ދިރާގު ދިވެހިލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި މިއަދު ހަވީރު ވީބީ އަޑޫ އެފްސީ އަތުން 2-1 ލަނޑުން މޮޅުވެ، ވިކްޓަރީއާ ދެމެދު އޮތް ހަ ޕޮއިންޓުގެ ފަރަގު ތިން ޕޮއިންޓަށް މާޒިޔާއިން ކުޑަކޮށް ލީގުގެ ތިން ވަނައަށް ޖެހިލައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއިން މިހާތަނަށް ހަ މެޗް ކުޅު، ތިން ވަނައިގައި އޮތީ 10 ޕޮއިންޓު ހޯދައިގެނެވެ. އަދި ވިކްޓަރީ ދެ ވަނައިގައި އޮތީ ހަމެޗް ކުޅެ، 13 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ވީބީ އޮތީ ހަ ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

ވީބީއާ ދެކޮޅަށް ނުކުތް އިރު ހަތް ޕޮއިންޓާއެކު ހަތަރު ވަނާގައި މާޒިޔާ އޮތް އޮތުމަށް ބަދަލު ގެނެސް، ވީބީ ކޮޅަށް މާޒިޔާއިން ލަނޑު ޖެހީ ފުރަތަމަ ހާފުގެ ކުރީ ކޮޅެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އަސަދުﷲ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން 1-0 ލަނޑުން ނިމުނު ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ވީބީން ވަނީ މާޒިޔާ ކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 ލަނޑަށް އެއް ވަރު ކޮށްފަ އެވެ.

މެޗުގެ ލީޑް ދެ ވަނަ ފަހަރަށް މާޒިޔާއިން ނެގީ ވީބީގެ އޭރިޔާ ތެރޭގައި ހުރެ އެ ޓީމުގެ ޑިފެންޑަރު ފަރުހާދު ބޯޅައިގައި އަތްލި މަންޒަރު ރާއްޖޭގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ފަރީދުއަށް ފެނުމުން ދިން ޕެނަލްޓީއަކުން ނެވެ. އެ ޕެނަލްޓީ މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މިއީ މި ސީޒަންގައި އައްމަޑޭ މާޒިޔާއަށް ކާމިޔާބު ކޮށްދިން ހަތް ވަނަ ގޯލެވެ.

ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ފޯރި ގަދަވި މެޗުގެ 90 ވަނަ މިނެޓުގައި ވީބީގެ ބިދޭސީ ކުޅުންތެރިޔާ އަބޫއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑު ފޮނުވާލާ އެވެ. އަބޫއަށް ރެފްރީ ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް މާޒިޔާގެ ގޯލްކީޕަރު ކޮށްޕާލުމުން ނެވެ.

އަބޫއަށް ރަތްކާޑު ދެއްކުމުން 10 މެޗަށް ސަސްޕެންޑް ކޮށްފައި ހުރި ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ)، ދަނޑަށް އަރައި އެ ޓީމުގެ ބެންޗު ތެރެއަށް ވެދެ ހުރިތަން ފެނުނެވެ. އެވަގުތު ދަނޑަށް ވަތް ތިބި، ސަޕޯޓަރުންގެ އަޑު ގަދަ ވެގެންދިޔަ އެވެ. އަދި މިއަދުގެ މެޗަށް ފަހު ވީބީގެ ބައެއް އޮފިޝަލުން ރެފްރީއިންނާ ދިމާލަށް ދިޔަތަން ވަނީ ފެނިފަ އެވެ. އެގޮތުން މެޗުގެ ނިންމުންތައް ރެފްރީ ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ދަނޑުތެރޭގައި ހުންނަ ރެފްރީންގެ ކޮޓަރި ކުރިމަތީގައި ތިބެ ވީބީގެ ކުޅުންތެރިންނާ އަދި އޮފިޝަލުން ވަނީ ހުތުރު ބަސްތައް ރެފްރީންނަށް ރައްދުކޮށްފަ އެވެ.

މެޗަށް ފަހު ވީބީގެ ކެޕްޓަން ސަންވީލް ގާސިމް (ބޮންޑާ) ބުނީ، ފޯވާޑް އަބޫ އާ ދިމާލާށް ރެފްރީ ފަރީދު ހުތުރު ބަހެއް ބޭނުން ކުރި އަޑު އިވުނު ކަމަށާއި މިއީ ރެފްރީންގެ ފަރާތުން އިވެންވީ އަޑެއް ނޫން ކަމަށެވެ. އަދި ވީބީގެ ޑިފެންޑަރު އަސްފާނަށް ވެސް ރެފްރީ އެފަދަ ބަހެއް ބުނި އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ.

އިތުރު ވަގުތުގެ ފަސް މިނެޓުގެ ކުޅުމާއެކު ރެފްރީގެ ކަށިގަނޑު ފުމުނުއިރު، މެޗުގެ ނަތީޖާ ނިކުތީ 2-1 ލަނޑުން މާޒިޔާ ކުރީގައި އޮވެގެނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވީބީގެ ކޯޗް ޖޭން ވަންލީ ވަނީ މިއަދުގެ މެޗް އިންސާފް ކުރި ރެފްރީނަށް ފާޑުކިޔާފަ އެވެ. އަދި މެޗުގައި ޑިފެންޑަރު ފާރުހާދު ދެއްކި ކުޅުމާ މެދު ހިތް ހަމަ ނުޖެހޭ ކަމަށް ވެސް ބުންޏެވެ.

މާޒިޔާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، ނަތީޖާއާ މެދު ހިތް ހަމަ ޖެހޭ ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ .

އަށްޓީމް ވާދަކުރާ ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް ކޮންމެ ޓީމަކަށް ހަ މެޗް ކުޅެވުނު އިރު، ލީގުގެ އެއްވަނާގައި އޮތީ 14 ޕޮއިންޓައެކު ނިއުރޭޑިއަންޓެވެ. ލީގުގައި ދެން ބައްދަލު ކުރާނީ އީގަލްސް އާއި ކުލަބް ވެލެންސިޔާ އެވެ. މިމެޗް ކުޅޭނީ އަންނަ އަންގާރު ދުވަހުގެ ހަވީރު 4:00 ގައެވެ.