ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަސިންޖަރުން އުފުލާ ބަހަކާއި ފްލައިޓް ކޭޓެރިން ވެހިކަލެއް މިރޭ އެކްސިޑެންޓުވެއްޖެއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޝައްމާން ޝާކިރު "ސަން"އަށް ވިދާޅުވީ، އެ އެކްސިޑެންޓުގައި އެއްވެސް ފަސިންޖަރަކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެކްސިޑެންޓުގެ ސަބަބުން ބަހުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، އެހެން ބައެއް ގެއްލުންތައް ވެފައިވާ މަންޒަރު ފެނެއެވެ.

ބޯކޮށް ވާރޭވެހި، ފްލައިޓް އޮޕަރޭޝަނަށް ބުރޫ އެރުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ބައެއް ފްލައިޓުތަކާއި ބޭރުގެ ބައެއް ފްލައިޓުތައް ވެސް މިއަދު ކެންސަލްކޮށްފައިވެއެވެ. އަދި ވިއްސާރައިގެ ސަބަބުން ވެލާނާ އެއާޕޯޓުގައި ފެންބޮޑުވެފައިވުމުން، އެމާޖެންސީ ޚިދުމަތްތަކުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.