31 Dec 2023, 23:27
އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި އޭއެސް ރޯމާ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފިއެވެ.
ޔޫވޭގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔަބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ރޯމާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗުގައި ޔޫވޭއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 47 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްރިއަން ރެބިއޯއެވެ. މިމެޗުގައި ރޯމާއަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވެއެވެ. ނަމަވެސް މި ދެ ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔަބު ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ޔޫވޭ މިހާރު އުޅެނީ 18 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިއާއެކު ޔޫވޭއިން ވަނީ އެއްވަނައިގައި އުޅޭ އިންޓާ މިލާނާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެެވެ. އަދި ރޯމާވަނީ މިމެޗުން ބަލިވުމުން 28 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ވެއްޓިފައެވެ.
މިމުބާރާތުގެ ތިންވަނައިގައި އުޅޭ އޭސީ މިލާނާއި ސަސޮއުލޫ ބައްދަލުކުރި މެޗު އެއްލަނޑު ސުންލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާންއެވެ. މިމެޗުގައި މިލާންއިން ކާމިޔަބުކުރި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. މިކާމީޔާބީއާއެކު މިލާން މިހާރު އުޅެނީ 18 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ސަސޮއުލޫ އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.
މީގެ އިތުރުން ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު އެޓަލާންޓާ އާއި ލެއްޗެ ބައްދަލުކުރި މެޗު އެއްލަނޑު ސުންލަނޑުން އެޓަލާންޓާ ކާމިޔާބު ކުރިއިރު އުދިނޭސީ އާއި ބޮލޯނިއާ ބައްދަލުކުރިމެޗު ތިން ލަނޑު ސުންލަނޑުން ކާމިޔާބު ކުރީ އުދިނޭސީއެވެ.