01 Jan 2024, 12:42
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް، ފުލަމް އަތުން ބަލިވެ ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު ލަންޑަން ޑާބީއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި މެޗުގައި ގިނައިރު އާސެނަލުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފާއްދާފައިވަނީ ފުލަމުންނެވެ. މެޗު އާސެނަލުން ފެށީ ވަރަށް ފޯރިއާ އެކުއެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އާސެނަލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބުކާޔޯ ސާކާއެވެ.
މި ލަނޑާ އެކު އާސެނަލުން މެޗުގެ ކޮންޓްރޯލް ނަގައި މެޗުން ފަސޭހަކަމާ އެކު މޮޅުވާނެކަމަށް ހީވި ނަމަވެސް ފުލަމްއިން ހިތްވަރު އެލުވައިނުލާ ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސަސްޕެންޝަނުގެ ސަބަބުން ވޭތުވެދިޔަ ދެތިން މެޗުގައި ނުކުޅެ ހުރުމަށް ފަހު މެޗުގައި ކުޅެމުންދިޔަ ރައުލް ހިމެނޭޒެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
މެޗުން ފުލަމް މޮޅުވި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބޮބީ ޑެކޯޑޮވާ ރީޑްއެވެ. އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މެޗުން ބަލިވުމުން އާސެނަލަށް ވަނީ އާ އަހަރާ ކުރިމަތިލީއިރު ތާވަލުގެ އެއްވަނައަށް އެރުމަށް އެ ޓީމަށް ލިބިގެންދިޔަ ފުރުސަތު ގެއްލިގެން ގޮސްފައެވެ. މިއާ އެކު އާސެނަލް މިހާރު އޮތީ ކުޅުނު 20 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. މެޗުން މޮޅުވި ފުލަމް އޮތީ 24 ޕޮއިންޓާ އެކު ތާވަލުގެ 13 ވަނައިގައެވެ. މިއީ ވޭތުވެދިޔަ ތިން މެޗުން ބަލިވުމަށް ފަހު ފުލަމް މޮޅުވި ފުރަތަމަ މެޗެވެ.