31 Dec 2023, 17:51
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސަރަހައްދަށް ފެންބޮޑު ވާނެ ކަމަށް ލަފާކޮށް މިއަދު މެޓު އޮފީހުން ނެރުނު އޮރެންޖު އިންޒާރު، ރީނދު ސަމާލަކަށް ދަށްކޮށްފިއެވެ.
މެޓް އޮފީހުން އޮރެންޖު ސަމާލު ނެރުނީ މިއަދު ހަވީރު 5:30 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އެއީ، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ.
މިހާރު އެ އޮފީހުން ވަނީ 5:30 އިން ފެށިގެން މިރޭގެ 21:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެެވެ. އެއީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
އެ އޮފީހުން ބުނީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު، 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މިއަދު މެންދުރު ފަހު އޮރެންޖު ސަމާލު ނެރުނު އިރު ވެސް މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. ވިއްސާރައިގެ ސަބަބުން އައްޑުއާއި ފުވައްމުލައް ސިޓީގެ ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވެފައެވެ.
މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރާ ދިމާކޮށް މިރެއަށް ތާވަލުކުރި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ވަނީ ތާރީޚެއް ނެތް ގޮތަށް ފަސްކޮށްފައެވެ.