މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި، މަގުތަކާއި ބައެއް ގެތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އެ ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ތަޣައްޔަރުވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ.

ހެލްތު ޕްރޮޓްކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ ފެންބޮޑުވުމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން އެ އިދާރާއިން ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

1. ފެންހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުން.

2. ނަރުދަމާ، ޖަންކްޝަން ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބޭރުވެފައިވާނަމަ، ސާފުކުރުމުގެ ކުރިން ޕަބްލިކް ޔުނިޓުގެ އެހީތެރިކަން ހޯދުން.

3. ހަމުގައި ފާރުގަނޑެއް ހުރިނަމަ، ފެންގަނޑުގައި ޖެހުނަ ނުދިނުމާއި، ފެން ހިންދުމުގައްޔާއި ސާފުކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެނަމަ، ފެން ނުވަންނާނެހެން މަލަންއަޅައި ފާރުގަނޑު ފޮރުވުން.

4. ފެންހިންދުމުގައްޔާއި، ފެން ހިންދުމަށްފަހު ސާފުކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް އަންގިއާއި މާސްކުފަދަ ތަކެތި ބޭނުންކުރުން. އަދި މަސައްކަތް ނިމުމުން އެތަކެތި ކޮތަޅެއްގައި ބަންދުކުރުމަށްފަހު ރައްކާތެރިކަމާއެކު އުކާލުން.

5. ދޮވެ، ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ (މިސާލަކަށް ގޮދަޑި، ސޯފާގެ ފޮތި/ ސްޕަންޖް ބައި، ބާލީސް، ފޮތް، އަދި އެހެނިހެން ކަރުދާސް ތަކެތި) އުކާލުން.

6. ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ، އެތަކެތި އުކާލުން.

7. ކުންޏާއި ތަޣައްޔަރުވެފައިވާ ތަކެތި އުކާލުމަށްފަހު، ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑު އަދި ފަރުނީޗަރު ފެނާއި އޯމޯ ނުވަތަ ބްލީޗް ލައިގެން ރަނގަޅަށް ދޮވުމަށްފަހު މުޅިން ހިކެންދެން ބެހެއްޓުން.

8. ސާފުކުރުމުގެ މަސައްކަތުގައި، ލައިގެން ހުރި އަންނައުނު އެހެން އަންނައުނާ ވަކިން ދޮވުން.

މިދިޔަ ހަފުތާއިން ފެށިގެން އިރުވައިގެ ވިއްސާރަ ކުރަމުން އަންނައިރު، މި ދުވަސްވަރަކީ މަދިރިން ޖެހޭ ބަލިތަކާއި އަރިދަފުސް ރޯގާ އާއި ހުމުގެ ނުރައްކާ ވެސް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން އެދެއެވެ.