31 Dec 2023, 19:45
މިއަދު ހުއްޓުމެއްނެތި ގިނައިރު ވާރޭވެހުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ފެންބޮޑުވެ، މައްޔިތުން ވަޅުލުމަށާއި ޖަނާޒާ ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
އާސަހަރާ މިސްކިތުގެ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު 'ސަން'އަށް މައުލޫމާތު ދެއްވިގޮތުގައި، މިއަދުގެ ގަދަ ވިއްސާރައިގެ ސަބަބުން ދެ މައްޔިތެއްގެ ޖަނާޒާ ބޭއްވުމަށް ދަތިވިއެވެ. އެގޮތުން، ސަހަރާއަށް މީހުން އައިސް ތިބެން އޮތް ތަނުގައި، މިސްކިތުގެ ދޮރާ ހަމައަށް މިހާރު ވެސް ފެންބޮޑުވެފައި އޮތް ކަަމަށް އޭނާ ބުންޏެވެ.
ހިނަވާ ގޭ ތެރެއަށް ވެސް ފެން ވަނުމުގެ ސަބަބުން ވެލިބަސްތާ ޖަހާފައިވާ ކަމަށް އޭނާ ބުންޏެވެ.
މުނައްވަރު ބުނީ، މިއަދު ވިއްސާރަ ކުރި ވަރަށް ވިއްސާރަ ނުކުރި ނަމަވެސް ބޯކޮށް ވާރޭ ވެހޭ ކޮންމެ ދުވަހަކު ވެސް މި ގޮތަށް ސަހަރާގައި ފެންބޮޑުވާ ކަމަށެވެ. މި ކަމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތައް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގެ ސަހަރާގައި މިއަދު ފެންބޮޑުވެފައި-- ފޮޓޯ/އަހުމަދު މުނައްވަރު
މާލޭ ސިޓީގައި މަރުވާ ގިނަމީހުންގެ ޖަނާޒާ ވެސް ހުޅުމާލޭގައި ބާއްވާކަން ފާހަގަކޮށް މުނައްވަރު ބުނީ، މި ކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާ ގުޅޭ ފަރާތްތަކުގައި އެދޭ ކަމަށެވެ. މިހާތަނަށް މިކަމަށް އެއްވެސް ކަހަލަ ހައްލެއް ލިބިފައި ނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
މާލެއާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ސިފައިން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
އެގޮތުން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގައާއި ގޭގޭ ދޮށުގައި ވެލި ބަސްތާ ޖެއްސުމުގައި ފުލުހުންނާއި ސިފައިންނާއި ކައުންސިލްތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.