31 Dec 2023, 15:09
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭ ސަރަހައްދުގައި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، 5:30 އާ ހަމައަށް އޮރެންޖު ސަމާލު ނެރެފިއެވެ.
ރޭ ދަންވަރުއްސުރެ މާލެއާއި މުޅި ރާއްޖެއަށް ވެސް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ.
އެހެންވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ވަނީ ހަވީރު 5:30 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލެއް ނެރެފައެވެ. އެއީ، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ.
އަދި، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ހަވީރު 5:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
އޮރެންޖު ސަމާލު ނެރުންއިރު ވެސް މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. ވިއްސާރައިގެ ސަބަބުން އައްޑުއާއި ފުވައްމުލައް ސިޓީގެ ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވެފައެވެ.
މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރާ ދިމާކޮށް މިރެއަށް ތާވަލުކުރި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ވަނީ ތާރީޚެއް ނެތް ގޮތަށް ފަސްކޮށްފައެވެ.