ބެއިޖިން (މޭ 26) : ޗައިނާގައި މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ ޢަދަދު އެއް ބިލިޔަނަށް އަރައިފި އެވެ.
ވަޔަލެސް ނެޓްވާކްތަކާބެހޭ ޔުނިޔަން (ސީޓީއައިއޭ) ބުނި ގޮތުގައި ޗައިނާގައި މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ ޢަދަދު މިހާރުވަނީ އެއް ބިލިޔަނަށް އަރާފަ އެވެ. ޗައިނާގެ އާބާދީ އަކީ ގާތްގަނޑަކަށް 1.2 ބިލިޔަން ކަމަށްވާއިރު މީގެ ތެރެއިން އެއް ބިލިޔަން މީހުން މޯބައިލް ފޯނު ބޭނުންކުރެ އެވެ.

އެމެރިކާގެ އާބާދީ ގާތްގަނޑަކަށް 350 މިލިޔަން ކަމުގައިވާއިރު އެ ޤައުމުގައި މޯބައިލް ފޯނު ބޭނުންކުރަނީ 330 މިލިޔަން މީހުންނެވެ. ދުނިޔޭގެ ބޮޑު ބާރަކަށް ވާނެކަމަށް ބެލެވޭ އިންޑިޔާގެ އާބާދީ 1.1 ބިލިޔަނަށް އަރާއިރު އެޤައުމުގައި މޯބައިލް ފޯނު ބޭނުންކުރާ ކަމަށްވަނީ 370 ވަރަކަށް މިލިޔަން މީހުން ކަމަށް ތަފާސްހިސާބުތައް ބުނެއެވެ.
ޗައިނާގައި ބޭނުންކުރާ މޯބައިލް ފޯނުތަކުގެ 68 ޕަސެންޓް އުފައްދަނީ އެ ޤައުމުގައެވެ. ޗައިނާ މީހުން ގިނައިން ބޭނުންކުރަނީ އާދައިގެ މޯބައިލް ފޯނު ކަމަށާއި ނަމަވެސް އެންޑްރޮއިޑް ސިސްޓަމްގެ ސްމާޓް ފޯނާއި އައިފޯނު ބޭނުންކުރާ މިންވަރު ނިސްބަތުން އިތުރުވަމުން އަންނާތީ މި ވިޔަފާރީގެ ފައިދާ މައިގަނޑު ގޮތެއްގައި ނަގަނީ އެމެރިކާގެ އެޕަލް ކުންފުނިން ކަމަށް މިކަމާބެހޭ ގޮތުން ޗައިނާގައި ދާދިފަހުން ކުރި ދިރާސާއަކުން ހާމަވެފައިވެ އެވެ.

އިޤްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުތަކުގެ ލިސްޓްގެ ކުރީގައިއުޅޭ އަދި ދުނިޔޭގެ އިޤްތިސާދީ ދެވަނަ ބާރުކަމަށްވާ ޗައިނާގެ މެދުފަންތީގެ މީހުންގެ އާމްދަނީ އިތުރުވަމުންދާތީ އެމެރިކާގެ އެޕަލް ކުންފުނިން ޗައިނާއާމެދު ދެކެނީ އެ ކުންފުނީގެ އެންމެބޮޑު މާރުކޭޓްގެ ގޮތުގަ އެވެ.

އެޕަލް ކުންފުނި ބުނާގޮތުން 2011 ވަނަ އަހަރުގެ އެންމެފަހުގެ ތިންމަހު އެކަނިވެސް 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އައި ފޯނު ޗައިނާގެ ބާޒާރަށް ވިއްކާލެވިފައިވާއިރު މިއީ ޔޫރަޕްގެ އިއްތިޙާދުގެ ހުރިހާ ޤައުމުތަކަށް ފޯނުވިއްކައިގެން ލިބުނު ފައިސާއަށްވުރެ ވެސް މާބޮޑު އަދަދެކެވެ. -- ސީއެންއީޓީ