ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތްތައް މާދަމާ ފަށާނެ ކަމަށެވެ.

އެ މަސައްކަތުގައި ހިމެނޭ މެޝިނަރީއާއި ބިމާއި މުވައްޒަފުންނާއި އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް އެއް މަސް ތެރޭ ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.

ހުޅުމާލެ ހިންގުން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.