ ވިދާޅުވެފައެވެ.