01 Jan 2024, 06:31
"މެހެކް...ނަބިއްތަ ގެ ލޯބި ލޯބި މެހެކް... މެހެކް ބިންތް އަހްމަދު......ކަޅު ޓެންޓުގަނޑާ.....އެނގޭތަ ކަލޭގެ ބައްޕަ ގެ ފުރަތަމަ ލޯބިވެރިޔަކީ ނާވިޔާކަން، ޝަމީލާ އާއި އިނީ ލޯތްބަކުން ނޫން އެހެންވެ އޭނަވެސް މަރުވީ....." ޖެއްސުމުގެ ރާގާއި ބާރު ހުނުމުގައި އެއް އަތް ޗޭނުން ނަޓާލައިގެން ހުރެ ބަރު އަޑަކުން ބުނަމުންދިޔައެވެ.
ޗޭނު ނެއްޓުމަށް ފަހު ނަބީލާ އިނީ ހަތަރެސްފައި ޖަހައިގެން އެނދުމަތީ ބޯހޫރަ ހޫރައެވެ. އެކި ޖަނަވާރުންގެ އަޑުތައްވެސް ލަވައެވެ. މުޅި ތަން އެލާމް އަޅައި ސެކިއުރިޓީ އަންނަ އަޑު އިވެންފެށުމުން މެހެކް އަވަހަށް ރިކޯރޑަށް ޖައްސައިފައި އޮތް ފޯނު ނަގައި ދުއްވައިގަތީ އެ ކޮޓަރިން ބޭރަށް ދެވޭތޯއެވެ.
"އަހަރެން މި ހަށިން ނުދާނަން....މީ އަހަރެންގެ މިލްކެއް..."ނަބީލާ ރުޅިއައިސް ބިރުވެރި އަޑުތައް ލަވަމުން މެހެކް ހިފޭތޯ ފުއްމައިގަތީ އެނދުމަތީން ސިންގާ އެއްހެންނެވެ.
ކޮޓަރިން ބޭރަށް ދިޔުމަށް މަސައްކަތް ކުރަމުން ދިޔަ މެހެކް ދިޔައީ ހަށި ރައްކަލަށް ސޫރަތްތައް ކިޔަވަމުންނެވެ. މާތް ﷲ ގެ އިރާދަފުޅުން އެއްވެސް މީހަކަށް ހިލަމެއް ނުވެ އަދި ނަބީލާގެ ފުށުން ސަލާމަތްވެ އެ ކޮޓަރިން މެހެކް އަށް ބޭރަށް ދެވުމުން އެންމެ ފުރަތަމަވެސް ފޯނުންކުރި ވީޑިޔޯ ފޮނުވީ މީކާއިލް އަށެވެ.
"މީކާ....ދެންމެ ފޮނުވައިފިން ވީޑިޔޯއެއް...ހުޝަލް އަށް ދައްކާލާފަ ޑިލީޓް" މެހެކް މީކާއިލް އަށް ފޯނު ކުރުމަށްފަހު ބުނެލީ ވަރަށް ސިއްރުންނެވެ.
"ދޮންތި...ޑިޑް ޔޫ "ކޮކާ ކޯލާ" ......ޕްލީޒް ބީ ކެއަފުލް..." މީކާއިލް ވަރަށް ކޮންބޮޑުކަމާއިއެކު ޖަވާބު ދިނެވެ. "ކޮކާ ކޯލާ" އަކީ ސެކިއުރިޓީ ފޫޓޭޖް ހެކް ކުރުމަށް ދެ މީހުން ދެމެދުގައި ހަދާފައިވާ ކޯޑް ވޯޑެކެވެ.
"ޔެސް މީކާ ޑޯންޓް ވޮރީ....އެހެންނޫނަސް ބިރުވެތިވާންވާނީ ﷲ އަށް....މީ ﷲ އަށްޓަކައި ކުރެވޭ ކަމެއް....ބަޔަކަށް ހަގީގަތް ނޭނގުނަސް ﷲ ދެކެ ދެނެވޮޑިގެންވާނެ.....އެ އިލާހް އަހަރެމެން ރައްކާތެރިކުރައްވާނެ.... ޕޮޒިޓިވް ކޮށް ވިސްނަންވާނީ..."މެހެކް ގެ އަޑުގައިވީ އޯގާތެރިކެމެވެ. މެހެކް ވަނީ އެ ކޮޓަރިޔަށް ވަނުމުގެ ކުރީން ސެކިއުރިޓީއާއި ދޮރުގެ ލޮކް ވެސް ހެކް ކޮށްފައެވެ. މެހެކް އަކީ ޕްރޮގްރާމިން އާއި ހެކިންގް އަށް މޮޅުކުއްޖެއް ކަމުން އެކަންތައްތަ ކުރުމަކީ ފަސޭހަ ކަމެކެވެ.
***
އުރުޖުވާންގެ އާދޭސް މާޒިމް އަށް ރޭކާލާން ހިނދުކޮޅެއް ނެގިނަމަވެސް އުރުޖުވާންގެ އުނގުގައި އޮތް ސަބީހާގެ ހާލު ބެލުމަށް އަވަސްވެގަތެވެ. އަދި އަތުގައި އޮތް ހެދުން ބޭއިޚްތިޔާރުގައި އުރުޖުވާން އަތަށް ދިނެވެ.
"ސަބީ...ބީ...!!" މާޒިމް އަށް ލިބުނީ ޝޮކެކެވެ. އަދި ކަރުނުން ލޯ ފުރި ބަންޑުންވަމުންދިޔަ އުރުޖުވާން އަށް ބަލައިލެވުނެވެ.
"ޕްލީޒް މާޒިމް...މާމަ ސަލާމަތްކޮށްދީ....ޕްލީޒް.." އުރުޖުވާން ރޮމުން އާދޭސްކުރިއެވެ.
މާޒިމް އަށް ލިބުނު ހައިރާންކަން ކިތަންމެ ބޮޑު ކަމުގައި ވިޔަސް އެ ވަގުތު ސަބީހާ ގެ ހާލު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. އަވަހަށް ފޯނު ކުރީ އެންބިއުލާންސް އަށެވެ. އަދި ސަބީހާގެ ހިތު ވިންދު ހުރިތޯ ބަލައި ލޮލުގެ ކަޅި ވެސް ބަލައި ހެދިއެވެ. މާޒިމް އަކީ ޑޮކްޓަރެއް ކަމުގައި ވެ ފުރަތަމަ ފަހަރަށް ބުނާނެ އެއްޗެއް ނޭނގި ހުރެވުނީ އުރުޖުވާންގެ ހިތާމަ ފެނިފައެވެ. ދުލަށް އެއްވެސް ބަހެއް ނައިސް މަންމަންވެފައި ހުރެވުނެވެ.
"މާޒިމް...މާމަ އޯކޭތަ؟....ޕްލީޒް ޓެލް މީ...ޕްލީޒް..." ގިސްލަމުން އުރުޖުވާން އެއްސެވެ.
"އަނ...އަނ...އޯކޭ ވާނެ...އެމްބިއުލާންސް އެބަ އާދޭ މިހާރު.....އުރުޖުވާން މަޑު ކޮށްލާ...އައި ވިލް ގޯ" މާޒިމް އާގަންނަމުން ބުންޏަސް އޭނާ އަށް ސަބީހާގެ ހާލަތު ހުރި ގޮތް ތެދަށް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. ސަބީހާގެ ހާލަތް ދައްކާގޮތުން ބޮޑަށް ލަފާކުރެވެނީ ސްޓްރޯކެއް ކަމެވެ.
"ނޯ....އުރޫޖް ދާނަން...މާމަ އަށް ގޮތެއްވެއްޖިޔާ....."ހިތް ފަޅައިގެން ދިޔަ އުރުޖުވާން އަށް އަދިވެސް ރޮވެނީއެވެ. ލިފްޓުގެ ދޮރު ހުޅުވުނީ ދެނެވެ.
"ޔޫ...ޝުޑް...ގެޓް ރެޑީ...." މާޒިމްއަށް ބޭއިޚްތިޔާރުގައި އުރުޖުވާން ކުރިމައްޗަށް އަރައި ފަހަތުގައި އުރުޖުވާން ފޮރުވާލެވުނެވެ. އެއީ އުރުޖުވާން އެ ހުރި ހާލަތުން ލައިގެން ހުރި ޓީޝާޓާއި ޖީންސް އަދި ބުރުގާ ނާޅައި ވެސް ގޮސްފާނެތީއެވެ. ނޫނީ މީހަކަށް އުރުޖުވާން އެ ހުރި ހާލަތުގައި ފެންނަން ހިތް ނޭދޭތީއެވެ. 6 ފޫޓް ދިގު މާޒިމް ފަހަތުގައި ހުރި އުރުޖުވާން އަވަސް އަވަހަށް އަތުގައި އޮތް އޭނާގެ އަބާޔާ ލައި ބުރުގާ ބޮލުގައި އޮޅާލިއެވެ. އެ ހިނދުކޮޅުގައި އަތަށް އެ ހެދުމާ ބުރުގާ އައީ ކިހިނެއްތޯވެސް ސުވާލު ކުރަން ހިތަށް ނާރައެވެ. ސްޓްރެޗަ އަށް އަރުވަމުން ދިޔަ ސަބީހާ ފަހަތުން ލިފްޓަށް އެރުމަށް އުރުޖުވާން ދުއްވައިގަނެވުނެވެ.
***
"މަންމަ....މީ މަންމަ ގެ އަޑެއް ނޫން...މަންމަ އަށް ކިހިނެއްވެފަ....މިހާ ގޯސްވެފަ ހުއްޓާ އަދި ދުވަހަކު ނުފެނޭ.." ވީޑިޔޯ ބަލަމުން ދިޔަ ހުޝަލް އަތުން ބޮލުގައި ހިފަހައްޓައިގެން ހުރެވުނީ ވީޑިޔޯގައި ވަމުންދާ ގޮތްތައް ފެނިފައި ހުރެއެވެ.
"އެއީ އިފްރީތުގެ އަޑު....މިބުނީ ޖިންނި...ޤުރުއާން ކިޔެވީމާ އުނދަގޫ ވާނެ...އަދި އެކި ކަހަލަ އިންޒާރު ދީ ކިޔެވުން ހުއްޓުވުމަށް މަސައްކަތް ކުރާނެ" މީކާއިލް ކިޔައިދިނެވެ.
"ޤުރުއާން ކިޔެވީމަ އެހެންމަ މާ ސަކަރާތެއްނު...ބޭހުން ފަރުވާ ނުހޯދޭނެ ބަލިއެއްތަ މީދެން" ހުޝަލް ކަންބޮޑުވުންފާޅު ކުރިއެވެ.
"ޤުރުއާން އަކީ ޝިފާ އެއް....މާތްﷲ ތަ ނޫނީ އަހަރުމެންނަށްތަ ކަންތައްތައް ބޮޑަށް އެނގުންވަނީ؟ ހުރިހާ ކަމެއްގެ މަދަދަށް އެދެން ފުރަތަމަ ޖެހޭނީ ހެއްދެވިފަރާތް އަރިހުން...."
"އައިމް ސޮރީ...ނޭނގޭ މިކަންތައްތައް ފެނިފަ އައި ފީލް ހެލްޕްލެސް...ގޮތް ހުސްވާހެން ހީވަނީ...އުއްމީދު ކުޑަވޭ ދިރިއުޅުމާއިމެދު" ހުޝަލް ބުނަމުން ދިޔައީ ވަރަށް އަސަރާއެކުއެވެ.
މީކާއިލް ވީޑިޔޯ ޕޯސް ކުރުމަށް ފަހު ޤުރުއާން ތަރުޖަމާއެއް ހިފައިގެން އައިސް ސޫރަތް ޒުމަރުގެ 53 ވަނަ އާޔަތް ހުޅުވައި ކިޔައިދިނެވެ. " ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އަދިވެސް ސޫރަތުއް އަޢްރާފްގެ 156 ވަނަ އާޔަތުގެ މާނަ ކިޔައިދިނެވެ. "އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި އާޚިރަތުގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަ ވެއްޖައީމުއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ޢަޛާބެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޢަޛާބު ކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، ތަޤްވާވެރިވެ، ޒަކާތް ދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުންނަށް ތިމަންރަސްކަލާނގެ އެ ރަޙްމަތް ލިޔުއްވާހުށީމެވެ."
އަޑުއަހައިގެން ހުރި ހުޝަލްގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތަކުގައިވީ އެ އާޔަތްތަކުން ލިބުނު އުފަލާއި ހިތްހަމަޖެހުމެވެ. ހީވީ ދުނިޔޭގެ ހުރިހާ މާޔޫސްކަމެއް އެ އާޔަތްތަކުން ފިލައިގެން ދިޔަހެންނެވެ.
"މީކާ...އަހަރެން ބޭނުން ﷲގެ ރަޙްމަތާއި މަދަދު..."ހުޝަލް އާދޭސްކުރިއެވެ.
"އަލްޙަމްދުލިﷲ....ސުބްޙާނައްﷲ....އަވަހަށް ހިނގާ ނަމާދަށްދާން...ވީޑިޔޯ އަދި ބަލާނީ ފަޖުރުން އައިސް....މިހާރު ފަޖްރަށް ބަންގިދޭނެ." މީކާއީލް ލުއި ހިނިތުންވުމެއް ވެރިކުރަމުން ބުނެލިއެވެ.
"އަހަންނަށް...މީކާ...ޕްލީޒް ޑޯންޓް ޓެލް އެނީބަޑީ...އަހަންނަށް ނަމާދު ކުރަން ނޭނގޭ..."ހުޝަލް ވަރަށް ލަދުގެންފާ ހުރެ ބުނެލިއެވެ.
"ހާސް ނުވޭ...އަހަރެން ދަސްކޮށްދޭނަން...ވަރަށް އުފާވެއްޖެ ހުޝަލް ތިހެން ބުނުމުންވެސް....ނޭނގުމަކީ މައްސަލައެއް ނޫން....އަޅާނުލާ ދަސްނުކޮށް ހުރުން އެއީ މައްސަލައެއް" މީކާއީލް ދިޔައީ ހުޝަލް އަށް ހިތްވަރު ލައިދެމުންނެވެ.
***
ހަނދުގެ އަލިކަމުން މަހުރޫމްވެފައިވާ ކަޅުފޮއެ އަނދިރިތެރެއަށް ޝައިތާނުންނަށް ސަނާ ކިޔަމުން ހުއްޓުނީ ޒަމާންވީ ބޮޑު ގަނޑުވަރެއް ކަހަލަ މާޒްވިލާގެ ދަނގަނޑު ގޭޓުކައިރީއެވެ. ގަސްތަކުގެ ގޮފިތައް ވަސްވަސްވާހުގެ ވަޔާއި ހެލެމުންދިޔައީ ތަފާތު ހިޔަނިތައް ބިންމައްޗައް ވެރިކުރަމުންނެވެ. ޖައްވުގައި ހިފާފައިވަނީ ތެތް ފިނިކަމެކެވެ. އާދަމްގެ މޫނުގައިވި ނުލަފާ ހުނުމާއެކު އެ ދަނގަނޑު ގޭޓު ހުޅުވިގަތީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އާދަމް އަވަހަށް ޤިބްލަ ނޫން ފަރާތައް ސަޖިދަ ކޮށް އަތުން ލޭ އޮހޮރުވާލީ ޖިންނި އެތަނަށް ގެނައުމަށެވެ. އަދި އެއީ އޭނާގެ އަޅެއްކަމަށް ގަބޫލުކޮށްދިނުމަށެވެ.
"އަހަރެންނަށް ނަބީލާ ލިބެން މާ ގިނަ ދުވަހެއް ނެތް....މި މާޒްވިލާގެ ހަނދާންތައް ދެމިގެންދާނީ އޭނައާއި އަހަންނާއެކީ...މަގޭ ދުވަސް ކައިރިވެއްޖެ" އާދަމަގެ އަޑުގެ ނެތްކޮޅަށް މޮޔަ އެއްހެން ދިޔައީ ވާހަކަދައްކަމުންނެވެ.
މާޒްވިލާއާއި ދުރުގައި ހުރި ކުޑަ ކޮޓެޖްއެއް ކަހަލަ ގެއާދިމާއަށް ދިޔުމަށް ޖިންނި އޭނާ އަށް އެންގިއެވެ. އެ ކޮޓެޖަކީ ސަބީހާ އުޅުނު ގެއެވެ. އެގޭގެ މަސައްކަތު މީހެއްގެ ގޮތުގައި ސަބީހާ މަސައްކަތް ކުރަމުން ދިޔައީ އެ ކޮޓެޖްގައި އުޅެމުންނެވެ. އަދި އާދަމްވެސް ބަލާބޮޑުކުރީ ހަމަ އެ ކުޑަ ގޭގަނޑުގައެވެ. އެތަން ވަނީ މުޅިންހެން ވީރާނާވެފައެވެ. އާދަމް އެގެއާއި ކައިރި ވެފައި ކުޅު ޖެހިއެވެ. އަދި މަލާމާތު ރާގައް ހެމުން ދިޔައެވެ.
"މި ގޭގަނޑުގައި އުޅުނު މުސްކުޅި ސަބީހާ ކޮބާ؟" ޖިންނީގެ ބަރު އަޑުން އާދަމާއި ސުވާލުކުރިއެވެ.
"ސާހިބު މުޝްރިކާ...އެ ސަބީހާ މިރޭ މަރުވާނެ...އަހަރެން އޭނާއަށް ހަމަލާދިނިން" އާދަމްގެ ހުނުން ހުއްޓި ޖިންނީގެ އަޑަށް ކިޔަމަންވެ ޖަވާބު ދިނީ ކަކޫ މައްޗަށް ތިރިވެހުރެއެވެ.
***
ފަތިސްގެ އެލާމަށް ހޭލެވުނު ކެނާންއަށް މާޒިމްގެ މެސްޖްތައް ފެނުމުން އަވަހަށް ނަމާދުކޮށްލައިގެން ދިޔައީ ހޮސްޕިޓަލަށެވެ. މަދީނާ އަށް ގޮވަން ހިތަށް އެރި ނަމަވެސް މަދީނާ ވާނެ ދެރަ ހިތަށް ގެނައުމުން އެކަމަށް ފަސްޖެހުވުނީއެވެ.
"މާޒް..ކޮބާ އުރުޖުވާން...އުރުޖުވާން މާމަ ކިހިނެއް؟" ކެނާން ހޮސްޕިޓަލަށް ވަދެ މާޒިމް އާއި ސުވާލުކުރިއެވެ.
މާޒިމްގެ ލޮލުގައިވީ ރޮއެފާ ހުރިކަމުގެ ނިށާނެވެ. ލޮލުގައި ކަރުނައެއް ނެތް ކަމަކު ލޯ ވަނީ ރަތް އަރާ ދުޅަވެފައެވެ.
"ކެނާން...އިޓްސް ސަބީބީ....ކީއްވެތަ އެންމެންވެސް އެހާ ގިނަ ދޮގުތައް ހަދާ އޮޅުވާލަނީ..." ބޯ ހޫރުވަމުން މާޒިމް ގޮނޑީގައި އިށީނދެ މޫނު ދެއަތްތެރޭ ފޮރުވާލިއެވެ.
ކެނާން އަށް ވާނުވާ ނޭނގި ހުރެ އަނެއްކާވެސް ސަބީހާގެ ވާހަކައެހުނެވެ. އުރުޖުވާން ފެނޭތޯ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އިމަޖެންސީ ރޫމުން އެނދެއްގައި ނެރުނީ އުރުޖުވާންއެވެ. ކެނާންގެ ލޯބޮޑުވެ އަވަހަށް އެދިމާއަށް ދުއްވައިގަނެވުނެވެ. މާޒިމް އަދިވެސް ގަބުވެފައި ގޮނޑީގައި ހުރެވުނީ އޭނާގެ މުޅި ދިރިއުޅުމާމެދު ސުވާލު އުފައްދަމުންނެވެ.
ނުނިމޭ