31 Dec 2023, 23:50
މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވުމުގެ ސަބަބުން، ސާފުތާހިރުކަން އިސްކޮށް އެކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑރ. މުހައްމަދު އަލީ މިރޭ އިލްތިމާސްކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުޙައްމަދު ޢަލީ އެންމެ ބޮޑަށް ފާހަގަކުރެއްވީ، ތަޣައްޔަރުވެފައިވާ ފެނުގައި ޖެހުމުން ސައިބޯނި ލައިގެން ދޮވުމަށެވެ. އެގޮތުން، ސަމާލުކަންދޭންވީ ކަންތައްތަކާއި ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ވިދާޅުވީ:
ތަޣައްޔަރުވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި އުޅުމަށްފަހު، ރަނގަޅަށް ސައިބޯނި ލައިގެން އަތާއި ފައި ދޮވުން.
- ފެންބޮޑުވެފައިވާ މަގުތަކަށް ކުޑަކުދިން ގާތްވިޔަ ނުދީ، ފެނާ ކުޅެ ހެދުމަށް ފުރުސަތު ނުދިނުން.
- ފެންބޮޑުވެފައިވާ މަގުތަކަށް ކުދިން ނުކުމެއްޖެ ނަމަ އެކުދިން ސާފުތާހިރު ކުރުވުން.
- ހަކުރު ބަލި ހުންނަ މީހުން، ހަޑިވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި އުޅުމަށްފަހު ސައިބޯނި ލައިގެން ފައި ރަނގަޅަށް ދޮވެ، ފައިގައި ހަލާކުވެފައި ތަނެއް ހުރިތޯ ބެލުން
- ހަމުގައި ހުރި ފާރުގަނޑެއް ތަޣައްޔަރުވެފައިވާ ފެނުގައި ޖެހިއްޖެނަމަ ސާފުކުރުމަށް ފަހު ހިއްކައި، ބޭސް އެޅުމަށް ކްލިނިކަކަށް ދިޔުން.
މާލޭގެ ގިނަ މަގުތަކާއި ބައެއް ގެތަކުގައި ފެންބޮޑުވެފައި ވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން އިރުވައިގެ ވިއްސާރަ ކުރަމުން އަންނައިރު، މި ދުވަސްވަރަކީ މަދިރިން ޖެހޭ ބަލިތަކާއި އަރިދަފުސް ރޯގާ އާއި ހުމުގެ ނުރައްކާ ވެސް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން އެދެއެވެ.