11 Aug 2010, 09:03
14:00
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މުސްކުޅި ކުރައްވާފައިވާ މުޖުތާޒް ފަހުމީ އާއި ޔޫސުފް ހުސެއިނަށް، އިނާޔަތެއްގެ ގޮތުގައި، އެބޭފުޅުން މަގާމުގައި ތިއްބެވިއިރުރު ލިބިވަޑައިގެންނެވި މުސާރައިން ބަޔަކާއި، ލިވިން އެލަވަންސާއި، ސަލާމަތީ ރައްކާތެރިކަން ދިނުމަށް ފަނޑިޔާރުންގެ ބިލަށް އިސްލާހް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި މި އިސްލާހްގެ ބިލު ހުށަހަޅުއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއީ ސިޔާސީ އެއްވެސް މަގުސަތެއް އޮވެގެން ހުށަހެޅުއްވި އިސްލާހެއް ނޫން ކަމަށެވެ. އަދި މި އިސްލާހް ހުށަހެޅުއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު ނުކުންނަވާ ބޭފުޅަކު، ދަށު ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަކީ، އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭތީ އާއި އެއީ އަދަބާ ހިލާފް ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.
އި އިސްލާހަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ އިސްލާހަށް ތާއީދު ކުރައްވައިފަ އެވެ. އަދި މިބިލް ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ.
މި އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މިއީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ. އަދި އިންތިގާލީ މަރުހަލާގައި ނަމަވެސް އޭރު އޮތް ސުޕްރީމް ކޯޓަކީ ރާއްޖޭގެ ފުރަތަ ސުޕްރީމް ކޯޓު ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ ދެމިއޮތީ އެބޭފުޅުންގެ ގަދަ ހިތްވަރާ މަސައްކަތުންކަން، ސުޕްރީމްކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދެއްވާފައިވާ ކަމަށާއި، މިއީ އެބޭފުޅުން ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ފަނޑިޔާރުން ކުރައްވާ މަސައްކަތުގެ ގޮތުން ވެސް އެ ބޭފުޅުންނަށް ހިމާޔަތާ ރައްކާތެރިކަން ދޭންޖެހޭ ކަމަށް. މަސައްކަތް ނިންމަވާލެއްވުމަށްފަހު ސަލާމަތުން ގެއަށް ދެވޭނެކަމުގެ އެއްވެސް އުއްމީދެއް ފަނޑިޔާރުންނަށް ނޯންނަ ކަމަށާއި، މާލީ އިނާޔަތުގެ އިތުރުން، އެމްއެންޑީގެ ފަރާތުން އެބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ހަށިފާރަވެރިން ދޭންޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެކަނި މިފަދަ އިނާޔަތްތަކެއް ހަމަޖެއްސެވުމަކީ، ހަމަޖެހޭކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ފަނޑިޔާރަކު ތަފާތުނުވާ ގޮތަށް ދަށުކޯޓުގެ ފަނޑިޔާރުން ހިމެނޭގޮތަށް މިފަދަ އިނާޔަތްތަކެއް ހަމަޖެއްސެވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ފަނޑިޔާރުންގެ އިނާޔަތާ ބެހޭ މައްސަލައެއް މާލިއްޔަތު ކޮމިޓީގައި އޮތްކަން ފާހަގަކުރައްވައި މި ބިލު އިތުރަށް ފުރިހަމަ ކުރުމަށް އެ ކޮމިޓީއަށް ފޮނުއްވުމަށް ވެސް މޫސަ އެދިވަޑައިގެންނެވި އެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި އޮތް މައްސަލައަކީ، ދަށުކޯޓުތަކުގެ ފަޑިޔާރުންގެ ތެރެއިން މުސްކުޅި ކުރައްވާ ފަނޑިޔާރުންނަށް އިނާޔަތް ހަމަޖެއްސެވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުހިމެނޭ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
ނާޒިމު އަދި ވިދާޅުވީ، މުސްކުޅި ކުރައްވާ ސުޕްރީމް ކޯޓުގެ ފަޑިޔާރުންނަށް މާލީ އިނާޔަތްތަކުގެ އިތުރުން، އެބޭފުޅުންގެ މަސައްކަތްތައް ފާހަގަކުރައްވައި ލަގަބެއް ދެއްވުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.